ކިތަންމެ އަނިޔާއެއްކޮށް، ބޮޑި އަޅުވައި އަނިޔާކުރިނަމަވެސް ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ދިވެހި ރައްޔިތުން ކުރާ މަސައްކަތުގައި ގަޅާފައިވާ ފޫ މޮހާލެވެން ނެތްކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، އެއްވެ އުޅުމާއި ޚިޔާލު ފާޅު ކުރުމަކީ ޤާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ހައްގެއްކަމަށެވެ. އެހައްގުގެ ބޭނުންކޮށް، ދިވެހި ފަސްގަނޑުގެ ދިފާއުގައި ދިވެހި ރައްޔިތުން ޖިހާދުކުރަން ނިކުތުމުން އެކަމަށް ހުރަސް އަޅައި އަނިޔާކޮށް، ބޮޑި އަޅުވުމަކީ މިކަން ހުއްޓުވޭނެ ކަމެއްނޫންކަމަށެވެ.
ޤާނޫނު އަސާސީން ލިބިދޭ ހައްގެއްއެއްވެ އުޅުމަކީ. ކޮންމެ ރައްޔިތަކަށް، ޤާނޫނު އަސާސީގެ 32 ވަނަ މާއްދާގައި އެމިނިވަންކަން ދީފައިވަނީ. އެހައްގުގެ ބޭނުން ދިވެހި ރައްޔިތުން ކުރީ. އިއްޔެގެ އަޑުއެހުންތަކުގައިވެސް ފަނޑިޔާރުވެސް ވިދާޅުވީ މުޒާހަރާ ކުރުން ހުއްދަކަމަށް. މުޒާހަރާގައި ކުށް އުފެއްދީ ފުލުހުން.
– ޝިޔާމް ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާއި ނުލައި ސުލްހަވެރި ކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. އަދި ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެ މަތީން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މި ނޫންވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.
ޝިޔާމް ވިދާޅުވީ "ނޭވާހޮޅިއަށް" މުޒާހަރާއިން ހައްޔަރު ކުރި މީހުންނަށް ނުހައްގުން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ޝަރީއަތުގެ މަޖިލީހުގައި ފުލުހުން އެދުނީ އެންމެ ހަރުކަށި އަދަބެއް ދިނުމަށް ކަމުގައެވެ. މިފަސްގަނޑުގެ ހައްގުގައި ޤައުމު ސަލާމަތް ކުރުމަށް ނިކުތް މީހުންނާއިމެދު މިގޮތަށް އަމަލު ކުރުމަކީ އެއްގޮތަކަށްވެސް މިމަސައްކަތް ހުއްޓުވޭނެ ކަމެއް ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިއަދު ދިވެހި ސަރުކާރުން، އަދި އިންޑިއާ ސަރުކާރުވެސް ހީކޮށްގެން ނުވާނެ އަދި މިގޮތަށް އަމަލުކޮށްގެން އަޅުގަނޑުމެން ފަހަތަށް ޖައްސަލައި ލެވިދާނެކަމަށް. ދެން އަޅުގަނޑުމެން ނިކުންނާނީ މިއަށްވުރެއް ބާރަށް. މިއަށްވުރެއް ބާރަށް އިންޑިއާ ސިފައިން މިޤައުމުގެ ފަސްގަނޑުން ނުފާބާހާ ހިނދަކު އަޅުގަނޑުމެން މިގަޅާފައިވާ ފޫ "ގަޅޭފެއި މިހުރިފޫ" އަޅުގަނޑުމެން މޮހައެއް ނުލާނަން.
– ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ހިންގޭ ހަރަކާތަކީ ގައުމީ ހަރަކާތެއް ކަމަށެވެ. މިހަރަކާތުގައި ބައިވެރިވާ ދިވެހި އެތައްހާސް ރައްޔިތުންނަކީ ޤައުމުގެ ހައްގުގައި މިފަސްގަނޑުގެ ހިމާޔަތުގައި ނިކުންނަ ދިވެހި ދަރީންތަކެއްކަމަށެވެ. ކުރިއަށް އޮތް ތަނުގައި މިހަރަކާތް އިތުރަށް ފުޅާކޮށް، މިފަސްގަނޑުގެ ހައްހުގައި ކުރާ ޖިހާދު މާބޮޑުވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
One Response
އަދިޑުރަގު ވަށްކަންހުއްދަ ނުވާހާއިނދަކު
އެހެންބުނިލަމަ ފފަށްކަާވިސް ހެހެހެހެ