ރިޔާސީ ބަޔާން 2025: ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ

ރިޔާސީ ބަޔާން 2025: ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވި ރިޔާސީ ބަޔާނުގައި، މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް އިންޑިއާގެ އެހީގައި ހަދަމުންދާ ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 50.88 ޕަސެންޓް ނިމިފައިވާ ކަމަށް ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ އަގަކީ 500 މިލިއަން ޑޮލަރު ކަމަށްވާއިރު، އޭގެ ތެރެއިން 400 މިލިއަން ޑޮލަރަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ލިބޭ އެހީއެކެވެ. އަދި 100 މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރުން ދެއްވާ ހިލޭ އެހީއެކެވެ.

މާލޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން މާލޭގެ މަގުތައް އަލުން ހެދުމުގެ މަޝްރޫޢު ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެ މަޝްރޫޢުގެ ފީސިބިލިޓީ ދިރާސާ ނިމި، މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، މާލެ ސަރަހައްދުގެ ފެނުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން މާލެ އާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅުވާލައި، ސިނަމާލެ ބްރިޖުގައި އަޅާފައިވާ ހޮޅިން ފެން ފޯރުކޮށްދިނުން މި އަހަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި މާލެ ސަރަހައްދުގައި ފެން އުފައްދާ މިންވަރު 25 ޕަސެންޓް އަދި ފެން ރައްކާކުރުމުގެ ޤާބިލުކަން 30 ޕަސެންޓް އިތުރުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މާލޭގެ ޕާކިންގ މައްސަލަ ހައްލުކުރުމަށްޓަކައި އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސިންގގެ އެހީގައި މާލޭގެ ހަތަރު ސަރަހައްދެއްގައި ތިމާވެއްޓާ ރައްޓެހި، އިއާދަކުރަނިވި ހަކަތައިން ހިންގާ ޕާކިންގ ބިލްޑިންގތަކެއް އެޅުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

އައްޑޫ ސިޓީގެ ތަރައްޤީއާ ގުޅޭގޮތުން، އައްޑޫ ބްރިޖުގެ ޑީޓެއިލްޑް ސާވޭ އަދި އިންޖިނިއަރިންގ ޑިޒައިންގެ މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޯދުމަށް މި މަހު އިޢުލާންކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫޢު ނިމުމަކާ ކައިރިވެފައިވާ ކަމަށާއި، 282 މިލިއަން ރުފިޔާގެ ފެނުގެ މަޝްރޫޢުގެ މަސައްކަތް ނިމި، އޭގެ މަންފާ މި އަހަރުގެ ތެރޭގައި ރައްޔިތުންނަށް ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *