މާލޭގެ ރައްޔިތުންނަށާއި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަކަތަށް މާލެ ހަދައި، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ލޮނުޒިޔާރަތްކޮޅު ޕާކުހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލޭގެ ނުތަނަވަސްކަން ފިލުވައި، ހިތްފަސޭހަ މާޙައުލަކަށް ހެދުމަށްޓަކައި، ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އަދިވެސް އެބަހުރިކަމަށެވެ. އެއީ ހަމައެކަނި ޕާކުތައް ހެދުމާއި، ޕާކް ކުރާނެ ޖަގަހަތައް ހެދުމެއްވެސް ނޫންކަމަށެވެ. މާލެއަށް އުފަން ރައްޔިތުންނަށް، މާލޭގެ ސަރަހައްދުން ބޯހިޔާވަހިކަން ހޯދައިދިނުމަކީވެސް، މާލޭގެ މައްސަލަތަކަށް ބޭނުންވާ، ވަރަށް އަވަސް ޙައްލެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި އަންނަ އަހަރަށް ސަރުކާރުން ކަނޑައެޅި މަޝްރޫޢުތަކުގެ ތެރެއިން، މާލެ ސަރަޙައްދުގައި، އެންމެ އިސްކަންދީގެން ކުރާނެ އެއްކަމަކީ، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތުގެ ޢަމަލީބައި ކުރިއަށް ގެންދިޔުން. އިރާދަކުރެއްވިއްޔާ، އޭރުން މާލޭ ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެ.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު ހުޅުވި ޕާކަށް ވަދެލުމުން އިޙްސާސް ކުރެވެނީ، ވަރަށް އުފާވެރި ބަދަލުތަކެއްގެ އިހުސާސްކަމަށެވެ. ޒަމާނީ ޑިމޮކްރެސީގެ ދަށަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅިގެން ދިޔުމުގެ، އުފާ ފާޅުކުރުމަށް މާލޭގެ ރައްޔިތުން، އެއްވި ބިމަކީ އެެއީކަމަށް ރައީސް ވިދާޅުވިއެވެ.
އާދެ، މިދެންނެވީ، 2008 ވަނަ އަހަރުގެ ރިއާސީ އިންތިޚާބުގައި، އެމް.ޑީ.ޕީ.ގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް މުޙައްމަދު ނަޝީދަށް، ކާމިޔާބު ލިބިވަޑައިގަތުމުގެ އުފާ އެންމެ ފުރަތަމަ ފާހަގަކުރެވިގެންދިޔަ ބިމުގެ ވާހަކަ. އެހެންވީމާ، މިއީ އުންމީދާއި ބަދަލުވުމާއި ހިތްހަމަޖެހުމާ ވަރަށް ގުޅިފައި އޮތް ބިމެއް. ފަތިހުގެ ފިނިކަމުގެ ތެރޭގައި، އިރު އަރައިގެން އަންނަ މަންޒަރު ބަލަން، އެންމެ ގިނަ މީހުން އެއްވެ ތިބެނީ މި ޕާކުތެރޭގައި. ދުވާލުގެ ގަދަ ހޫނަށްފަހު، ހަވީރުގެ ފިނި ރޯޅިތައް ޖައްވަށް ފެތުރިގަންނަ ވަގުތުވެސް، ހިތް އުފާކޮށްލުމަށް އެންމެ ގިނަ ބަޔަކު އެއްވެ ތިބެނީ މި ބިމަށް. އެހެންކަމުން، އަޅުގަނޑަށް ގަބޫލުކުރެވެނީ، މާލޭގެ ލޮނުޒިޔާރަތްކޮޅުގައި މިހާ ނަލަ، މިހާ ހިތްގައިމު ޕާކެއް ތަރައްޤީ ކުރުމުން، ނުތަނަވަސްކަމާއި ހާސްކަން ފިލުވާލައި، ނަފްސު ތާޒާކޮށްލުމަށް، މިތަނަށް އަންނަ މީހުންގެ ޢަދަދު، ވަރަށް ބޮޑު ތަނުން އިތުރުވެގެންދާނެ ކަމަށް.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
މީގެ ކުރިން މިތަން އޮތްގޮތް ފެނި، މިތަން މިހާރު އޮތްގޮތް ފެންނަމުންދާއިރު، ގަބޫލުކުރެވެނީ، މާލެ މިހާރު އޮތް ޙާލަތުގައިވެސް، މާލޭގައި ދިރިއުޅޭ މީހުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދައިދިނުމަކީ، ކުރެވިދާނެ ކަމެއްކަމަށެވެ. އެކަން އެންމެ ބޮޑަށް ގަބޫލުކުރައްވާނެ އެއް ބޭފުޅަކީ، މި ޕާކް ހުޅުއްވައިދެއްވި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، ޢުމަރު ޒާހިރު ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނަކީ، މި މާލެ މިއަދު މި ދެކޭ ބަދަލުތަކުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއްކަމަށާއި، މާލޭ މުނިސިޕަލްޓީގެ ރައީސްގެ ހައިސިއްޔަތުން ކަމަށްވިޔަސް، ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ނުވަތަ ޕަބްލިކް ވާރކްސް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށްވިޔަސް، މާލެ ތަރައްޤީ ކުރުމުގައި، ޢަމަލީގޮތުން އެމަނިކުފާނު އަދާކުރެއްވި މުހިންމު ދައުރަށްޓަކައި، އެމަނިކުފާނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ވިދާޅުވީ މާލެ ހިތްފަސޭހަ ކުރުމުގެ މަސައްކަތުގެ ދަށުން، މާލޭގެ ކިތަންމެ ސަރަޙައްދެއްގައި މިހާރުވާނީ އުޅަނދުފަހަރު ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ހިނގާ މީހުންނަށާއި، އެއްގަމު އުޅަނދުތަކަށް މަގުމަތިން ޖާގަ ހޯދައިދީފައިކަމާށެވެ. މާލޭގެ ބިމުގެ ދަތިކަން ބޮޑުކަމުން، ބޭނުންވާ މިންވަރަށް މިކަން ނުކުރެވުނަސް، މާލޭގައި ހުސް ބިންތައް އުފެއްދުމަށްޓަކައި، ސަރުކާރުގެ އިތުރު ޢިމާރާތްތައް މާލޭގައި ހެދުން މި އަންނަނީ މަދުކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ