ތިލަފުށި ދެގުނަ ބޮޑު ކުރުމަށް، ބިންހިއްކަން ހުޅުވާލައިފި

ތިލަފުށި ދެގުނަ ބޮޑު ކުރުމަށް، ބިންހިއްކަން ހުޅުވާލައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތިލަފުށި ފަޅު ހިއްކައި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުރިޔަށްގެންދަން ހަމަޖެހިފައިވާ މަޝްރޫޢުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިއަށް އޮތް މޭ މަހުގެ 8 ވަނަ ދުވަހުގެ 15:30 ގެ ކުރިން އެ ކުންފުންޏަށް ލިޔެކިޔުންތައް ހުށަހެޅުމަށް ހުޅުވާލާފައިވާކަމަށެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ނިންމުމަށް ހޭދަވާނެކަމަށް ބެލެވޭ މުއްދަތާއި ގާބިލުކަމަށް ބަލައި ފުރުސަތު ލިބިގެންދާނެކަމަށް އިއުލާނުގައި ބުނެއެވެ.

އެޗްޑީސީން ތިލަފުށީގައި ކުރިޔަށްގެންދާ މަޝްރޫޢަކީ އެ ރަށުގެ 160 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އަލަށް ހިއްކާ ސަރަހައްދުތައް އެޗްޑީސީން ތަރައްގީކުރަނީ ޖުމްލަ 6 ސަރަހައްދަކަށް ބަހާލައިގެންނެއެވެ. އެގޮތުން އިންޑަސްޓްރިއަލް މަސައްކަތްކުރުމަށް ވަކި ސަރަހައްދެއް ހާއްސަކޮށްފައިވާއިރު، ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް އެޅުމަށް ވެސް އަލަށް ބިން ހިއްކާ ސަރަހައްުދުން ބޮޑު ބިމެއް ވަނީ ހާއްސަކޮށްފައެވެ. އޭގެ އިތުރުން ލުއި ސިނާއީ މަސައްކަތް ކުރިޔަށް ގެންދިޔުމަށާއި މިކްސް-އޮފީސް އަދި ކުދި ވިޔަފާރި ސަރަހައްދުތައްވެސް ހިމެނެއެވެ.

ދިގު މިނުގައި ގާތްގަނޑަކަށް ހަތް ކިލޯ މީޓަރު އަދި ފުޅާ މިނުގައި 200 މީޓަރު ހުންނަ ތިލަފަޅަށް ކުނި އަޅައިގެން ހިއްކަން ފެށީ ޖެނުއަރީ 7، 1992 ގަ އެވެ. މާލެ އާއި މާލެ ކައިރި ރަށްތަކުން އުކާލާ ކުނި ބޭނުންކޮށްގެން ހިއްކަން ފެށި ތިލަފަޅުގައި ތަފާތު ހަތަރު ބައެއް ހިއްކާފައިވެ އެވެ. އެ ގޮތުން، އެ ރަށުގެ ބޮޑުމިން މިހާރު ގާތްގަނޑަކަށް 4.6 މިލިއަން އަކަފޫޓަށް އަރައެވެ.

އެޗްޑީސީން އެ މަސައްކަތަށް ތައްޔާރުކުރި ޑިޒައިން ރިޕޯޓުގައި ބުނާ ގޮތުގައި މި މަޝްރޫޢަށް 500،000 ކިއުބިކް މީޓަރުގެ ވެލި ބޭނުނެވެއެވެ. އެގޮތުން ހުޅުމާލެ ފޭސް 2 ގެ އެކި ސަރަހައްދުތަކުން ބޭނުންވާ ވަރަށް ވެލި ނަގައިގެން ބޭނުންކުރެވިދާނެ ކަމަށްވެސް ރިޕޯޓުން ދައްކައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *