ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާއި، ނުދެއްކުމަށް ކުރާ ޕްރެޝަރު! ކިހާވަރެއްގެ ހުއްޖަތެއް އޮތް ޑިމާންޑްތަކެއްތަ؟

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާއި، ނުދެއްކުމަށް ކުރާ ޕްރެޝަރު! ކިހާވަރެއްގެ ހުއްޖަތެއް އޮތް ޑިމާންޑްތަކެއްތަ؟

ހިޔާ ފްލެޓްތަކަކީ، ކުރީ ސަރުކާރުން އިޖުތިމާއީ ބޯހިޔާވަހިކަމަށް އަމާޒުކޮށް ހިންގި އެ ސަރުކާރުގެ އެންމެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ އެއް މަޝްރޫޢެވެ. އެހެން ނަމަވެސް. އާދަޔާ ޚިލާފަށް ސައިޒުން ކުޑަކޮށް ޑިޒައިންކޮށް، އިމާރާތްކޮށްފައިވާ 7،000 ފްލެޓް ރައީސް ޔާމިންގެ ސަރުކާރު ނިމިގެން ދިޔައިރުވެސް މުޅިން ނިންމާލެވިފައެއް ނުވެއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، މި ފްލެޓްތައް މުޅިން ނިންމުމުގެ ގިނަ މަސައްކަތްތައް ކުރިޔަށް ގެންދާން ޖެހުނީ ރައީސް އިބުރާހިމް މުހައްމަދު ސަލިހުގެ ސަރުކާރަށެވެ. މީގެތެރޭގައި ފްލެޓްތައް ނިންމުމަށް ކުރަންޖެހިފައިހުރި އިމާރާތުގެ ބައެއް މަސައްކަތްތަކާއި، ކަރަންޓާއި ފެނާއި އަދި މިނޫނަސް މިފަދަ ގިނަގުނަ މަސައްކަތްތަކެއް ހިމެނެއެވެ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ، ފްލެޓްތައް ނިންމުމަށް މި ސަރުކާރުންވެސް އެތައް ގިނަ މުއްދަތުތަކެއް ދީ، ފްލެޓްތައް ނުނިމި އެތައް މުހުލަތުތަކެއް ފަހަނައަޅައިގެން ދިއުމެވެ.

ހިޔާ މަޝްރޫޢުގެ ރައީސް ޔާމިންގެ ދެކަނބަލުން އިފްތިތާހު ކޮށްދެއްވަނީ

އެހެންނަނަމަވެސް، ފާއިތިވެދިޔަ އަހަރު މި ފެލްޓްތައް އޭގެ ހައްގުވެރީންނާއި ހަވާލުކޮށް، ފްލެޓްތަކުގެ އަގަނީ މަހަކަށް 8،500 ރުފިޔާކަމުގައި ނިންމާ، ފްލެޓްތަކުގައި މީހުންވެސް ވަނީ ދިރިއުޅެން ފަށާފައެވެ. މިގޮތުން ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި މިހާރު 2000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން ދާއިރު، އެތަނުގެ ކުއްޔަކީ މަހަކު 7500ރ.އެވެ. އަދި މެއިންޓެނެންސް ފީ ގެ ގޮތުގައި ދައްކަންޖެހޭ 1000ރ. އާއިއެކު ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަތާތްތަކުން އެޗްޑީސީއަށް ދައްކަންޖެހޭ މަހު ކުލީގެ ޖުމްލަ އަދަދަކީ 8،500 ރުފިޔާއެވެ.

އަދި ފްލެޓްތަކުގައި ދިރިއިރުޅު ފަރާތްތަކަށް، ފްލެޓްތަކުގެ ފިޝިނިންގެ މަސައްކަތްތަކަށް ދެވުނު ގްރޭސް ޕީރިއަޑް ނިމި، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ހުރިހާ ފަރާތަކުންވެސް މިމަހުން ފެށިގެން، ކޮންމެ މަހެއްގެވެސް 10ވަނަ ދުވަހުގެ ކުރިން އެޗްޑީސީއަށް ކުލި ދައްކަން ޖެހެއެވެ. އެހެންނަމަވެސް މިއީ ކުލި ބަލައިގަންނަ ފެށި މަސްކަމަށް ވުމުގެ އިތުރުން އަދި ރޯދަމަސް ކަމަށް ވުމާއެކު، މިމަހުގެ ކުލި ދެއްކުން ލަސްވެގެން ދިޔަނަމަވެސް ޖޫރިމާނާ ނުކުރާ ގޮތަށްވެސް އެޗްޑީސީން ވަނީ ހަމަ ޖައްސާފައެވެ.

 

ކުލީގެ މައްސަލައިގެ ފެށުން! ކުރީ ސަރުކާރުން ކުލި ހިސާބުކުރީ ގޯސްކޮށް!

ހިޔާ ފްލެޓްތަކުގެ ކުލީގެ ވާހަކަ ދައްކާއިރު އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލާން ޖެހެނީ، ކުރީ ސަރުކާރުން ހިޔާ ފްލެޓްތަލުގެ ކުލި ވަކި މިންގަޑަކަށް ކަޑައަޅާ އާންމު ކުރި ތާރީޙާއި މުއްދަތެވެ.

ހިޔާ ފްލެޓްތަކަކީ، ރައީސް ޔާމިންގެ 2018ގެ ރިޔާސީ ކެމްޕޭނަށް އަމާޒުކޮށް ނިންމުމަށް މަސައްކަތް ކުރަމުން އައި މަޝްރޫޢަކަށްވި ނަމަވެސް، އޭރުގެ ސަރުކާރަށް އެ މުއްދަތުގައި މަޝްރޫއު އެކީ ނިންމާލެވިފައެއް ނުވެއެވެ. ނަތިޖާއެއްގެ ގޮތުން، ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒުވަނީ، މި ފްލެޓްތައް މުޅިން އެހާތަނަށް ނިންމާލެވިފައި ނުވިނަމަވެސް، އެޕްލައި ކޮށްފައިތިބި މީހުންގެ ލިސްޓުތައް އެކުލަވާލާ، އިންތިޚާބު ނިމި، އެހެންނަމަވެސް އާސަރުކާރު ހުވާ ކުރުމާ ދެމެދު ލިބުނު މުއްދަތުގައި، ފްލެޓްތައް މީހުންނާއި ހަވާލުކޮށް، އަދި އެ މުއްދަތުގެ ތެރޭގައި ފްލެޓްތަކުގެ ކުލިވެސް ކަޑައަޅާ، ނިންމާ އާންމުވެސް ކޮށްފައެވެ.

ރިޔާސީ އިންތިޚާބު ނިމި، އެހެންނަމަވެސް އާސަރުކާރު ހުވާކުރުމުގެ ކުރިން ލިބުނު މުއްދަތުގައި ފްލެޓްތަކުގެ ކުއްޔަކީ 6500 ރުފިޔާކަމަށް ކަނޑައަޅާ އޭރުގެ ސަރުކާރުން ވަނީ އިއުލާންވެސް ކޮށްފައެވެ.

އެހެންނަމަވެސް މިސަރުކާރުން ހިޔާ ފްލެޓްތަކުގެ ކުއްޔަކީ 8،500 ރުފިޔާކަމުގައި ނިންމުމުގެ ކުރިން، އޮޑިޓް އޮފީސް މެދުވެރިކޮށް، މިމަޝްރުއުގެ ކުއްޔާއި ގުޅޭގޮތުން ފައިނޭޝަން އޮޑިޓެއް ހަދާފައިވެއެވެ.

މިގޮތުން މި ރިޕޯޓުން ފާހަގަވެގެންދިޔަ އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ފާހަގަ ވާންއޮތީ، ކުރީ ސަރުކާރުން މަހު ކުލީގެ ގޮތުގައި ހިސާބު ކޮށްފައިވާ 6،500 ރުފިޔާގެ މަހުކުލި ހިސާބު ކޮށްފައިވަނީވެސް ރަގަޅަށް ނޫންކަމެވެ.

ކުރީ ސަރުކާރުން ޔުނިޓްތަކުގެ މަހު ކުލި ހިސާބު ކޮށްފައިވާ ގޮތުން، ޕްރޮޖެކްޓަށް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހޭނެ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވޭ

މި ރިޕޯޓުގައި، މުޅި މަޝްރޫޢަށް ކޮށްފައިވާ ޚަރަދުތަކާއި އަންދާޒާތަކާއި، އަދި އެ ޚަރަދުތަކާއި އަންދާޒާތައް ބިނާކޮށްފައިވާ އަސާސްތަކުގެ ސައްޙަކަން ބެލުމަށްފަހު، ހާމަ ކުރި ގޮތުގައި ހައުސިންގ ޔުނިޓަކަށް މަހަކު ދައްކަންޖެހޭ ކަމަށް 2018 ވަނަ އަހަރު (ރައީސް ޔާމިންގެ ސަރުކާރުގައި) މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ (މެއިންޓަނެންސް ޚަރަދުގެ ގޮތުގައި 1،000 ރުފިޔާ ހިމަނާއިގެން) 6،600 ރުފިޔާއަކީ، އީ.އެމް.އައި މެތަޑާ އެއްގޮތަށް ހަދާފައިވާ ހިސާބެއް ނޫންކަމަށެވެ.

މިރިޕޯޓުގައި ބުނެފައިވަނީ، މިފަދަ ހައުސިންގ މަޝްރޫޢުތަކުގެ ޔުނިޓުތައް ވިއްކާނެ އަގު ކަނޑައެޅުމަށް އާންމުކޮށް ބޭނުންކުރާ މެތަޑަކީ އީކުއޭޓެޑް މަންތްލީ އިންސްޓޯލްމަންޓް (އީ.އެމް.އައި) މެތަޑް ކަމަށެވެ.

އެހެންނަމަވެސް، 2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ތައްޔާރުކޮށްފައިވާ ހިސާބުގައި 20 އަހަރުގެ މުއްދަތަށް، މަހަކަށް 6،600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކުމުން، ޔުނިޓަކަށް ފައިނޭންސް ކޮސްޓްގެ ގޮތުގައި ނެގިގެންދާނީ 99،647 ރުފިޔާ ކަމަށްވާއިރު، އެހެންނަމަވެސް، އީ.އެމް.އައި މެތަޑަށް ހިސާބު ހަދައިފިނަމަ، ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1،245،879 ރުފިޔާ ޖެހޭނެ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

މީގެ މާނައަކީ، މަހަކަށް 6،600 ރުފިޔާގެ ރޭޓުން ޔުނި ޓެއް ވިއްކައިފިނަމަ، ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1،155،231 ރުފިޔާގެ ގެއްލުން ވާނެކަމަށް މި ރިޕޯޓުގައި ބަޔާން ކޮށްފައިވާ ޕްރޮޖެކްޓް ފައިނޭންސްގެ ތަފްސީލުތައި ފާހަގަ ކޮށްފައި ވެއެވެ.

އެހެންކަމުން، ކުރީ ސަރުކާރުން، ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ކަޑައެޅި ކުއްޔަށް ބަރޯސާކޮށް، އަދި އެއަަށްވުރެވެސް ކުލި ކުޑަކުރުމަށް މިހާރު ކުރެެވެމުންދާ ޑިމާންޑްތަކަށް ރަގަޅަށް ފީނާ ފަތާ، އޭގެ އެންމެ ފުނާއި ހަމައަށް ދަތުރު ކުރާއިރު، މިހާރު ކުރެވެމުންދާ ޑިމާންޑްތަކާއި އެއްގޮތަށް އެޗްޑީސީއަށް މި ފްލެޓްތަކުގެ ކުލި މިހާރު ހުރިވަރަށްވުރެ ކުޑަ ކުރެވޭނޭ ގޮތެއް އޮތް ކަމަކަށް ފެންނާކަށް ނެތެވެެ.

އޭގެ ފުރަތަމަ ސަބަބަކީ، ހިޔާ ފްލެޓްތަކުގެ ކުލި މިހާރުގެ ޑިމާންޑްތަކާއި އެއް މިންވަރަކަށް ކުޑަ ކުރުމަކީ، މާލީގޮތުން އޭގެ ހިސާބުތައް ދެކޮޅު ޖެއްސޭނޭ ކަމެއްގެ ގޮތުގައި ހިސާބުތަކުން ނުދައްކާތީއެވެ. ދެވަނަ ސަބަބަކީ، ލޯނު ނަގައިގެން އިމާރާތް ކޮށްފައިވާ މި ފްލެޓްތަކުގެ ކުލި ކުޑަ ކޮށްގެން، ދަރަނީގައި ސަރުކާރަށް ލޯންދައްކަމުން ކުރިޔަށް ދެވިދާނެތޯ އަދި ކުރިޔަށް ދެވޭނީ ކިހާ މުއްދަތަކަށް ކުރެވޭ ސުވާލަށް ދޭންޖެހޭ ޖަވާބެވެ.

 

ކުލި އާދަޔާ ޚިލާފަށް ކުޑަކުރުމަށް ކުރަމުންދާ ޑިމާންޑްތައް!

ހިޔާ ފްލެޓްތަކަކީ ކުރީ ސަރުކާރުން، އިޖުތިމާޢީ ބޯހިޔާވަހިކަމަށް އަމާޒު ކޮށްގެން އިމާރާތްކޮށްފައި، 14 ޓަވަރުގެ މައްޗަށް އެކުލެވިފައިވާ 7،000 ފްލެޓެވެ. އަދި އިޖުތިމާއީ ބޯހިޔާވަހި ކަމަށް އަމާޒުކޮށް މި ފްލެޓްތައް އިމާރާތް ކޮށްފައިވި ނަމަވެސް، މި ފްލެޓްތައް އިމާރާތް ކޮށްފައިވަނީ އެ ސަރުކާރުން ނެގި ބޮޑެތި ލޯނުތަކުން ހޭދަ ކޮށްގެންކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

މިގޮތުން މި 7،000 ފްލެޓް އިމާރާތް ކުރެވިފައިވަނީ ދެ ފަރާތަކުން ނަގާފައިވާ ލޯންތަކުން މަޝްރޫއަށް ފައިނޭންސް ކޮށްގެންނެވެ. މީގެ ތެރޭގައި ހިމެނެނީ، އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ ލިމިޓެޑް (އައި.ސީ.ބީ.ސީ) އިން ނަގާފައިވާ 368,900,000 ޑޮލަރުގެ ލޯން ފެސިލިޓީއަކާއި ކްރެޑިޓް ސްއިސް އޭޖީ، ސިން ގަޕޯރ ބްރާންޗް (ސީ.އެސް) އިން ނަގާފައިވާ 65,100,000 ޑޮލަރުގެ ލޯން ފެސިލިޓީއާއި އެކު، ޖުމްލަ 434,000,000 މިލިއަން ޑޮލަރު ލޯންގެ ގޮތުގައި ދިވެހި ސަރުކާރުން ނަގައިގެންނެވެ.

އަދި މިއިން ކޮންމެ ލޯނަކަށްވެސް 2 އަހަރުގެ ގްރޭސް ޕީރިއަޑެއް ލިބިގެން ގޮސްފައިވާއިރު، މީގެތެރެއިން އައި.ސީ.ބީ.ސީއިން ނަގާފައިވާ ލޯނު 15 އަހަރު ތެރޭ ދައްކާ ޚަލާސް ކުރަން ޖެހޭއިރު، ސީ.އެސް އިން ނަގާފައިވާ ލޯނު 5 އަހަރުގެ ތެރޭގައި ދައްކާ ޚަލާސް ކުރަން ޖެހެއެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ހުޅުމާލޭގައި އަޅާފައިވާ ހިޔާ ފްލެޓްތައް: ކޮތަރު ކޮށިތަކެއްގެ ގޮތުގައި މިތަންތަން ސިފަކުރެވެނީ ތަންތަން ސައިޒުން އާދަޔާ ޚިލާފަށް ކުޑަވުމުގެ ސަބަބުން

އަދި، ފްލެޓްތަކަށް އެޕްލައި ކޮށްފައިތިބި މީހުންގެ ލިސްޓުތައް އެކުލަވާލާ، 2018ގެ އިންތިޚާބު ނިމި، އެހެންނަމަވެސް އާސަރުކާރު ހުވާ ކުރުމާ ދެމެދު ލިބުނު މުއްދަތުގައި، ފްލެތައް މީހުންނާއި ހަވާލުކޮށް، އަދި އެ މުއްދަތުގެ ތެރޭގައި ފްލެޓްތަކުގެ ކުލިވެސް ކަޑައަޅާ، އަވަސް އަރުވާލައިގެން އިއުލާންކުރުމުގެ ނަތީޖާއެއްގެ ގޮތުން ފްލެޓް ނުލިބުނު އެތައް ބައެއްގެ ޝަކުވާތައް އުފެދި، އަދި ސިޔާސީ ބޭނުމަށް އޭރުގެ ސަރުކާރުގެ މަޖިލިސް ބައެއް މެމްބަރުންގެ އިތުރުންވެސް އިސް މަގާމްތަކުގައި ތިއްބެވި އެތައް ބަޔަކަށް ނުހައްގުން ފްލެޓް ދީފައިވާ ކަމުގެ އެތައް ތުހުމަތެއްވެސް ވަނީ ކުރެވިގެން ގޮސްފައެވެ.

އެހެންކަމުން، ވަކީ ޚާއްސަކޮށް ބޮޑެތި ލޯންތަކަށް ބަރޯސާކޮށް، ހިންގާފައިވާ މިފަދަ ބޮޑު ޕްރޮޖެކްޓަކާއި ގުޅުންހުރި މާލީ މުއާމަލާތުތައް އެގޮތް މިގޮތަށް ހަދާ، އަދި މިގޮތުން ކުލި ކުޑަކުރުމަށް އަންނަހާ ޑިމާންޑްތަކަށް ދީލާލުން ވެގެންދާނި ސަރުކާކާރުގެ ކުރިމަތީގައި އޮންނާނޭ ބޮޑު ގޮންޖެހުމަކަށް މެނުވީ ނުވާނޭކަމުގައި ގަބޫލުކުރަން ޖެހެއެވެ. ސަބަބަކީ ހިޔާ މަޝްރޫޢުގެ ދަރަނި ދެއްކުމުގެ ޒިންމާ ސަރުކާރަށް އުފުލެން އޮންނާނީ، މި ތަނުން ލިބޭ ކުއްޔަށް ސީދާގޮތުން ބަރޯސާ ކޮށްގެން ކަމަށް ވާތީއެވެ.

 

ގިނަ އާއިލާތަކުން ދަނީ ކުލި ރަގަޅަށް ދައްކަމުން!

މިމަހުންފެށިގެން ހިޔާ ފްލެޓްތަކަށް ކުލިދެއްކުމަށް އަންގާފައިވާއިރު، ގިނަ ބަޔަކު ކުލި ދައްކަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ބުނެފައެވެ.

އަދި ވަކީން ޚާއްސަކޮށް، ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މާލޭގެ އާންމު ކުލިތަކާ އަޅާ ބަލާއިރު، ނިސްބަތުން ކުޑަ ކުއްޔެއްކަމުގައި ގަބޫލުވެސް ކުރަން ޖެހެއެވެ. އެހެންނަމަވެސް، އާންމު ރައްޔިތުންގެ މާލީ ހާލަތު ހުރި މިންގަޑުތަކަށް ބަލާއިރު، މި ފްލެޓްތަކުގެ ކުއްޔާއި ގުޅެގޮތުން، ޖަޒްބާތުތަކާއި ޝްކުވާތެއް ނުހުރެ ނުދާނެކަމަކީވެސް ގަބޫލުކުރަންޖެހޭ އެއް ހަގީގަތެވެ.

އެހެނަމަވަވެސް، މުޅި ޕްރޮޖެކްޓަށް ވަށައިޖެހޭ ނަޒަރަކުން ވިސްނުން ހިންގާލާއިރު، މި ފްލެޓްތަކުގެ ކުލި މިހާރު ހުރި މިންވަރު ނޫން އެހެން މިންގަޑަކަށް ކުލި މިވަގުތަށް ބެހެއްޓިދާނޭ މަގެއް މާލީ ހިސާބުތަކުން ފެންނާން ނެތްކަމުގައި ދަންނަވާން ޖެހެއެވެ. އަދި ސަރުކާރުގެ ދަރަންޏާއި މާލީހާލަތަށް ރިއާޔަތްކުރާއިރު، ފްލެޓްތަކުގެ ކުލި ކުޑަކޮށްގެން، އެޗްޑީސީއަށްވެސް އަދި ސަރުކާރަށްވެސް ދިގުމުއްދަތަކަށް، ގެއްލުމުގައި ކުރިޔަށް ނުދެވޭނެކަމީވެސް ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

އެހެންކަމުން، ހަމައެކަނި ސިޔާސީ ފަރާތައް ކުރީގައި ތިއްބަވައިގެން، ސިޔާސީ މީހުންގެ ވިސްނުމަށް އެވަގުތަކަށް އަންނަ ކުއްޔެ މިފްލެޓްތަކަށް ހަމަޖައްސަން ޖެހޭނެ ކަމަށް ބުނުމާއި، ކުލި ނަގައިގެން ނުވާނެ ކަމަށް ބުނުމާއި، އަދި މިނޫނަސް ކުއްޔާއި ގުޅޭގޮތުން ކުރެވެމުންދާ މި ބާވަތުގެ ގިނަ ޑިމާންޑްތަކަކީ، ސަރުކާރަށް އޮތް ސިޔާސީ ޕްރެޝަރއަކަށް ވިނަމަވެސް، މިއީ އެކަށިގެންވާ ހުއްޖަތްތަކެއްގެ މައްޗަށް ބިނާވާ ޑިމާންޑްތަކެއް ނޫންކަމުގައިވެސް ދަންނަވާން ޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *