ދ.ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ އާދަމް ނަސީރުގެ މަރުގައި އެރިސޯޓުގެ އިހުމާލުވުން ބޮޑުކަމަށް ވިދާޅުގެ މެނޭޖްމަންޓަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ. މިމައްސަލަ މަޖިލީހަށް ބަލައިގެން ކުރެވުނު ބަހުސްގައި ބައިވެރިވެފައިވަނީ މަރަށް މަދު މެމްބަރުންކަން ފާހަގަކޮށްލެވެއެވެ.
އާދަމް ނަސީރުގެ މަރުގެ މައްސަލައަށް އިންސާފު ހޯއްދަވައި ދެއްވުމަށް ދައުލަތުގެ ކަމާގުޅުންހުރި އެންމެހާ ފަރާތްތަކަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން މިމައްސަލަ ހުށަހަޅުއްވި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ އާއިލާގެ މެމްބަރުންގެ ފަރާތުންނާއި، ލިބިފައިވާ މައުލޫތަކަށް ބަލާއިރު މިކަމުގައި ރިސޯޓުގެ މެނޭޖްމަންޓުގެ އިހުމާލުވުން ބޮޑުކަމަށެވެ.

ބަލީގައި އެތައް ދުވަހު އާދަމް ނަސީރު ހޭދަކުރެއްވިއިރު އޭނާއަށް ފަރުވާއަށް ދެކޮޅު ހަދައި ރިސޯޓުން އަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމުގައި އާމިރު ވިދާޅުވިއެވެ.
އާދަމް ނަސީރު ނިޔާވެފައިވަނީ މަސްއޫލިއްޔަތު އަދާކުރަމުންދަނިކޮށް. މިކަމުގައި މެނޭޖްމަންޓުގެ އިހުމާލުވުންބޮޑު. އާދަމް ނަސީރު ނިޔާވެފައިވަނީ ވަޒީފާ އަދާކުރަމުން ދިޔަ ތަނުން އިހުމާލުވުމުންކަމަށް އާއިލާއިންވެސް ތަކުރާރުކޮށް އެދަނީ ވިދާޅުވަމުން.
– އަހުމަދު އާމިރު
މިމައްސަލާގައި ވާހަކަ ދެއްކެވި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ މިކަމުގައި ރިސޯޓުގެ މެނޭޖުމަންޓުގެ އިހުމާލުވުން ބޮޑުކަން އެގެން އޮތްކަމަށެވެ. މިމައްސަލަޔަކީ ސީރިއަސް މައްސަލައަކަށްވުމުން މިމައްސަލަ ކަމާއިގުޅުންހުރި އިދާރަތަކުން ބަލަންޖެހޭކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ. އަދި ޚާއްސަކޮށް ޒަމާނުއްސުގެ ރާއްޖޭގައި ބިދޭސީ މެނޭޖްމަންޓުތަކުން ހިންގާ ރިޒޯޓުތަކުގައި ދިވެހިންނާއިމެދު ވަރަށް އިހާނެތިކޮށް ހިންގާކަމަށެވެ.
މިމައްސަލަޔަކީ ބިދޭސީ މީހަކަށް ދިމާވި ކަމެއްނަމަ އެރިސޯޓުގެ މެނޭޖުމަންޓުން އެމީހަކަށް ފަރުވާދީ ކަންކަން ކުރާނެކަމަށް ސަރުކާރުކަށް ނިސްބަތްވާ މެމްބަރުން ވިދާޅުވެފައިވެއެވެ. މިމައްސަލާގައި ވާހަކަ ދައްކަވަމުން އިދިކޮޅު މެމްބަރުން ވިދާޅުވީ މިކަމުގައި ސަރުކާރުގެ އިހުމާލުވުން ބޮޑުކަމަށެވެ. ސަރުކާރުގެ ކަމައިބެހޭ އިދާރާތަކުން މިމައްސަލާގައި އެކަށީގެންވާ ފިޔަވަޅެއް ނާޅާކަމީ ކަންބޮޑުވާކަމެއްކަމަށެވެ.
މިމައްސަލާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އަހުމަދު ނަސީރު ނިޔާވެފައިވަނީ ހުން ގަދަވެގެން ނިޔާވި ދުވަހުގެ ހަވީރު ދ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެންދަނިކޮށް ހާޓް އެޓޭކެއް ޖެހިގެންކަމަށެވެ. އަދި އޭނާ ނިޔާވެގެން ކުރި ޓެސްޓުތަކުން ކޯވިޑަށް ޓެސްޓްކުރުމުން ޕޮޒިޓިވް ވެފައިވާކަމަށެވެ. އާދަމް ނަސީރަކީ ކަނޑިންމަ ރިސޯޓް އުފެދުނީއްސުރެ އެތަނުގައި މަސައްކަތް ކުރަމުންދާ އެންމެ ގިނަ ދުވަސްވީ އެއްމުވައްޒިފެވެ.
ކޮމެންޓު ފޮނުވާ