ޕެންޑަން ކޭކަކީ މިހާރު ވައިގަ ހިފައިގެން އުޅޭ އެންމެންގެ ފޭވަރިޓް އަކަށް ވެއްޖެއެވެ. މިކޭކު އެޅުމަށް ބޭނުން ކުރަނީ ރާނބާފަތެވެ. ރާނބާ ފަތަކީ ފޮނި އެއްޗެހި ހެދުމަށް ކުރީއްސުރެވެސް ދިވެހިން ބޭނުން ކުރަމުން އައި އެއްޗެކެވެ.

ބޭނުންވާނެ ތަކެތި:
- 100 ގުރާމް ފުށް (ފުރާނާފައި)
- 1/4 ސައި ސަމުސާ ލޮނު
- 1 ސައި ސަމުސާ ބޭކިންގ ޕައުޑަރ
- 5 ބިސް (ގޮބޮޅި ވަކި ކޮށްފައި)
- 20 ގުރާމް ހަކުރު
- 60 ގުރާމް ހަކުރު (ވަކިން)
- 3 ސަމުސާ ކުކިންގ އޮއިލް
- 30 މިލިލީޓަރ ރާނބާފަތުގެ ދިޔަ (ހަދަން ބޭނުންވާނީ 13 ރާނބާފަތް، 3 ސަމްސާ ފެން)
- 100 މިލިލީޓަރ ކާށި ކިރު
އައިސިންގއަށް ބޭނުންވާ ތަކެތި:
- 3 ސަމުސާ ކާށިކިރު
- 1/2 ސައި ސަމުސާ ކާށި އެސެންސް (ބޭނުމިއްޔާ ނޭޅިޔަސް ރަނގަޅުވާނެ)
- 1 ޖޯޑު އައިސިންގ ޝުގަރ
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ރާނބާފަތް ޖޫސް ކުރުމަށް ފަތްކޮޅު ކޮށާލާފައި ފެންފޮދާއެކު މިކްސަރެއްގައި ގިރާލާށެވެ. (ޕޭސްޓަކަށް ވަންދެން) ރަނގަޅަށް ހިމުން ކޮށްލާށެވެ. އެއަށްފަހު ފުރޭންޔެއް ބޭނުންކޮށްގެން ދިޔަ ކޮޅު ފުރާނާލާށެވެ.
ކޭކު އެޅުމަށް ބިހުގެ ގޮބޮޅި، 20 ގުރާމް ހަކުރު އަދި ތެޔޮ ގަށާލާފައި ކާށިކިރު އެއްކޮށްލާށެވެ. އެއްވުމުން ރާނބާފަތުގެ ދިޔަ އެއްކޮށްލާފައި ގަށާލާށެވެ. ވަކި ތަށްޓެއްގައި ފުށް، ލޮނު އަދި ޕައުޑަރ އެއްކޮށްލާފައި ދެން ހުރި ކޭކު ފުށްގަނޑުތެރެއަށް އެއް ކުރަމުންދާށެވެ.
ބިހުގެ ހުދު ބަޔާއި 60 ގުރާމް ހަކުރު ވަކި ތަށްޓެއްގައި މިކްސްކުރާށެވެ. ރަނގަޅަށް މިކްސްވުމުން ހުންނާނީ ވިޕްކްރީމް ހުންނަގޮތަށެވެ.
މި މިކްސް ކޭކު ފުށްގަނޑު ތެރެޔަށް މަދުމަދުން، ވަރަށް ބަލައިގެން އެއް ކުރަމުން ދާށެވެ. އެއްކޮށް މިކްސްވުމުން 165 ޑިގްރީ ސެލްސިއަސްގައި 50 މިނިޓް ވަންދެން ފިހެލާށެވެ. ތެޔޮކޮޅަކުން ގްރީސް ކޮށްފައި ހުރި ޓްރޭއަކަށް އެޅުމަށްފަހު ފިހެލާނީއެވެ.
އައިސިންގ ތައްޔާރު ކުރުމަށް ކާށިކިރު، އެސެންސް އަދި އައިސިންގ ހަކުރު އެއްތައްޓެއްގައި މިކްސްކޮށްލާށެވެ. ކޭކު ފިހެވި، ހިހޫވުމުން ޓްރޭއިން ނަގައި، ކޭކުގެ މައްޗަށް ތައްޔާރު ކުރި އައިސިންގ ކޮޅު އަޅާ ބަހައްޓާށެވެ.
ކޮމެންޓު ފޮނުވާ