"އައްޑޫއަކީ މަށާ ބެހޭވެސް ތަނެއް ނޫން" ކަމަށް އައްސާން ވިދާޅުވުމުން ޝަކުވާ ރައީސަށް!

"އައްޑޫއަކީ މަށާ ބެހޭވެސް ތަނެއް ނޫން" ކަމަށް އައްސާން ވިދާޅުވުމުން ޝަކުވާ ރައީސަށް!

އައްޑޫ މީދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުއްރަޙްމާން (އައްދު)، ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން، އައްޑޫއާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކުވާ ޝަކުވާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވައިފިއެވެ.

އެކްސް މެދުވެރިކޮށް އައްދު ހާމަކުރެއްވި ގޮތުގައި، ރިޔާސީ ބަޔާނަށްފަހު މަޖިލިސް އިދާރާގައި ބޭއްވުނު ބައްދަލުވުމެއްގައި ވަޒީރު ޣައްސާން ވަނީ އައްޑޫގެ ރައްޔިތުންނާ ބެހޭގޮތުން އެކަށީގެންނުވާ ގޮތަކަށް ވާހަކަފުޅު ދައްކަވާފައެވެ. މި މައްސަލައިގައި އައްދު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުއްވައި، 35،000 މީހުންގެ އާބާދީއެއް އޮންނަ އައްޑޫގެ ރައްޔިތުންނާ މެދު މިފަދަ ގޮތަކަށް އެއްވެސް ވަޒީރަކު މުޚާޠަބު ނުކުރެއްވޭނެ ކަމަށް ފާހަގަކުރައްވާފައެވެ.

އައްދުގެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި، އައްޑޫގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ދެ މައްސަލައަކާ ގުޅިގެން އޭނާ ވަޒީރަށް ގުޅުއްވި ކަމަށް ދެންނެވުމުން، ވަޒީރު ވަނީ ކޯފާ އިސްކުރައްވައި، "ކަލޭމެން ގުޅައިގެން ފޯނަށް ޖަވާބު ދޭކަށް ނުޖެހޭނެ، އައްޑޫއަކީ މަށާ ބެހޭވެސް ތަނެއް ނޫން" ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން އައްދު ހާމަކުރެއްވި ގޮތުގައި، ވަޒީރަށް ގުޅުއްވީ އައްޑޫގެ ކަނޑު އުޅަނދުފަހަރުގެ ހާދިސާތަކުގައި މުދަލާއި އުޅަނދު ސަލާމަތްނުކޮށް ދޫކޮށްލާ މައްސަލައާއި، އައްޑޫ ގަމުގައި ޑްރޯން ބޭސް ހެދުމަށް ނިންމާފައިވާ މައްސަލައާ ގުޅޭގޮތުންނެވެ. އަދި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޣައްސާން، އައްޑޫގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކާ ގުޅޭގޮތުން ވެސް ހަނދާންކޮށްދިންކަމަށް އައްދު ވިދާޅުވެފައިވެއެވެ.

އައްދު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީގައި ވަނީ ވަޒީރު ޣައްސާން އައްޑޫގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަތުމަށާއި، ވަޒީރުކަމުގެ މަސްއޫލިއްޔަތުތަކާއި ހުވައި އަލުން ހަނދުމަފުޅުކޮށް އެރުވުމަށް އެދިވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *