ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ކަޓުވާލުމަށް ފަހު ވިޔަރެއާލް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.
މި ފަހަރުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގައި ވިޔަރެއާލް ވަނީ 1-0 އިން ބަޔާން ބަލިކޮށްފައެވެ. އަދި ރޭ ބަޔާން ދަނޑުގައި އެ ޓީމުން ލީޑުނެގި ނަމަވެސް ވިޔަރެއާލުން ވަނީ މެޗުގެ ފަހު ވަގުުތު 1-1 އިން އެއްވަރުކޮށްފައެވެ. އެގްރިގޭޓުން ބަލާއިރު، ވިޔަރެއާލަށް ކުރި ލިބުނީ 2-1 އިންނެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ބެޔާން މިއުނިކުންނެވެ. މެޗުގެ 52 ވަނަ މިނިޓުގައި ބެޔާން އިން ލީޑު ނަގައި އެގްރިގޭޓް ނަތީޖާ އެއްވަރުކުރި ލަނޑު ޖަހައިދިނީ ރޮބާޓް ލެވަންޑޯސްކީއެވެ. އޭނާ މި ލަނޑު ޖެހީ ވިޔަރެއާލްގެ ޑެނީ ޕަރޭހޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ތޯމަސް މުލާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
ފުރިހަމަ ވަގުތު ހަމަވާއިރު އެގްރިގޭޓް ނަތީޖާ އެއްވަރުވެގެން، އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހޭނެ ކަމަށް ހީކުރެވުނަސް، ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށްވެފައި ވަނިކޮށް ވިޔަރެއާލަށް ލަނޑުޖަހައި އެގްރިގޭޓުން ކުރި ހޯދައިދިނީ ސެމިއުލް ޗުކްވުއެޒޭ އެވެ. އޭނާ ލަނޑު ޖެހީ މޮރޭނޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. ވިޔަރެއާލުގެ މި ލަނޑު ރެފްރީ ގަބޫލުކުރީ ޗުކްވުއެޒޭ އޮފްސައިޑު ކަމަށް ހީކޮށް ވީއޭއާރު ބެލުމަށް ފަހުއެވެ.
ވިޔަރެއާލުން ސެމީ ފައިނަލުގެ ޖާގަ މި ހޯދީ ޔޫރަޕްގެ ގަދަ ދެ ބާރު ކަޓުވާލައިފަ އެވެ. ގަދަ 16 ބުރުގައި ޔުވެންޓަސް ދަނޑުގައި މޮޅުވެ، އެ ޓީމު ކަޓުވާލިއިރު، ކުއާޓާގައި މި ވަނީ ޗެމްޕިއަންސް ލީގުގެ ތަށި ހަ ފަހަރު ހޯދާފައިވާ ބަޔާން ބަލިކޮށްފައެވެ.
މިއީ ވިޔަރެއާލްގެ ތާރީހުގައި އެ ޓީމުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅޭ ދެ ވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ކުޅުނީ 2005 ވަނަ އަހަރުއެވެ. އެ ފަަހަރު ސެމީ ފައިނަލުގައި ވަނީ އާސެނަލް އަތުން ބަލިވެފައެވެ.
ކޮމެންޓު ފޮނުވާ