އާޖެންޓީނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ މެދު ވިސްނަމުން އަންނަ ކަމުގެ އިޝާރާތެއް އެ ޓީމުގެ ތަރި ލިއޮނަލް މެސީ ދީފި އެވެ.
އާޖެންޓީނާ އާއި ދެކުނު އެމެރިކާގެ ގިނަ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މެސީ އަންނަނީ ގަތަރު ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވިސްނަމުންނެވެ. މެސީ ވަނީ މިދިޔަ އަހަރުގެ ކޮޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް، ގައުމީ ޓީމާ އެކު ތަށްޓެއް ހާސިލްކުރުމަށް ކުރަމުން އައި އުންމީދު ފުރިހަމަކޮށްފައެވެ. އެހެންކަމުން، މި އަހަރުގެ ވޯލްޑް ކަޕަށް ފަހު މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށް މާ ބޮޑު ހުރަހެއް ނެތް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މީގެ ކުރިން މެސީ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރުމަށް ފަހު މާގިނަ ދުވަހެއް ނުވެ، ނިންމުން ބަދަލުކޮށް އަލުން އެނބުރި އައިސްފައެވެ. ވޯލްޑް ކަޕަށް ފަހު ވެސް ގައުމީ ޓީމާ އެކު ކުރިއަށްދާނަންތޯ ސުވާލު ކުރުމުން މެސީ ބުނީ މި ވަގުތު އެއްވެސް ކަމެއް އޭނާ އަށް ބުނަން ނޭނގޭ ކަމަށެވެ.
އަހަންނަކަށް ނޭނގެ ވޯލްޑް ކަޕުގެ ފަހުން އަހަރެން ކުރިއަށްދާނެ ގޮތެއް. އެއަށްފަހު އަންނާނެ ކަންތައްތަކާ މެދު އަހަރެން މިދަނީ ވިސްނަމުން. ހަގީގަތުގައި ވެސް އަހަންނަކަށް ނޭނގެ. އަހަރެން ވިސްނަނީ އަބަދުވެސް އެންމެ ކައިރީގައި އޮންނަ މެޗަށް.
– މެސީ ބުނެފައިވެއެވެ.
އާޖެންޓީނާއާ އެކު ޖެހިޖެހިގެން ތިން ފައިނަލުން ބަލިވުމުން 2016 ވަނަ އަހަރު މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމުމަށް ފަހު އޭގެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން އަށް ޓީމާ ގުޅުނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށް ފަހު މެސީ ވަނީ ގައުމީ ޓީމުން ބްރޭކެއް ނަަގައިފައެވެ. އެކަމަކު، އެ ފަހަރު ގައުމީ ޓީމާ ދުރަށް ދިޔައީ ރިޓަޔާކޮށްގެން ނޫން ކަމަށާއި އަމިއްލަ ބްރޭކެއް ނެގީ ކަމަށް މެސީ ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ