އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސްމީހާކަމަށް ތުހުމަތުކުރާ މުޙައްމަދު އަމީނާއި، ޓެރަރިޒަމްގެ ސީރިއަސް ތުހުމަތުތަކެއް ކުރި ޔަމަނުގެ ޔާސިރު ޔަހުޔާއާއި ގުޅުން އޮތްކަމަށް ކޯޓުގައި ހެކިބަސް ދީފިއެވެ.
ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ ޢަމަލެއް ހިންގަން ރޭވުމުގެ ދައުވާލިބޭ މުޙައްމަދު އަމީންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާވެސް ކުރެއެވެ. ނަމަވެސް އެ ދައުވާތަކަށް އަމީން އިންކާރު ކުރެއެވެ.
މި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ ދައުލަތު ފަރާތުން ހުށައެޅި ހެކިވެރިއެއްގެ ހެކިބަސް ނަގާފައެވެ. ކާކުކަން ނޭނގޭގޮތަށް ސިއްރުން ހެކިބަސް ދީފައިވަނީ ފުލުހުންގެ އިދާރާގައި ޓެރަރިޒަމްގެ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އޮފިސަރެއްގެއެވެ.
އޭނާ ބުނީ، އަމީން އަކީ ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށް ސުވާލުކޮށްފައިވާ މީހެއްކަމަށާއި، އަމީން އަކީ ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮންނަ އަދި އެ ފިކުރު ފަތުރަން އުޅޭ މީހެއްކަމަށެވެ.
ހެކިވެރިޔާ ވަނީ ޓެރަރިޒަމްގެ ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާ ޔަމަންގެ ރައްޔިތެއްކަމަށްވާ ޔާސިރު ޔަހްޔާއާއި އަމީންއާއި ގުޅުން އޮތްކަމަށް ބުނެފައެވެ. އެގޮތުން ޔާސިރު ޔަހްޔާއާއި ދެ ފަހަރެއްގެ މަތިން އަމީން ދިރިއުޅޭ ގެކައިރިް ބައްދަލުކޮށްފައިވާކަމަށާއި، ޔާސިރަކީ ހަރުކަށި ފިކުރުގެ ބޮޑު މީހެއްކަމަށް ތުހުމަތުކުރެވޭކަމަށް ހެކިވެރިޔާ ބުންޏެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ހަރުކަށި ފިކުރު ޕްރޮމޯޓްކުރާކަމަށް ބުނާ ޝިފާޒް ކިޔާމީހަކާއި ޢަލީ އާދަމްކިޔާ ދެމީހުންނާ އަމީން ބައްދަލުކޮށްފައިވާކަމަށް ބުންޏެވެ. އެ ދެމީހުންނަކީ ޖިހާދަށް ދިޔަ ދެމީހުންނެވެ.
އަމީންނާއި ޔާސިރު ޔަހުޔާއާއި ގުޅުމެއް އޮތްކަމަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވާއިރު، ޔާސިރު ޔަހްޔާ ވަނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ހުއްޓާ ބަނޑުހައި ހޫނުކަމުހެ ހަޅުތާރެއް ހިންގާފައެވެ. މިއާއެކު އޭނާގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނިކޮށް އޭނާ ވަނީ މަރުވެފައެވެ.
ޔާސިރު ޔަހްޔާއަކީ، އަލްގައިދާ ޖަމައާތާއި ގުޅުން އޮންނަ އެ ޖަމާއަތުގައި އިސް ދައުރެއް އަދާކުރާ އެ ޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ޓެރަރިސްޓް ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެއްކަމަށް ފުލުހުން ވަނީ ވިދާވެފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުގައި އެ ޖަމާއަތުން ހިންގާ ހަރަކާތްތައް ރާވާ ވިލަރެސް ކުރުމުގެ އިތުރުން ޓެރަރިޒަމާއި ގުޅުން ހުރި މައްސަލަތަކުގައި ފުލުހުންގެ ތަހްގީގަށް ގެނެވެފައިވާ ދިވެހިންނާއި ޔާސިރު ޔަހްޔާ ގުޅުން ބަދަހިކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ޝަރީޢަތުގެ މިއަދުގެ އަޑުއެހުމުގައި އަމީން ވަނީ އޭނާއާއި އެހެން ޤައިދީންނާއި ތަފާތުކުރާކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ދައުލަތުން ވަނީ އެހެން ޤައިދީންނާ އަމީންއާއި ތަފާތު ނުކުރާކަމަށް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދީފައިވާކަމަށް ބުނެފައެވެ.
އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކްގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެންވެސް ފުލުހުން ހޯދަން އުޅުނު މީހެކެވެ. އޭރު އަމީން ހައްޔަރުކުރަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް އޭނާ ހައްޔަރުކުރީ ސްރީލަންކާގައި އުޅެނިކޮށް 2011 ވަނަ އަހަރުއެވެ. އޭގެފަހުން އޭނާ ރާއްޖެ ގެނެސް ދޫކޮށްލާފައި ބެހެއްޓުމަށްފަހު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރީ 2019ވަނަ އަހަރުއެވެ.
އަމީންއަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.
One Response
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި އަމީނުގެ ނަން ހިމެނުނީ ސަލްޓަންޕާކު ބޮމުގެ މައްސަލައިގެ ފަހުން ރާއްޖޭގައި ޓެރަރިސްޓުން އުޅޭކަމާއި އަމީން އަކީ ބޮން ގޮއްވާކި ޓެރަރިސްޓު ކަމަށް ދިވެހި އިންޓެލިޖެންސުން އެމެރިކާއަށް އެންގުމުން.