67 ރަށެއްގައި ކުޑަކުދިންގެ ޕާކް ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު އިންޑިއާއިން ހަދިޔާކޮށްފި

67 ރަށެއްގައި ކުޑަކުދިންގެ ޕާކް ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު އިންޑިއާއިން ހަދިޔާކޮށްފި

Author
މުޙައްމަދު ޖިމީ
10 ނޮވެމްބަރ 2020 09:01
0

ރާއްޖޭގެ 67 ރަށުގައި ކުޑަކުދިންގެ ޕާކު ހެދުމަށް ބޭނުންވާ ސާމާނު އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

ކުޑަކުދިންގެ ޕާކު ހެދުމަށް ބޭނުންވާ ސާމާނު ހަދިޔާކުރުމަށް ޤައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާއާއި، ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއާއި، މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަޙުލޫފު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙްމަދު މަޙުލޫފު ވިދާޅުވީ، ރާއްޖޭގެ އެކި ރަށްތަކަށް ކުރި ދަތުރުތަކުގައި އެރަށްރަށުގައި ރައްޔިތުން ހިތްހަމަޖައްސާލަން އެއްވެ އުޅެވޭނެ ތަންތަން ނެތްކަން ފާހަގަކުރެވިފައިވާކަމަށެވެ. ކުޑަކުދިންގެ ޕާކުފަދަ ތަންތަނަކީ އާއިލާތައް އެކުގައި، ކުޑަކުދިން ގޮވައިގެން ވަގުތު ހޭދަކޮށްލުމަށް، މުހިންމު ތަންތަންކަމަށާއި، މިތަކެތި ރަށްރަށުގައި އިންސްޓޯލް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕާކު ހެދުމަށް ގެންދިޔަ ފުރަތަމަ ބުރުގައި 37 ރަށުގައި ޕާކު ހެދިން. މިހާރު މި ހަދަނީ 67 ރަށެއްގެ ޕާކު. މިއާއިއެކު 104 ރަށުގައި ޕާކު ހެދިގެންދާނެ.

-ޔޫތު މިނިސްޓަރ މަޙުލޫފު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ވިދާޅުވީ އިންޑިއާގެ އެހީތައް، އެންމެ ބޮޑެތި މަސައްކަތްތަކުން ފެށިގެން އެންމެ ކުދި ދާއިރާތަކުންވެސް ފޯރުކޮށްދެމުންދާކަމަށެވެ. މިފަދަ މަޝްރޫޢުތަކަކީ ރަށްރަށުގެ ރައްޔިތުންނަށް ސީދާ ފައިދާ ލިބޭނެ ކަންތައްތައްކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ އިންޑިއާގެ 13 މިލިއަން ޑޮލަރުގެ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ 30 މަޝްރޫޢުގެ ތެރޭގައި ހިމެނޭ ދެ މަޝްރޫޢުއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.