ދިވެހި ފުލުހުންގެ މުވައްސަސާއަކި ގައުމުގެ އެތެރޭގެ ސަލާމަތީ ކަންކަމުގެ އެންމެ އުހުގައި އޮތް މުވައްސަސާއެވެ. އަދި ފާއިތުވެދިޔަ ދިގު ޒަމާންތަކުގައި ތަފާތު އެކި ގޮތްގޮތުން، އެކި ރޮގުރޮގުން މިމުވައްސަސާވަނީ ގައުމީ ޚިދުމަތުގެ އެތަކެއް ސަފުހާއެއް ކަޑައްތުކޮށްފައެވެ.
1933 ވަނަ އަހަރުގެ މާރޗްމަހުގެ 29ވަނަ ދުވަހު، އައްސުލްތާން މުހައްމަދު ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި، ގާނޫނަކުން، އެންމެ 120 އޮފިސަރުންނާއެކު ބިންގާ އެޅިގެން އައި ދިވެހި ފުލުހުންގެ ޚިދުމަތް އެކި ގޮތްގޮތަށް ނިއުޅެމުން ފޮރޮޅުމުން މިއަދާ ހަމައަށް އައިއިރު، އުފެދުމަށްފަހު، އާންމު ރައްޔިތުންނާ ހަމައަށް މިޚިދުމަތް ވަނީ މެދު ކެނޑުމެއްނެތި ފޯރުކޮށް ދެވެމުން އައިސްފައެވެ.
ފުލުހުންގެ މުވައްސަސާގެ ފަހުގެ ތާރީޚަށް ބަލާއިރު، 1978 ވަނަ އަހަރު ރައީސް މައުމޫން ވެރިކަމާ ހަވާލު ވެވަޑައިގަތުމަށްފަހު، އެ މުވައްސަސާ އަލުން އިންތިޒާމް ކުރައްވާ، ދިވެހި ފުލުހުންގެ ޚިދުމަތަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުގައި ވަކިން މަސައްކަތް ކުރާ މުވައްސަސާއެއްގެ ގޮތުގައި ގާއިމް ކުރައްވާފައިވެއެވެ. އަދި އެއާއިއެކު، އެއް ޔުނީފޯމެއްގެ ދަށުން ފުލުހުން މަސައްކަތް ކުރަމުން އައިނަމަވެސް، ސިފައިންގެ މަސައްކަތް ބައްޓަން ކުރެވިގެން އައީ، ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ގޮތުގައެވެ.
ރައީސް މައުމޫންގެ ދިގު ވެރިކަމުގައި، ދިވެހި ފުލުހުންގެ މުވައްސަސާ ތަރައްގީ ކުރުމަށް ކުރެވުނު ގިނަގުނަ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ބަދަލަކީ، 1999 ވަނަ އަހަރު، ފުލުހުންގެ މުވައްސަސާގެ ރަސްމީ މަސައްކަތްތައް ޝަހީދު ހުސެން އާދަމް ބިލްޑިންގއަށް ބަދަލުކުރުމާއެކު، އަދި 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަމުގައި ފުލުހުންގެ ޚިދުމަތަށް ޚާއްސަ ކުރެވިގެން މުޅިން އާ މުވައްސަސާއެއްގެ ގޮތުގައި އާންމު ރައްޔިތުންނާ ހަމައަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްވެން ފެށުމެވެ.

އެއަށްފަހު، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އައި ބޮޑެތި ބަދަލުތަކާއެކު، 2008ވަނަ އަހަރުގެ އާގާނޫނު އަސާސީގެދަށުން ރާއްޖޭގެ ވެރިކަމުގެ އޮނިގަޑަށް ޑިމޮކްރަޓިކް ބޮޑެތި ބަދަލުތަކެއް ގެނެވި، ދިވެހި ފުލުހުންގެ ޚިދުމަތަށްވެސް އެއޮނިގަޑާއެކީ ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަން ފާހަކަށް ކޮށްލަން ޖެހެއެވެ. ވަސީލަތްތަކުގެ ގޮތުންނާއި، ޓެކްނޮލިޖީއާއި އިންސާނީ ވަސީލަތްތަކުގެ ގޮތުންވެސް ދިވެހި ފުލުހުން ފާއިތިވެދިޔަ ކުރު މުއްދަތެއްގެ ތެރޭގައި ހޯދާފައިވާ ބޮޑެތި ކުރިއެރުންތައް މިގޮތުން ފާހަގަ ކޮށްލެވެއެވެ.
ދިވެހި އަންހެން ކަނބަލުން ފުލުހުންގެ ޚިދުމަތަށް!
ފާއިތުވެދިޔަ ޒަމާންތަކުގައި ދިވެހި ފުލުހުންގެ ޚިދުމަޓް ތަރައްގީގެ މަގުން އެކި ހަރުފަތްތައް ގިރާކުރަމުން އައިސް، މިޚިދުމަތުގެ ތެެރެއަށް ދިވެހި އަންހެންކަނބަލުން ނުކުތުން ވެގެން ދިޔައީ، ހަމަހަމަ ކަމާއެކު، ފުލުހުންގެ ޚިދުމަތް އާންމު ރައްޔިތުންނާއި ހަމައަސް ފޯރުކޮށް ދިނުމުގައި، ފުލުހުންގެ ޚިދުމަތަށް ގެނެވުނު އެންމެ ބޮޑު އެއް ބަދަލުގެ ގޮތުގައެވެ.
އަދި ވަކީން ޚާއްސަކޮށް، ބައިނަލް އަގުވާމި މިންގަޑުތަކަށް ޚިދުމަތް ފައްތާ، ޚިދުމަތުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު އަންހެން ކަބަލުންނަށްވެސް ފޯރުކޮށްދީ، ޚިދުމަތުގައި ފާއިތުވެދިޔަ 33 އަހަރު އަންހެން ފުލުހުން އަދާ ކޮށްފައިވާ ޚިދުމަތުގެ ނަތީޖާއެއްގެ ގޮތުން، ފުލުހުންގެ މުވައްސަސާގެ އިސް އެކި މަގާމްތަކުގައި މިއަދު އަންހެން ކަބަލުންގެ ދައުރު ނުހަނު ބޮޑަށް ފުޅާވެގެން ގޮސްފައިވާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
އަންހެން ކަނބަލުން ފުލުހުންގެ ޚީދުމަތުގައި އަދާކޮށްފައިވާ ޚިދުމަތުގެ ތާރީޚަށް ނަޒަރު ހިންގައިލާއިރު، އެންމެ ފުރަތަމަ ސިފައިންނާއި ފުލުހުންގެ ޚިދުމަތުގައި އަންހެނުން ހަރަކާތްތެރިވާން ފަށާފައިވަނީ 1989 މާރިޗު 1 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ސިފައިންގެ ޚިދުމަތަށް ނަގާފައިވަނީ 65 އަންހެނުންނެވެ.
އެހެންނަމަވެސް، އޭރު ޚިދުމަތަށް ނުކުތް އަންހެން ކަނބަލުންގެ މަދުކަމާއެކު، ފުލުހުންގެ ޚިދުމަތާއި ގުޅުނު ގިނަ އަންހެން ސިފައިން އޭރު މަސައްކަތް ކޮށްފައިވަނީ ފުލުހުންގެ ދާއިރާގައި ޕޮލިސް ހެޑްކުއާޓަރުގައެވެ.

ސިފައިންނާއި ފުލުހުން ވަކި ދެ މުއައްސަސާއަކަށް ބަދަލުވުމުގެ ކުރިން ސިފައިންގެ ތެރޭގައި އަދި ފުލުހުންގެ ތެރޭގައިވެސް އަންހެން ކޮމިޝަންޑު އޮފިސަރަކު ނުހުރެއެވެ. އަދި އަންހެން ކަނބަލަކު، ޗީފް އިންސްޕެކްޓަރެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ފުލުހުން ޚިދުމަތުގައި މަސައްކަތް ކޮށްފައިވަނީ 2004 ވަނަ އަހަރުއެވެ. އެހެންނަމަވެސް، ފުލުހުންގެ ޚިދުމަތް މުޅިން ވަކި ކުރެވި، ދުނިޔޭގެ އެހެނިހެން ގައުމުތަކަކޭ އެއްފަދައިން، ދިވެހި ރާއްޖޭގައިވެސް މިޚިދުމަތް ވަކި މުއައްސަސާއެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމާއެކު، ފިރިހެން ފުލުހުންނެކޭ އެއްފަދައިން އަންހެން ފުލުހުން ވެސް އަތޮޅު ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތް ކުރަން ފަށާ، ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ ގޮތުގައާއި ޕެޓްރޯލް މަނުންގެ ގޮތުގައިވެސް އަންހެން ފުލުހުންވަނީ ގައުމަށް ޚިދުމަތް ކުރަން ފަށާފައެވެ.
މިގޮތުން، އެންމެ ފުރަތަމަ ޕޮލިސް ސްޓޭޝަނެއްގެ އިންޗާޖެއްގެ ގޮތުގައި އަތޮޅު ޕޮލިސް ސްޓޭޝަނެއްގައި އަންހެން ކަބަލަލު މަސައްކަތް ކުރައްވަން ފައްޓަވާފައިވަނީ 2003 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަންގައެވެ.
އެއަށްފަހު، އަތޮޅުތަކެކޭ އެއްފަދައިން މާލޭގައިވެސް އަންހެން ފުލުހުންގެ ޚިދުމަތް ވަނީ ވަރަށްވެސް ބޮޑަށް ފުޅާވެގެން ގޮސްފައެވެ. އެތައް އަހަރެއްވަންދެން، ކޮމާންޑު ސެންޓަރާއި އިންވެސްޓިގޭޝަން އޮފިސަރ އަދި އެޑްމިން މަސައްކަތްތަކުގައި އެކަނި ދިވެހި އަންހެން ފުލުހުން ކުރަމުން އައި މަސައްކަތްތައް ފުޅާކުރެވި، އަންހެން ފުލުހުންނަކީވެސް، ޚިދުމަތުގެ ހުރިހާ ގިންތިއެއްގައިވެސް އެންމެ ކުރީ ސަފުގައި ޚިދުމަތްކުރާ ފުލުހުންނަށް ފާއިތުވެދިޔަ އަހަރުތަކުގައި ވަނީ ވެގެން ގޮސްފައެވެ.
މިގޮތުން، މަގުމަތީގައި ފޯރިމެރުމާއި، ކުށުގެ ވެއްޓަށް ދިއުމާއި، ކުށްވެރިން ބެލެހެއްޓުމާ، އަދި ފޮރެންސިކް ތަހުލީލުތަކުގައާއި ވިލީ ފުލުސް ތަކުގެ އިންޗާޖުކަމުން ފެށިގެން ކޮމާންޑަރުންގެ ލެވެލްގައި ވެސް އަންހެން ފުލުހުންގެ ދައުރު ދުވަހެއް ދުވަހަކަށް ފާއިތިވެދިޔަ އަހަރުތަކުގައި ވަނީ ފުޅާވެގެން ގޮސްފައެވެ. 2021 މާރިޗް 9 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކު ތިން އަންހެން ފުލުހަކަށްވަނީ ލިބިފައެވެ.

ގޮންޖެހުންތަކާއި ކުރިމަގު!
ރާއްޖެއަށް ޑިމޮކްރަސީ ތައާރަފްވެގެން ދިއުމަށްފަހު ކަޑައްތުކުރި، ފާއިތުވެދިޔަ 13 ވަރަކަށް އަހަރަކީ ނުހަނު ހަލަބޮލިކަން ބޮޑު އަހަރުތަކެކެވެ.
މީގެތެރޭގައި ޑިމޮކްރަސީ ތައާރަފްވެގެން އައި ދުވަސްވަރު، ރައީސް މައުމޫނުގެ ވެރިކަމާ ދެކޮޅަށް އޭރު ނުކުތް ފަރާތްތަކުގެ ކިބައިން ފުލުހުންނަށް ކުރިމަތިވެގެންދިޔަ ފުރައްސާރައާއި ފާޑު ކިޔުންތަކާއި، އަދި އެއަށްފަހު 2012ވަނަ އަހަރު ވެރިކަން ބަދަލުވެގެން ދިޔަ ދަޑިވަޅުގައި، ހާދިސާތައް ހިގައިދިޔަ ދުވަހު ފުލުހުން އަދާކޮށްފައިވާ ދައުރާ ގުޅޭގޮތުން އޭގެފަހުން ފުލުހުންނަށް އަމާޒުވެގެންދިޔަ ފާޑު ކިއުންތަކާއި، އަދި ޖެހިގެން އައި، ރައީސް ވަހީދުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފަރާތުން ފުލުހުންނަށް ކުރިމަތިވެގެންދިޔަ ގިނަގުނަ ގޮންޖެހުންތައް ފާހަގަ ކޮށްލެވެއެވެ.
ހަމައެއާއެކު، ރައީސް ޔާމީނުގެ ވެރިކަމުގެ ހަލަބޮލި ދައުރުގައި، އޭރުގެ އިދިކޮޅު ފަރާތްތަކާ ސަރުކާރާ ދެމެދު ހިގައިދިޔަ ސިޔާސީ ކޯޅުންތަކުގެ ތެރެއިންވެސް، އެންމެ ބޮޑު ފާޑުކިއުންތަކެއް އަމާޒުކުރެވިގެންދިޔަ އެއް މުވައްސަސާއަކަށް ވެގެން ދިޔައީ ދިވެހި ފުލުހުންގެ މުވައްސަސާއެވެ.
އެހެންކަމުން ޑިމޮކްރަސީގެ މިކުރު ހަޔާތުގައި، ހުރިހާ ވެރިކަމެއްގައިވެސް ހިގައިދިޔަ ސިޔާސީ ބޮޑެތި ކޯޅުންތަކުގެ ޝިކާރައަކަށް ފުލުހުންގެ މުވައްސަސާ ވެގެން ގޮސްފައިވާކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އަދި އެކި ދައުރުތަކުގައި، ފުލުހުންގެ ލީޑަރޝިޕްގައި ތިއްބަވާފައިވާ ބޭފުޅުން އެކި މިންވަރަށް އެކި ގޯސްތައް ހައްދަވާ، މި އަގުހުރި މުވައްސަސާ ބައެއް ހާލަތްތަކުގައި "ކޮމްޕްރޮމައިސް" ވެގެން ގޮސްފައިވާކަމީވެސް، ކައިރި މާޒީތަކަށް ބަލާއިރު، މިއަދު ގަބޫލުކުރަންޖެހިވާ ހަގީގަތެއްވެސް މެއެވެ.

އެހެންނަަމަވެސް، މަގުމަތީގައި ހިގާ ބޮޑެތި ސިޔާސީ އެއްވުންތަކާއި، އަދި މުޒާހިރާތަށް ހުއްޓުވުމަށް ފުލުހުން އަދާ ކުރަމުންދާ ދައުރު، ކިތަންމެ ފުރިހަމަޔަށް ފުލުހުން އަދާކުރަމުން ދިޔަކަމުގައިވި ނަމަވެސް، އަބަދުވެސް ފުލުހުންގެ މިމަސައްކަތް ވެގެން ގޮސްފައިވަނީ، އޭރަކު އޮންނަ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ފާޑުކިއުން އަމާޒުވާ ކަމަކަށެވެ. މިފަދަ ގިނަ ހާލަތްތަކުގައި، މުޒާހިރާ ކުރާފަރާތްތަކުން ގަވާއިދާ ގާނޫނާ ޚިލާފަށް އަމަލް ކުރިކަމިގައި ވިނަމަވެސް، އެއްވުންތަކާއި މުޒާހިރާތައް ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތްތަކަށް އޮންނަނީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން އަމާޒުވެފައެވެ. މިއީ، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ އިއްޔެއާއި މިއަދުގެވެސް ހަގީގަތެއްކަމުގައި ދަންނަވާން ޖެހެއެވެ.
އެހެންކަމުން ފާއިތުވެދިޔަ ތަނުގައި ފެނިގެން ގޮސްފައިވާ މަންޒަރަކީ، ދިވެހިރާއްޖޭގައި ފުލުހުންގެ މަސައްކަތަކީ، ތައުރީފަށްވުރެ ބޮޑަށް އަބަދުވެސް ގިނަބަޔަކު ފާޑުކިޔުމުގެ ނަޒަރަކުން ދެކެމުން އަންނަ ޚިދުމަތެއްކަމުގައެވެ.
އެހެންނަމަވެސް، ފެންނާން އޮތް ހަގީގަތަކީ، ފަހުގެ މާޒީތަކުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ ހުރިހާ ކާރިސާއެއްގައިވެސް، ގައުމީ ޚިދުމަތުގެ އެންމެ ކުރީސަފުގައި ދިވެހި ފުލުހުން ހަރަކާތްތެރި ވެފައިވާކަމެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ބެލިކަމުގައި ވިނަމަވެސް، 2016ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާއަށް ބެލި ކަމުގައިވި ނަމަވެސް، އަދި މިހާރުވެސް ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް ކާރިސާގައި، ފާއިތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އާންމު ރައްޔިތުންނަށް ކުރިމަތިވެގެންދިޔަ އެތައް ގިލަންވެރިކަމަކަށް ލުއިފަސޭހަކަން ގެނެސްދިނުމުގައި ފުލުހުން އަދާކޮށްފައިވާ ދައުރަކީ، އަގު ނުކުރެވޭނޭ ވަރުގެ ބޮޑެތި ޚިދުމަތްތަކެއް ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
ކޮމެންޓު ފޮނުވާ