އިންޑިއާއިން އުފައްދާ ކޯވިޑް-19 ވެކްސިން ރާއްޖެއަށް ފޯރުކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޭއްވެވި މަޝްވަރާތަކުގައި، އިންޑިއާއިން އުފައްދާ ވެކްސިން ޤައުމުތަކަށް ފޯރުކޮށްދޭއިރު، އެންމެ އިސްކަމެއް ރާއްޖެއަށް ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ މިހެން ވިދާޅުވެފައިވާއިރު، އެންމެ ގިނަ ޢަދަދެއްގެ ވެކްސިން ބާޒާރަށް ނެރުމުގެ ޤަބިލިއްޔަތުކަން ލިބިފައިވާ ޤައުމުގެ ގޮތުގައި އޮތީ އިންޑިޔާކަމަށާއި، މުޅި އިންސާނިއްޔަތަށް އޭގެ ބޭނުން ހިފޭނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ. ކޯވިޑް-19އާ ދެކޮޅަށް އިންޑިޔާއިން ތައްޔާރުކުރުމަށް މަސައްކަތްކުރަމުންދާ ވެކްސިންގެ ތިންވަނަ މަރުހަލާގެ ތަހުލީލުތައް ކުރިއަށްދާކަމަށާއި ވެކްސިން އުފައްދައި ގުދަންކުރުމަށް އިންޑިޔާގައި ހުރި ވަސީލަތްތަކުގެ ބޭނުން ހުރިހާ ޤައުމަކަށްވެސް ހިފޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށްވެސް މޯދީ ވިދާޅުވެފައިވެއެވެ.
ކޯވިޑް-19އަށް ފަރުވާއެއް ނުވަތަ ވެކްސިނެއް ތައްޔާރުކުރެވިއްޖެނަމަ، އެންމެ އަވަހަށް ވެކްސިނެއް ލިބޭނެ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ދިވެހި ސަރުކާރުންވެސް ހާމަކުރައްވާފައިވެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އިސްނަގައިގެން ފެށި "ކޯލް ފޯރ އެކްޝަން"ގައި އެންމެ ކުރިން ބައިވެރިވި ޤައުމުތަކުގައި ތެރޭގައި ރާއްޖެ ހިމެނޭއިރު، އެ ހަރަކާތުގައިވެސް ރާއްޖެއިން ބައިވެރިވީ ރާއްޖެފަދަ ވަޞީލަތް މަދު ޤައުމަކަށް ވެކްސިނެއް ހޯދުމުގެ މުހިންމުކަން ސަރުކާރަށް ވަޒަންކުރެވޭތީކަމަށް ސަރުކާރުން ބުުނެފައިވެއެވެ. ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ވެކްސިން ދެވޭނެ މިންވަރަށް ހިލޭ ވެކްސިން ލިބޭނެކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ