2021 ވަނަ އަހަރު މިސް ޔުނިވާސްގެ ތާޖު ބޮލުގައި އެޅި ހަރްނާޒް ކޯރު ސަންދޫ ފަލަކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރަމުންދާ ފުރައްސާރަ ތަކަށް އޭނާ ރައްދު ދީފިއެވެ.
އިންޑިއާގެ ނޫހަކާ ވާހަކަ ދައްކަމުން ހަރްނާޒް ބުނީ ދިފާއީ ނިޒާމަށް ޖެހޭ ބައްޔެއް އޭނާ ތަހައްމަލުކުރަމުން އަންނަ ކަމަށެވެ. އެއީ ގްލޫޓެއިން އެކުލެވޭ ބާވަތްތައް ކެއުމުން އިމިއުން ރިއެކްޝަނެއް އަންނަ ބައްޔެކެވެ. އޭގެ ސަބަބުން ކޮންމެ ކޮންމެ އެއްޗެއް ނުކެވި، ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން އެންމެ ފުރިހަމަ އަށް ނުލިބެ އެވެ.
21 އަހަރުގެ މިސް ޔުނިވާސް ހަރްނާޒް އަކީ ތާޖް އުފުލައިލިއިރު ވަރަށް ލޫޅާފަތި ކޮށްހުރި މީހެއް ނަމަވެސް އޭނާގެ ހަށީގަނޑު މިހާރު ވަރަށް ބޮޑަށް ތަފާތު ފާހަގަ ކުރެވެއެވެ. ހާއްސަ ކޮށް ސޯޝަލް މީޑިއާއަށް އޭނާ މިހާރު ލާ ފޮޓޯތަކުން މޫނުމަތިން ވަރަށް ބޮޑަށް ފަލަކަމަށް ދައްކައެވެ.
ހަރްނާޒް ބުނީ އޭނާ އަކީ ބޮޑީ ޕޮޒިޓިވިޓީ ގަބޫލުކުރާ މީހެއްކަމަށެވެ. އަދި މިސް ޔުނިވާސްގެ ޕްލެޓްފޯމަކީ އަންހެނުން ބާރުވެރިކުރުމާއި އަންހެނުންގެ ކުރިއެރުމުގެ ވާހަކަ ދައްކާ ތަނެއް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މީގެއިތުރުން ކޮންމެ މީހަކީވެސް ރީތި މީހެއް ކަމަށާއި ފަލަޔަސް އަދި ހިއްކަަސް އެއީ މީހާގެ ރީތިކަމަށް ބަދަލު އަންނަ ކަމެއް ނޫން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ހަރަނާޒް ބޭނުން ވަނީ އެހެން ރީތީގެ ރާނީން ހެން އޭނާވެސް ފިލްމީ ދުނިޔެއަށް ނުކުތުމަށެވެ. އޭނާ ހުރީ ފިލްމެއްގައި އެކްޓު ކުރާހިތުން ކެތްމަދުވެފައެވެ.