އިމިގްރޭޝަން ޤާނުނަށް ގެނައި އިސްލާހުތަކުން ޤައުމުގެ ހަމަޖެހުމާއި، މިނިވަންކަމަށް ބުރޫއަރާނެ: އިދިކޮޅު

އިމިގްރޭޝަން ޤާނުނަށް ގެނައި އިސްލާހުތަކުން ޤައުމުގެ ހަމަޖެހުމާއި، މިނިވަންކަމަށް ބުރޫއަރާނެ: އިދިކޮޅު

Author
މުޙައްމަދު ޝަޒައިމް
10 ނޮވެމްބަރ 2020 08:19
0

ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަން ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ގެނައި އިސްލާޙުގެ ސަބަބުން ޤައުމުގެ ހަމަޖެހުމާއި މިނިވަންކަމަށް ބުރޫ އަރާނެކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ރާއްޖޭގައި 250،000 ޑޮލަރު އިންވެސްޓްކުރާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަން ޤާނުނަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ގެނައި އިސްލާހު އެކޯލިޝަނުން ބަލައެއް ނުގަންނަކަމަށެވެ. މި އިސްލާޙުގެ ސަބަބުން ޤައުމުގެ ހަމަޖެހުމަށާއި މިނިވަން ކަމާއި އިސްތިޤްލާލަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫންކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

ހަމައެއާއެކު ރާއްޖޭގެ ވިޔަފާރިތަކަށް އިތުރު ގެއްލުންތައް ކުރިމަތިވެ، ދިވެހި ރައްޔިތުންގެ ދިރިއުޅުމަށްވެސް އޭގެ ސަބަބުން އެތައް ނުރައްކާތަކެއް ކުރިމަތިވެގެން ދާނެ ކަމަށް ޤަބޫލުކުރެވޭ. މިފަދަ ގޮތަކަށް ރާއްޖޭގައި ވަޒަންވެރިވެ ހުރުމުގެ މަދަނީ ހުއްދަ ދޫކުރާ ގޮތަށް އިމިގްރޭޝަން ޤާނޫނަށް މި ގެނެވުނު އިސްލާހުގެ ސަބަބުން މިކޯލިޝަނާއި ދިވެހި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ކައިރި ޤައުމުތަކުން އަގުހެޔޮ ލޭބަރުން އިތުރުވެ، އެމީހުން ގެސްޓް ހައުސްއާއި އެހެނިހެން ވިޔަފާރީގެ ކޮންޓްރޯލް ނެގުމާއި ރާއްޖޭގެ އާބާދީގެ ތެރޭގައި ދިވެހިންގެ ގޮތުގައި މަޑު މަޑުން ބަލައިގަންނަން ފެށުން.

މި އިސްލާޙު ފާސް ކުރުމުގައި، ސަރުކާރާއި ސަރުކާރު ހިމެނޭ ކޯލިޝަން (ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމް އަދި އަދާލަތު ޕާޓީ) މިކަމުގައި ހަނު ތިބެގެން ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ރިޕޯޓުގައިވާ ގޮތުގައި އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހުތައް ފާސްކުރާތާ 14 ދުވަހުގެ ތެރޭގައި ކަމާ ބެހޭ ގަވައިދުތައް ދައުލަތުގެ އިދާރާތަކުން ހަދަން ޖެހެ އެވެ. މިހާރު އަމަލުކުރަމުން އަންނަ ގަވައިދުގައިވާ ގޮތުން ރާއްޖޭން ރެސިޑެންޓް ވިސާ ދޫކުރަނީ މަދުވެގެން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) އިންވެސްޓްކުރާ މީހުންނަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.