މަސްކިރޭނެ ގޮތެއް ހޯދޭނެކަމަށް ވިދާޅުވެ މަސްވެރިންގެ އިހުތިޖާޖަށް ނަޝީދުގެ ހިތްވަރު ދެއްވައިފިއެވެ.
ރައީސް ނަޝީދު މަސްވެރިންގެ އިހުތިޖާޖަށް ހިތްވަރު ދެއްވާފައިވަނީ މަސްވެރިން ބާނާ މަސްކިރުވޭނެ ގޮތެއްނެތި ގިނަ އަދަދެއްގެ މަސްވެރިން އިއްޔެއާއި މިއަދު އިހުތިޖާޖު ކުރަމުންދަނިކޮށެވެ. މިއަދު ދެކުނުގެ މަސްވެރިން ވަނީ ކޫއްޑޫގެ ބަނދަރު ސަރަހައްދުގައި މަސްކިރުވޭނެ ގޮތެއް ހޯދައި ދިނުމަށް ގޮވާލާ އަޑު އުފުލާފައެވެ.
އިހްތިޖާޖުކުކުރި މަސްވެރިން ވަނީ މިފްކޯ އިން އެއްބަސްނުވަނީސް މަސް ދޯނިތައް ކޫއްޑޫ ބަނދަރުން ނުނެރޭނެ ކަމަށްވެސް ބުނެފައެވެ. މިއަދުގެ އިހްތިޖާޖުގައި 26 ދޯންޏެއްގެ މަސްވެރިން ބައިވެރިވިއިރު، ފުލުހުންވެސް ވަނީ މަސްވެރިންނާ ވާހަކަދައްކައިގެން ސުލްހަވެރިކަމާ އެކު މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައެވެ.
މަސްވެރިންގެ އިހުތިޖާޖަށް ހިތްވަރު ދެއްވައި ރައީސް ނަޝީދު ހިއްސާ ކުރެއްވީ ރާޅުގަނޑު ބޮޑުބެރު ގްރޫޕްގެ "ބާރަށް ދުއްވާ" ލަވައެވެ. ރައީސް ނަޝީދު ވިދާޅުވީ މަސްކިރޭގެ ގޮތެއް ހޯދޭނެކަމަށެވެ.
ކެޔޮޅާ ވައި ހުރި ކޮޅަކަށް ނުބަލާ ފަރި އަޅުވާލާ. މަސް ކިރޭނެ ގޮތް ހޯދޭނެ.
– ރާޅުގަނޑު ބޮޑުބެރު ގްރޫޕްގެ "ބާރަށް ދުއްވާ" ލަވަ ހިއްސާކޮށް ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
Keyolhaa vai huri kolhakah nubalaa fari alhuvaalaa. Mas kireyne goiy hodheyne????????https://t.co/SotjS6zkAs
— Mohamed Nasheed (@MohamedNasheed) April 12, 2022
ރައީސް ނަޝީދު މިއަދު މަސްވެރިންނަށް ހިތްވަރު ދެއްވާފައިވާއިރު މިދިޔަ ހަފްތާ މަސްވެރިންގެ ދިފާއުގައި ނެރުއްވި ބަޔާނެއްގައި ވެސް ވަނީ މަސްވެރިންނަށް ވީވައުދު ފުއްދުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ. އެ ބަޔާނުގައި ވެސް އެ މަނިކުފާނު މަސްވެރިންނާ މުހާތަބު ކުރައްވާފައިވަނީ "ކެޔޮޅާ"ގެ ގޮތުގައެވެ.
ރާއްޖޭ މަސްވެރިން ބާނާ މަސް އަދިވެސް އެންމެ ގިނައިން ގަންނަނީ ސަރުކާރުގެ ކުންފުނިތަކުން ކަމަށާއި، އެމް.ޑީ.ޕީ ގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯ ދުށް ގޮތުގައި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިއީ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުން މިވައުދު ފުއްދުމަށް ކުރަންޖެހޭ މަސައްކަތް ނުކުރާކަމަށް ވިދާޅުވެ ރައީސް ނަޝީދުވަނީ ވައުދު ފުއްދުމަށް ސަރުކާރަށް ގޮވާލާފައެވެ.
މިދިޔަ ހަފްތާ އިން ފެށިގެން މިފްކޯ އިން މަސް ގަންނަނީ ކޮންމެ ދޯންޏަކުން ފަސް ޓަނެވެ. އެހެންވެ އިހްތިޖާޖުކުރަމުންދާ މަސްވެރިން ގެންދަނީ އެ މީހުން ބާނާފައި ހުރި ހުރިހާ މަހެއް މިފްކޯ އަށް ކިރުމަށް ގޮވާލައި އަޑުއުފުލަމުންނެވެ. އަދި އެގޮތަށް މިފްކޯ އިން އެއްބަސްނުވަނީސް މަސް ދޯނިތައް ކޫއްޑޫ ބަނދަރުން ނުނެރޭނެ ކަމަށްވެސް މަސްވެރިން ދަނީ ބުނަމުންނެވެ.