ޕީޕީއެމްގެ ސަފުތައް ބިރަކަށް ނުސިހޭނެ، މިތިބީ ކެރިގެން ރައީސް ޔާމީންގެ ފަހަތުގައި: ޣައްސާން

ޕީޕީއެމްގެ ސަފުތައް ބިރަކަށް ނުސިހޭނެ، މިތިބީ ކެރިގެން ރައީސް ޔާމީންގެ ފަހަތުގައި: ޣައްސާން

Author
މުޙައްމަދު ޝަޒައިމް
27 މާރޗް 2022 02:39
0

އިދިކޮޅު ޕީޕީއެމްގެ ސަފުތަކަކީ ބިރަށް ސިހިގެން ފަހަތަށް ދާނެ ސަފުތަކެއް ނޫންކަމަށް ޕީޕީއެމްގެ ނައިބް ރައީސް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ ހުކުރު ދުވަހު ކުރި "ނޭވާހޮޅިއަށް" މުޒާހަރާގެ ތެރެއިން ޖަލުގައި ބަންދުކުރުމަށްފަހު ޝަރުތުތަކަކާއިއެކު ދޫކޮށްލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކުރި ޓޫވީޓެއްގައެވެ. ޣައްސާން ވިދާޅުވީ، ޕީޕޕީއެމްގެ ސަފުތަކަކީ ވަރަށް ބަދަހި ސަފުތަކެއް ކަމަށެވެ. ރައީސް ޔާމީންގެ ފަހަތްޕުޅުގައި ޕީޕީއެމްގެ ސަފުތައް ރުކުރުވާލާފައިވަނީ ވަރަށް ސާބިތުކަމާއިއެކު ކެރިގެންކަމަށް ޣައްސާން ވިދާޅުވިއެވެ.

ޕީޕީއެމްގެ މެމްބަރުން ޤައުމަށްޓަކައި ކުރަމުންދާ ޖިހާދުގައި، ޖަހާ ކަރުދަގޭހަކަށް، އަދި ދައްކާ ބިރަކަށް ސިހި ފަހަތަށް ނުޖެހޭނެކަމަށް ޣައްސާން ވިދާޅުވިއެވެ. ޕީޕީއެމްގެ ސަފުތަކަކީ އެއަށްވުރެއް މާވަރުގަދަ އަޒުމެއްގައި އޮތް ސަފުތަކެއްކަމަށް ޣައްސާން ވިދާޅުވިއެވެ.

ޕީޕީއެމްގެ ސަފުތަކެއް ބިރަކަށް ނުސިހޭނެ. ޕެޕާ ސްޕްރޭ އަކުން މައިދާނުން ފިލާ ނުދާނެ. ރައީސް ޔާމީންގެ ފަހަތްޕުޅުގައި ގަދަ އަޒުމުގައި ޤައުމުގެ ދިފާއުގައި މިތިބީ ކެރިގެން.

– ޣައްސާން ވިދާޅުވިއެވެ.

މުޒާހަރާގައި ހައްޔަރު ކުރުމަށްފަހު ޣައްސާނާއި، ސައީދު އިއްޔެ ކޯޓަށް ހާޒިރު ކުރީވެސް ބިޑި އަޅުވައިގެންނެވެ. ޤާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލާފާޅުމުގެ ބޭނުންކޮށް ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ބާއްވަން މަސައްކަތްކުރި މުޒާހަރާ ސަލާމަތީ ބާރުތަކުން ވަނީ ހުއްޓުވާފައެވެ. އެއްވުން ނުފަށަނީވެސް ފުލުުހުންވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއިން އިސް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން 9 މީހަކު މިހާރުވެސް ތިބީ ފުލުހުންގެ ބަންދުގައެވެ. ބަންދުން ދޫކޮށްލި 6 މީހުން ދޫކޮށްލާފައިވަނީ އެކި ޝަރުތުތަކާއި އެކުގައެވެ. މެމްބަރު ޣައްސާނާއި، ސައީދު ހައްޔަރު ކުރުކޮށް އަމަލުކޮށްފައިވާ ގޮތް ބެލުމަށް މަޖިލީހަށް ވަނީ މައްސަލައެއްވެސް ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.