ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ވެސްޓްހޭމް އާއި ލިޔޯން ބައްދަލުކުރި މެޗުވެސް އެއްވަރުވެގެން ނިމިއްޖެއެވެ.
ލަންޑަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ވެސްޓް ހޭމުން ރޭވި ގޮތަށް ކުރިއަށްދާން މައްސަލަ ދިމާވީ އެ ޓީމުގެ އާރޮން ކްރެސްވެލް އަށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ލިޔޯންގެ މޫސާ ޑެމްބެލޭ ހުސްކޮށް ބޯޅަ ހިފައިގެންދިޔަ ވަގުތެއްގައި ހުރަސްއެޅި ކަމަށް ބަލައި ކްރެސްވެލް އަށް ދެއްކީ ސީދާ ރަތެކެވެ. މިއީ ޔޫރަޕްގެ ރަސްމީ މުބާރާތެއްގައި ވެސްޓް ހޭމް ކުޅުންތެރިއަކަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.
މި މެޗުގެ ދެގޯލުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ޖެރޮޑް ބޯވެންގެ ލަނޑުން ވެސްޓްހޭމް ލީޑު ނަގާފައި ވަނިކޯށް ލިޔޯންއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޓަންގޭއެވެ. ފުރަތަމަ ހާފުގެ ވެސްޓްހޭމްގެ އާރޯން ކްރެސްވެލްއަށް ރަތް ކާޑު ދެއްކުމުން މެޗުގެ ދެވަނަ ހާފު އެއްކޮށް ވެސްޓްހޭމް އިން ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ.
އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ ލިޔޯން ދަނޑުގައި ކޮންމެ ޓީމެއް މޮޅުވި ކަމުގައި ވިޔަސް ސެމީން ޖާގަ ލިބޭނެއެވެ.
ކުއާޓާ ފައިނަލުގައި ބްރާގާ އާއި ރޭންޖާސް ބައްދަލުކުރި މެޗު ކާމިޔާބުކުރީ ބްރާގާއިންނެވެ. މެޗުގެ ހަމައެކަނި ލަނޑު ބްރާގާއަށް ކާމިޔާބު ކޮށްދިނީ އަބޭލް ރުއިޒްއެވެ. އެޓަލަންޓާގެ ލުއިސް މުރިއެލް ލީޑުނަގައިދީފައި ވަނިކޮށް އާރްބީ ލައިޕްޒިގުން 1-1 އިން އެއްވަރުކުރީ އެޓަލަންޓާގެ ޑަވިޑޭ ޒަޕަކޯސްޓާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.