ސްރީ ލަންކާއަކީ ދިގު ޒަމާންތަކެއް ވަންދެން ވަރުގަދަ އަހުލީ ހަނގުރާމައެއް ހިގަމުން އައި، ރާއްޖެއާއި އެއްގޮތް ނުވިނަމަވެސް، ޖަޒީރާ ގައުމެކެވެ. އަދި އެގައުމުގައި 1983 އަކުން 2009 ވަނަ އަހަރުގެ ނިޔަލަށް ހިގައިގެން ދިޔަ، 26 އަހަރުވީ އަހުލީ ހަނގުރާމާގައި 200،000 އަށްވުރެ ގިނަ އާންމު ރައްޔިތުންވަނީ މަރުވެފައެވެ.
އެހެންނަމަަވެސް، 2009 ވަނަ އަހަރު، ސްރީ ލަންކާގެ މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ރައީސް ކަމުގައި، މިނިވަން ދައުލަތެއް އެގައުމުގައި އުފެއްދުމަށް ހަނގުރާމަ ކުރަމުން އައި ތަމަޅަ ޓައިގަރުން ބަލިކޮށް، އެ ޖަމާއަތުގެ އިސް ލީޑަރުންތައް މަރާލާ، އަހުލީ ހަނގުރާމައަށް ވަނީ ނިމުން ގެނެސްފައެވެ. 2009ވަނަ އަހަރު މަހިންދަ ރާޖަޕަކްސްގެ ރައީސްކަމުގައި މި ހަގުރާމައަށް ނިމުމަކަށް ގެނައިއިރު އެގައުމުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ރައީސް، ގޮޓަބަޔަ ރާޖަޕަކްސައެވެ. ގޮޓަބަޔަރ އަކީ، މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ދޮށީ ބޭބެއެވެ.
މަހިންދަ ރާޖަޕަކްސަވަނީ 2004 ވަނަ އަހަރުވެސް ސްރީ ލަންކާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. އަދި އެއަށްފަހު އޭނާ ވަނީ 2005ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް އެގައުމުގެ ރައީސްކަންވެސް ކުރައްވާފައެވެ. އަދީ އޭނާއަކީ، އެގައުމުގެ އަހުލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އޭނާގެ ދައުރުގައި ހިންގި، އަނިޔާވެރި ހަގުރާމައިގެ ނަތީޖާއެއްގެ ގޮތުން، އޭރުގެ ސަރުކާރުން ހޯދި މިކާމިޔާބީގެ ސަބަބުން އެގައުމެ އާބާދީގެ މެޖޯރިޓީ އޮންނަ ސިންގހަލަ-ބުޑިސްޓް ދަރިކޮޅުގެ ތާއީދު ވަރަށް ބޮޑަށް އޮންނަ ބޭފުޅެކެވެ.
އެހެންނަމަވެސް، އޭނާގެ ވެރިކަމުގައި 2009ވަނަ އަހަރު، ތަމަޅަ ޓައިގަރުން ކުރަމުންއައި އަހުލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް، ސަރުކާރުން ކުރިޔަށް ގެންދިޔަ އަނިޔާވެރި ހަނގުރާމާގައި، އަހުލީ ހަނގުރާމައިގެ އެންމެ ފަހު ހަފްތާގައި އެކަނިވެސް އާންމުންގެ 40،000 މީހުން މަރުވެފައިވާ ކަމަށް ޔޫއެންއިން އަންދާޒާ ކޮށްފައިވެއެވެ. މިމީހުންނަކީ، ސްރީ ލަންކާގެ ސަރުކާރުން އޭރު ކަނޑައެޅި އުދުހުން މަނާ ސަރަަހައްދަކަށް ރައްކާތެރިކަން ހޯދުމަށް އެއްވެފައިވަނިކޮށް، އެ ސަރަހައްދަށް ސްރީ ލަންކާގެ އަސްކަރިއްޔާއިން ބޮން އެޅުމުގެ ސަބަބުން މަރުވެފައިވާ މީހުންނެވެ.

އެހެންނަމަވެސް، މަހިންދަ ރާޖަޕަކްސަވަނީ، އޭނޭގެ ސަރުކާރުން ތަމަޅަ ޓައިގަރުންނާއި ދެކޮޅަށް ގަތުލު އާންމު ހިންގާފައި ވާކަމަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި މި ތުހުމަތުތަކުގެ މައްޗަށް ބައިނަލްއަގުވާމީ ތަހުގީގެއް ހިންގުމަށްވެސް އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި އެގައުމުގެ އެކި ފަރާތްތަކުން ފައިތުވެދިޔަ ތަނުގައި ހިންގާފައިވާ ތަހުގީގުތަކުން ވަނީ، ހަގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ ތުހުމަތުތައް އެކަށީގެންވާ ގޮތެއްގައި ނުބެލިފައެވެ.
މަހިންދަ ރާޖަޕަކްސަގެ ވެރިކަން 2015ވަނަ އަހަރު ނިމިގެން ގޮސްފައިވަނީ އޭނާގެ ސަރުކާރުގެ ތެރޭގައި ހިގައިދިޔަ ކޮރަޕްޝަނާއި ފަސާދައިގެން ގިނަ ކަންކަން އާންމުވެ، ގައުމުގެ ދަރަނި އިންތިހާއަށް މަތިވެ، ޖެހިގެން އައި ރިޔާސީ އިންތިޚާބުގައި އޭނާއަށް ނާކާމިޔާބީއާއި ކުރިމަލައްވަން ޖެހިވަޑައިގަތުމާއި ގުޅިގެންނެވެ.
އެހެންނަމަވެސް، އޭގެ 6 އަހަރުފަހުން، ބޭއްވުނު އެގައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ސްރީ ލަންކާގެ ވެރިކަމަށް ވަޑައިގެންނެވީ އޭނާގެ ދޮށީ ބޭބެ ގޮޓަބަޔަ ރާޖަޕަކްސައެވެ. އަދި އެއާއެކު އަނެއްކާވެސް ގައުމުގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ، މަހިންދަ ރާޖަޕަކްސައެވެ.
މުޅި ގައުމުގެ ބައިތުލްމާލު އެއް އާއިލާގެ މުށު ތެރޭގައި!
ސްރީ ލަންކާގެ މިހާރުގެ ބޮޑުވަޒީރު، މަހިންދަ ރާޖަޕަކްސް އެންމެ ފުރަތަމަ، 2004 ވަނަ އަހަރު ސްރީ ލަންކާގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ފަހުން އޭނާ ވަނީ އެކި ގޮތްގޮތުން އޭނާގެ ނުފޫޒު ސްރީ ލަންކާގެ ސިޔާސީ މަސްރަހުގައި ދަމަހައްޓާފައެވެ. މިގޮތުން ފާއިތުވެދިޔަ 17 ވަރަކަށް އަހަރު ދުވަސް ވެގެން ގޮސްފައިވަނީ، ސްރީ ލަންކާގެ ސަރުކާރުގެ އިސް ގިނަ މަގާމްތަކެއް ރާޖަޕަކްސް އާއިލާގެ ބޭފުޅުން ފުރުއްވަމުން ގެންދެވި އަހަރުތަކެއް ކަމުގައެވެ.
އަދި ވަކީން ޚާއްސަކޮށް، 2005ވަނަ އަހަރުން ފެށިގެން 2015ވަނަ އަހަރުގެ ނިޔަލަށް މަހިންދަ ރާޖަޕަކްސަ އެގައުމުގެ ރައީސްކަން ކުރެއްވިއިރު، ސްރީ ލަންކާގެ ސަރުކާރުގެ އެންމެ ބާރުގަދަ އަދި އިސް މަގާމްތައް އޭނާ ދެއްވާފައިވަނީ އޭނާގެ އާއިލީ ބޭފުޅުންނަށެވެ. މީގެތެރޭގައި އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވެނީ، މަހިންދަ ރާޖަޕްކްސަގެ ވެރިކަމުގައި، އެގައުމުގެ ދިފާއީ ވަޒީރުކަމުގައި ހުންނެވި، އުމުރުން މިހާރު 72 އަހަރުގެ، އޭނާގެ ބޭބެ، މިހާރުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސައެވެ.

އަދި ހަމަ އެއާއެކު، ސްރީ ލަންކާ އިގްތިސާދީ ބޮޑު ވަޅުގަޑަކަށް މިއަދު ވެއްޓިގެން ގޮސްފައިވާއިރު، މިހާރުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ސަރުކާރު ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އުމުރުން 70 އަހަރު ބަސިލް ރާޖަޕަކްސަ، މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި، 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް، އެގައުމުގެ އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މަގާމުގައި ހުންނަވާފައި ވާކަންވެސް ފާހަގަ ކޮށްލާން ޖެހެއެވެ.
މިގޮތުން މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި، ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ޚުދު އޭނާ ހުންނެވި ނަމަވެސް، އެގައުމުގެ އިގްތިސާދު މައިގަޑު ގޮތެއްގައި ބަލަހައްޓާފައިވަނީ ބަސިލް ރާޖަޕަކްސައެވެ. މަހިންދަ ރާޖަޕަކްސްގެ ވެރިކަމުގައި ސްރީ ލަންކާގެ ސަރުކާރުންވަނީ ޗައިނާގެ އެހީގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކާ އެގައުމުން ބޮޑެތި ލޯންތައް ނަގާފައެވެ. އަދި މިގޮތުން އޭރު ހިންގި ބޮޑެތި ޕްރޮޖެކްޓްތަކުން ބަސިލް ރާޖަޕަކްސް ބޮޑެތި ކޮމިޝްނަތައް ނަގާ، އޭނާގެ މައްޗަށް ކުރެވިގެން ގޮސްފައިވާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާއި ގުޅިގެން ވަނަމެއްގެ ގޮތުގައި "މިސްޓަރ ޓެން ޕަރސެންޓް"ގެ ނަމުން އޭނާއަށް މުޚާތަބް ކުރެވެއެވެ. ދައުލަތުގެ މާލިއްޔަތުން އެތައް މިލިއަން ފައިސާއެއް އޭނާ ނަގާފައިވާކަމުގެ ބޮޑެތި ތުހުމުތައް އޭނާގެ މައްޗަށް ކުރެވިގެން ގޮސްފައި ވެއެވެ.
2015ވަނަ އަހަރު ރާޖަޕަކްސަގެ ރައީސްކަމުގެ ދައުރަށް ނިމުން އައިސްފައިވި ނަމަވެސް، އޭގެ ފަހުން އައި ސަރުކާރުތަކަށް އޭނާގެ މައްޗަށް ފުރިހަމަ ތަހުގީގުތަކެއް ހިންގިފައެއް ނުވެއެވެ. އަދި 2019ވަނަ އަހަރު އޭނާގެ ބޭބެ ގޮޓަބަޔަ ރާޖަޕަކްސަ ވެރިކަމާ ހަލާވުވެ ވަޑައިގަތުމަށްފަހު އޭނާގެ މައްޗަށް ކުރެވިފައިވާ އެތައް މިލިއަން ޑޮލަރެއްގެ ކޮރަޕްޝަންގެ ތުހުމަތުތައް ވަނީ ބާތިލް ކޮށްފައެވެ.

މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ސްރީ ލަންކާގެ ގާނޫނުހަދާ މަޖިލިހުގެ ރައީސް ކުރައްވާފައިވަނީ އޭނާގެ ބޭބެ، އުމުރުން 79 އަހަރުގެ ކަމާލް ރާޖަޕަކްސައެވެ. ކަމާލް ރާޖަޕަލްސައަކީ އޭގެ ކުރިން އެގައުމުގެ ޝިޕިންގ އެންޑް އޭވިއޭޝަން މިނިސްޓަރުކަންވެސް ކުރެއްވި ބޭފުޅެވެ. މިހާރު އޭނާއަކީ ސްރީ ލަންކާގެ ފެނާއިބެހޭ މިނިސްޓަރެވެ. އަދި އޭނާއަކީ ސްރީ ލަންކާގެ މިހާރުގެ ސަރުކާރުގެ ޑިފެންސް ޑިޕާޓްމަންޓުގެ ދެވަނައަށް އެންމެ އިސް ފަރާތްވެސްމެއެވެ. ސްރީ ލަންކާގެ މިހާރުގެ ޑިފެންސް މިނިސްޓަރަކީ ރައީސް ގޮޓަބަޔަ ރާޖަޕަކްސައެވެ.
ކަމާލް ރާޖަޕަކްސްއަކީ، ފާއިތުވެދިޔަ 2019ގެ ރިޔާސީ އިންތިޚާބުގައި، ގޮޓަބަޔަ ރާޖަޕަކްސައަށް ކުރިމަތި ނުލެއްވިއްޖެ ހާލަތެއްގައި ރާޖަޕަކްސަ އާއިލާގެ ފަރާތުން ރައީސްކަމަށް ނެރުއްވަން ތައްޔާރު ކޮށްފައި ހުންނެވި ބޭފުޅާއެވެ. ސަބަބަކީ، މިހާރުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ، އޭނާގެ ކޮއްކޮ، މަހިންދަ ރާޖަޕަކްސްގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ހިންގާފައިވާ އިންސާނިއްޔަތާއި ޚިލާފު އަމަލްތަކުގެ ތުހުމަތުތަކާއި ގުޅިގެން، އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ގެއްލިގެން ހިގައިދާނެކަމުގެ ބިރު ވަރަށް ފަހަކާ ޖެހެންދެންވެސް އޮތީ ހީވެފައެވެ.
މީގެ އިތުރުންވެސް، ސްރީ ލަންކާގެ މިހާރުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސްގެ ވެރިކަމުގައި އޭނާގެ ކެބިނެޓާއި އަދި ބާރުގަދަ ގިނަ މަގާމްތަކުގައި ތިއްބެވީ އާއިލީ ބޭފުޅުންނެވެ. މިގޮތުން، މަހިންދަ ރާޖަޕަކްސްގެ ދޮށީ ދަރިކަލުން ނަމާލް ރާޖަޕަކްސައަކީ އިސްތިއުފާ ދެއްވި ކެބިނެޓްގައި އެގައުމުގެ ކުޅިވަރާބެހޭ ވަޒީރެވެ. އޭނާގެ ބައްޕަގެ ވެރިކަމުގައި އޭނާ ކެބިނެޓްގެ މަގާމެއް އަދާ ކުރައްވާފައި ނުވިނަމަވެސް، ރާޖަޕަކްސަގެ އާއިލާއިން ސްރީ ލަންކާގެ ވެރިކަމަށް ފައްކާކުރަމުންދާ ފަރާތަކީ އޭނާކަމުގައި ވަނީ ބެލެވިފައެވެ. ނަމާލް ރާޖަޕަކްސަގެ މައްޗަށްވަނީ މަނީ ލޯންޑަރ ކުރުމާއި، ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ކުރެވިފައެވެ. އެހެންނަމަވެސް މި ހުރިހާ ތުހުމަތުތަކަށްވެސް އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ.
ގޮޓަބަޔަ ރާޖަޕަކްސަގެ މިހާރުގެ ވެރިކަމުގައި ރާޖަޕަކްސަ އާއިލާގެ 5 ބޭބެއިން ތިއްބެވީ ސަރުކާރުގެ އެންމެ އިސް މަގާމްތަކުގައެވެ. މިގޮތުން ރާޖަޕަކްސް 5 ބޭބެއިން (އިސްތިއުފާ ދިން ކެބިނެޓްގައި) ބަލަހައްޓަމުން ދިޔަ ވުޒާރާތަކަކީ، ޑިފެންސް އެންޑް އާރބަން މިނިސްޓްރިއާއި، ލޯ އެންޑް އޯޑަރ މިނިސްޓްރީއާއި، އިކޮނިމިކް ޑިވެލޮޕްމަންޓް މިނިސްޓްރިއާއި، ފައިނޭންސް އެންޑް ޕްލޭނިންގ މިނިސްޓްރިއާއިގެ އިތުރުން، ޕޯޓްސް އެންޑް ހައިވޭ މިނިސްޓްރީއެވެ. މިގޮތުން ބަލާއިރު، ސްރީ ލަންކާގެ ދައުލަތުގެ ބަޖެޓްގެ %70 ވަނީ ރާޖަޕަކްސަ ބޭބެއިންގެ ސީދާ ބެލެހެއްޓުމުގެ ދައުގައިކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަ ކޮށްފައި ވެއެވެ.

ދަރަނި ބޮޑުވެ، ދައުލަތުގެ ބަޖެޓް ނުބެލެހެއްޓި، ގައުމު ބަގުރޫޓު ވުމާއި ދިމާލަށް!
ސްރީ ލަންކާ މިހާރު ވެއްޓިފައިވާ އިގްތިސާދީ ފުން ވަޅުގަޑަކީ، 1948 ވަނަ އަހަރު އެގައުމަށް މިނިވަންކަން ލިބިގެން ދިއުމަށްފަހު އެގައުމަށް ކުރިމަތިވެފައި އިގްތިސާދީ އެންމެ ބޮޑު ކާރިސާއެވެ.
މިގޮތުން، އިގްތިސާދީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ފާއިތުވެދިޔަ އަހަރުތަކުގައި ސްރީ ލަންކާގެ ސަރުކާރުން އެގައުމުގެ އިގްތިސާދުގެ ބޭނުން ނާޖާއިޒު ގޮތުގައިކޮށް، އަދި ނަގާފައިވާ ބޮޑެތި ލޯނުތަކާއި، މާބޮޑު ޕްލޭނެއް ނެތި ޓެކްސް ދަށްކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ގައުމުގެ ގޯސްވަމުންދާ އިގްތިސާދީ ހާލަތަށް ދަނީ ނޭދެވޭ އަސަރު ކުރަމުންނެވެ.
ސްރީލަންކާގެ އިގްތިސާދު މިއަދު ކުރިމަތިވެފައިވާ ހާލަތުގެ އިލްޒާމު މިއަދު ގިނަ ބަޔަކު އަޅުވަމުންދަނީ ސިޔާސީ ގޮތުން ބާރުގަދަ، ރާޖަޕަކްސަ އާއިލާގެ ސިޔާސީ ފަރާތްތަކުގެ ބޮލުގައެވެ. އަދި ވަކީން ޚާއްސަކޮށް، މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި، ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް އޭރު ޗައިނާއިން ނަގާފައިވާ ބޮޑެތި ލޯންތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. މި ލޯންތަކާއި ހިންގި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކުން ރާޖަޕަކްސް އާއިލާގެ ސިޔާސީ ފަރާތްތަކުން ބޮޑެތި ކޮމިޝަންތައް ނަގާފައިވާ ކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ.
މިގޮތުން މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި 2004 ވަނަ އަހަރުން ފެށިގެން 2015ވަނަ އަހަރުގެ ނިޔަލަށް ޗައިނާއިން 14.06 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯން ނަގާފައި ވެއެވެ. އެއަށްފަހު އޭގެ ފަހުން އައި އެއްވެސް ސަރުކާރަކަށް މި މި ދަރަނީގެ ބުރައިން ސްރީ ލަންކާ މިންޖު ކުރެވިފައެއް ނުވެއެވެ.
އިގްތިސާދީ ހާލަތު ދަށްވެ، ފައިސާގެ އަގު ވެއްޓި، ގައުމަށް އެތެރެކުރާ ތެލާއި، އަދި ކެއިންބުއިމަށް ބޭނުންވާ ތަކެއްޗަށް، އެގައުމުގެ ސަރުކާރަށް ފައިސާ ނުދެއްކޭ ހާލަތަށް ދިއުމާއި ގުޅިގެން، ތެލުގެ ދަތިކަން ފޯރާ، ސްރީލަންކާގައި ދަނީ ކޮންމެ ދުވަހަކުވެސް 13 ގަޑިއިރަށް ކަރަންޓު ކެނޑެމުންނެވެ. އަދި ސަރުކާރުގެ ބައެއް ހޮސްޕިޓަލްތަކުގައި ދަނީ، މުހިންމު ބައެއް އޮޕަރޭޝަންތައްވެސް ސަސްޕެންޑް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ސްރީ ލަންކާގައި އިދިކޮޅު ފަރާތްތަކުން ދަނީ ބޮޑެތި މުޒާހިރާތައް ކުރަމުންނެވެ.

ކުރިމަތިވެފައިވާ އިގްތިސާދީ ވަޅުގަޑުން އަރައިގަތުމަށްޓަކާ، ސްރީލަންކާއިން މިހާރުވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގެ އެހީތެރިކަމަށް އެދިފައެވެ. އަދި ޗައިނާއާއި އިންޑިއާގެ އެހީތެރިކަމަށްވެސް ވަނީ އެދިފައެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިންޑިއާއި ޗައިނާއިން ދަނީ، ސްރީލަންކާއަށް 1.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓިއެއް ދޫކުރުމާމެދު މަޝްވަރާ ކުރަމުންނެވެ. މިއީ ގޮޓަބަޔަގެ ސަރުކާރުން، މި ދެގައުމުން ނެގުމަށް މަސައްކަތައް ކުރައްމުންދާ އިތުރު ބޮޑެތި ލޯންތަކުގެ އިތުރަށް ހޯދުމަށް މަސައްކަތް ކުރަމުންދާ ފައިސާގެ އެހީއެކެވެ.
ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާގައި، ސްރީ ލަންކާ ބަގުރޫޓު ވުމާއި ދިމާލަށް ދަތުރު ކޮށްފައިވާއިރު، މިހާރު އެގައުމުގެ ކެބިނެޓް އިސްތިއުފާ ދީފައިވި ނަމަވެސް، އަދިވެސް ވެރިކަމުގެ ބާރުތައް ދޫނުކޮށް ދެ ބޭބެއިން ތިބީ ވަރުގަދައަށް ވެރިކަމުގައި ބަގުޑި ބައްދައިގެންނެވެ. ވެރިކަމުގެ ހުރިހާ ބާރެއް އަދިވެސް އޮތީ ރާޖަޕަކްސަ އާއިލާގައެވެ. އަދި ސަރީ ލަންކާ ވެގެން ގޮސްފައި މިވަނީ، އެއާއިލާއަކަށް ވެރިކަމުގެ ބާރުތައް ޖަމާވެ، ގައުމެއް ޚުދުމުޚުތާރުވެ، ގައުމެއްގެ މުޅި މާލިއްޔަތު އެއް އާއިލާއަކުން ބަގުރޫޓު ކޮށްލި ގައުމެއްގެ ފުރިހަމަ މިސާލަކަށެވެ.
އަދި ދަރަނިވެރިވެފައިވާ އިގްތިސާދެއްގެ ހަގީގީ ނުރައްކާ ވަރަށްވެސް ރަގަޅަށް ތަމްސީލު ކޮށްދެމުންދާ ގައުމަކަށްވެސް މެއެވެ. މިއީ ރާއްޖެއިންވެސް ފިލާވަޅުތަކެއް ލިބިގަތުން ރަގަޅު ގައުމެއްގެގޮތުގައި މިއަދު ގިނަބަަޔަކު ދަނީ ސިފަ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ