ލާމަރުކަޒީ ނިޒާމު ރަނގަޅަށް ހިނގާނީ ކައުންސިލް އިންތިޚާބަށްފަހު: ރައީސް ނަޝީދު

ލާމަރުކަޒީ ނިޒާމު ރަނގަޅަށް ހިނގާނީ ކައުންސިލް އިންތިޚާބަށްފަހު: ރައީސް ނަޝީދު

Author
މުޙައްމަދު ޝަޒައިމް
11 ނޮވެމްބަރ 2020 09:51
0

ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއިއެކު ކައުންސިލްތަކުގެ ހިންގުން ހަރުދަނާވެ، ބާރުވެރިވެގެންދާނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ފަހުގައިކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ފުވައްމުލަކު ސިޓީ ކައުންސިލާއި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އެންމެ ބޮޑު ބާރަކީ ލާމަރުކަޒީ ނިޒާމުކަމަށެވެ. ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމަކަށްވާއިރު، ރައްޔިތުންގެ ބާރު ހިނގާނެ ނިޒާމަކީ ލާމަރުކަޒީ ނިޒާމުކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ނިޒާމުގައި ހުރި މައްސަލަތަކަށް ހައްލު ގެނެސް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ޤާނޫނުން މިހާރު ދީފައިވާއިރު، ކޯވިޑް19 އާއި ގުޅިގެން ޤާނުނަށް ގެނެވުނު ބަދަލުތަކުގެ ބޭނުން އަދި ކުރެވިފައި ނުވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. ނަމަވެސް މާރޗް މަހުގައި ބާއްވާ ކައުންސިލް އިންތިޚާބަށްފަހު ލާމަރުކަޒީ ނިޒާމުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެވި ކައުންސިލްތަކަށް ބާުތައް ދޫކޮށްލެވިގެން ދާނެކަމަށެވެ.

މިނިޒާމަށް ގެންނަން ބޭނުންވާ އެތައް ބަދަލެއްއެބަވޭ، އެބަދަލު ގެންނަން އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބަޔަކު ފަހަތަށް ނުޖެހޭނެ. ރައީސް ޞާލިހުގެ އެންމެ ބޮޑު ވައުދަކީ ލާމަރުކަޒީ ނިޒާމު ވަރުގަދަ ކުރުން. ލާމަރުކަޒީ ޤާނޫނަށް ގެނެވިފައިވާ ބޮޑެތި އިސްލާހުތަކަކީ ރައީސް އޮފީހާއި، މަޖިލިސް މެމްބަުން ވަރަށް ގާތުން ގުޅިގެން ގެނައި އިސްލާހު ތަކެއް. މިއަދު ކޯވިޑާއިއެކު އެއިސްލާހުތަކުގެ ބޭނުން އަދި ވަނީ ނުކުރެވިފަ. އިންތިޚާބް ނުވޭއްވި ކައުންސިލްގެ މުއްދަތު ދިގުލާފައިވަނީވެސް މިސަބަބާއިހެދި. މާޗް މަހުގައި އިންތިޚާބް ބޭއްވޭނެ، އިންތިޚާބަށްފަހު ލާމަރުކަޒީ އިސްލާހު ރަނގަޅަށްވެސް ބޭނުން ހިފޭނެ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ބާރުތައް ވަކި ތަނަކަށް ޖަމާކުރުމުގެ ބަދަލުގައި މުޅި ރާއްޖެއަށް ބާރުތައް ބަހާލުންކަމަށެވެ، ޚާއްސަކޮށް އަސާސީން ކަންކަމުގައި ރަށްރަށުން މާލެ އަށް އަންނަންޖެހޭ އައުމަށް ނިމުން ގެނެސް ހެޔޮ ވެރިކަމުގެ ނިޒާމެއް ޤާއިމް ކުރުންކަމަށެވެ. މިއަދު ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކާއިއެކު ރާއްޖޭގެ ލާމަޒުކަޒީ ނިމާޒަށް ހެޔޮ ބަދަލުތަކެއް އައިސް ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކެއް ލިބިގެން ދާނެކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ކޯވިޑް19 އާއި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުން ތަކުން އަރައި ގެނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށާއި، ރައްޔިތުންގެ ތާއީދާއިއެކު ރާއްޖެ އަލުން އޮތް ހާލަތަށް ގެންދަވާނެކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.