އާދެ! ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް އަޅުގަނޑުމެންނާއި މިވަނީ ބައްދަލުކޮށްފައެވެ. މިމައްސަރަކީ ހެޔޮކަމުން ފުރިގެންވާ މައްސަރެކެވެ. މި މައްސަރަކީ ﷲ ގެ ޙަޟްރަތުން ދެއްވުނު ދީލަތި ހަދިޔާއެއްމެއެވެ. ފަހެ ޘަވާބާއި ރަޙްމަތާއި މަޣްފިރަތަށް އެދި މަސައްކަތްކުރާ ކޮންމެ މީހަކަށް މިވަނީ ބޮޑު ފުރުސަތެކެވެ.
ރަމަޟާން މަސް އައުމާއެކު އުޑުން ވަރަށް ޚާއްޞަ ނިދާއެއް އިއްވޭނެ ކަމުގައި ޞައްޙަ ހަދީޘުން ސާބިތުވެއެވެ. ފަހެ ގޮވާލާ ބޭކަލަކު ގޮވާލާއްވާ ހުއްޓެވެ. އޭ ހެޔޮކަންކަމަށް އެދޭމީހާއެވެ! އަވަސްވެގަންނާށެވެ! އޭ ނުބައިކަންކަމަށް އެދޭ މީހާއެވެ!ހުއްޓާލާށެވެ!
ރަމަޟާން މަހުގެ ވާޖިބުކަމަކީ އެކަމަކާމެދު އިންކާރު ނުކުރެވޭނޭ ވަރަށްވުރެ ފާޅުކަންބޮޑު ކަމެކެވެ. ފަހެ މީހަކު މިމައްސަރުގެ ވާޖިބުކަމަށް ގަސްތުގައި ޖާހިލުކަމެއްނެތި އިންކާރު ކޮށްފިނަމަ މުރުތައްދުވާނެއެވެ.
މާތް ﷲ ވަޙީކުރެއްވިއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾
މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ."
މިމައްސަރުގައި ލިބިދޭ ފުރުސަތުގެ ބޮޑުކަން ބަޔާންކުރައްވައި ކައު ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
((رَغِمَ أَنْفُ رَجُلٍ دَخَلَ عَلَيْهِ رَمَضَانُ ثُمَّ انْسَلَخَ قَبْلَ أَنْ يُغْفَرَ لَهُ)) [رواه الترمذي وصححه الألباني]
މާނައީ: "ރަމަޟާން މަސް އެމީހަކާ ބައްދަލުވެ އެމަސް ނިމުނުއިރުވެސް އެމީހެއްގެ ފާފަ ނު ފުއްސުނުމީހާގެ ނޭފަތް ހިރަފުހުން ފުރުއްވާނދޭވެ."
އަދިވެސް މިމަސް ގާތްވުމުން އެމަހުގެ މާތްކަން އުންމަތަށް ބަޔާންކުރައްވަމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވި ބަސްފުޅެއްގައިވެއެވެ. (قد جاءكم شهر مبارك ، افترض الله عليكم صيامه ، تفتح فيه أبواب الجنة ، و تغلق فيه أبواب الجحيم ، و تغل فيه الشياطين ، فيه ليلة خير من ألف شهر ، من حرم خيرها ، فقد حرم)
މާނައަކީ "ހަމަކަށަވަރުން ބަރަކާތްތެރިވެގެންވާ މައްސަރެއް ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. ﷲ ތިޔަބައިމީހުންގެ މައްޗަށް އެމަހުގައި ރޯދަ ހިފުން ފަރުޟުކުރައްވައިފިއެވެ. އަދި އެމަހުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުން ކަސްތަޅުއެޅުވެއެވެ. އެމަހުގައި، އެއްހާސް މައްސަރަށްވުރެން ހެޔޮކަންބޮޑު ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެމީހާ، ފަހެ ހަމަކަށަވަރުން މަޙްރޫމް ވެއްޖެއެވެ."
ވީމާ ބޭފުޅުންނޭވެ! މިމަހުގެ ރޯދަ ދަރުމަޔާ ޘަވާބަށް އެދިގެން ލޯތްބާއިއެކު ހިފާށެވެ! އެހެނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައިވެއެވެ.
"من صام رمضان إيمانا واحتسابا غفر له ما تقدم من ذنبه"
މާނައީ : "ﷲ ގެ އެއްކައުވަންތަކަމަށް އިމާންވުމާއެކު އެކަލާނގެ ހަޟްރަތުން ސަވާބާއި ދަރުމަ އެދޭ ޙާލު ރަމަޟާންމަހު ރޯދަ ހިފައިފި މީހާ ދަންނާށެވެ. އެމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުހެވިއްޖެއެވެ."
ބޭފުޅުންނޭވެ! އަންނަނިވި މާތްކަން ލިބޭތޯ ގަދައަޅައި މަސައްކަތް ކުރާށެވެ! އަދި ފުރަތަމަ ކޮޅު ވަރުގަދަޔަށް މަސައްކަތް ކޮށްލާފައި ދުވަސްކޮޅަކުން މަސައްކަތްތަކަށް މަޑުޖެހުންއައިސް ދުވެލި މަޑުވިޔަ ނުދޭށެވެ!
އެހެނީ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވެއެވެ. " ހަމަކަށަވަރުން (ރަމަަޟާން މަހުގެ) ކޮންމެ ރެއަކާއި ދުވާލަކު ނަރަކައިން އަޅުން މުއްތި ކުރައްވައެވެ."
ބޭފުޅުންނޭވެ! މި ރަމަޟާންމަހު ނަމާދުތަކަށް ރައްކާތެރިވުމާއެކު، ކީރިތި ޤުރްއާނަށް އަހަންމިއްޔަތުކަން ދޭށެވެ! އަބަދުވެސް ޛިކުރުތައްމަތީ ދޫ ބާއްވާށެވެ! މީހުންނާއި އަރާރުންވެ ޒުވާބުކޮށް ލިބޭ ޘަވާބުކޮޅު ނަގައިނުލާށެވެ! ކާމިޔާބު މައްސަރަކަށް މި ރަމަޟާންމަސް ހެދޭނީ އޭރުންނެވެ.