ދުނިޔޭގެ ގައުމުތައް މިއަދު އެގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަމުން އަންނަނީ، ހަމައެކަނި އަމިއްލަ ގައުމުގެ އަސްކަރީ ގާބިލްކަމުގެ މައްޗަށް ބަރޯސާ ކޮށްގެނެއް ނޫނެވެ.
އޭގެ ބަދަލުގައި، ގައުމީ ސަލާމަތާއި ރައްކާތެރިކަން އިންތިހާއަށް ހުރިހާ ގައުމަކަށްވެސް މުހިންމުވެގެން ގޮސްފައިވާއިރު، މިޔަގީންކަމާއި ރައްކާތެރިކަން މިއަދު ގައުތަކަށް ހޯދަން މަޖުބޫރުވެފައި މިވަނީ، އަސްކަރީ ގާބިލްކަމުގެ އިތުރުން، ހޯދާ އިގްތިސާދީ ފުދުންތެރިކަމާއި، އަދި ދޭދޭ ގައުމުތަކާއެކީ އޮންނަ ގުޅުންތަކުގެ ތެރެއިންނެވެ.
އަދި ވަކީ ޚާއްސަކޮށް، އަސްކަރީ ގާބިލްކަން ނެތް ގައުމުތަކަށް އަދުގެ ދުނިޔޭގައި އޮތް ނުރައްކަލާއި، އަދި އެނޫން ގޮތްގޮތުންވެސް ހުރި ގޮންޖެހުންތައް މިއަދު ހާމަވެގެން ދިޔަ އެއް ހާދިސާއަކަށް ވެގެން ދަނީ ޔޫކުރެއިން ހަނގުރާމައިންނެވެ.
ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި އޮތް ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާތައް ދީ، އެގައުމަށް އަރާ، އެތައްބަޔަކު މަރާ، މުޅި ގައުމު ސުންނާފަތި ކުރަމުންދާއިރު، ޔޫއެން އޮތީ "ވާގި" ނެތިފައެވެ. ރަޝިއާގެ އާބަސް ނެތި، ޔޫއެންގެ ސެކިއުރިޓީ ކައުންސިލުން އެއްވެސް ކަމެއް ނިންމެ ނެތުމުން، ރަޝިއާގެ އުދުވާންއާއި ދެކޮޅަށް އެ ޖަމިއްޔާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތުނީއެވެ. އަދި އާންމު މަޖިލިހުންގެ ސުޕަރ މެޖޯރިޓީއިން މި އުދުވާން ކުށްވެރި ކުރިނަމަވެސް، އެއީ ގައުމުތަކަށް އަމަލްކުރުން ލާޒިމްކުރާ ނިންމުމަކަށް ނުވާތީ، ރަޝިއާއިން މުތުލަގަށް ގައުމެއްގެ މިނިވަންކަން ނިގުޅައިގަތުމުންވެސް ޔޫއެންއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތި، މި މައްސަލާގައި އެ ޖަމިއްޔާއަކީ ވާގިނެތް ޖަމިއްޔާއަކަށް ވެގެން ދިޔައީއެވެ.

އެހެންކަމުން، ވަކީން ޚާއްސަކޮށް، ޔޫކުރެއިން ހަނގުރާމައާއި ހަމައިން، ދުނިޔޭގެ ކުޑަގައުމެއް ބޮޑު ގައުމެއް ތަފާތު ކުރުމުއްނެތި، ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ވިސްނަމުންދާ ގޮތްތަކަށް ބޮޑެތި ބަދަލުތައް އައިސް، ސިޔާސަތުތަކާއި އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ކުރިަޔށް އޮތްތަނުގައި އަންނަމުން ދާނެކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
ގްލޯބަލައިޒޭޝަން! ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކާ!
ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ކުރަމުންދާ އަސްކަރީ ހަގުރާމަތަކާއި، އިގުތިސާދީ ގޮތުން އުފެދިފައި އޮތް ވާދަވެރިކަމުގެ ޝިކާރައަކަށް އެހެނިހެން ގައުމުތައް ވަމުންދާދިއުމަކީ، އަދުގެ ދުނިޔޭގައި މިފަދަ މައްސަލަތަކާއި ބެހުމެއްނެތް ގައުމުތަކަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލެވެ. ދުނިޔޭގެ ގައުމުތަކުގެ މެދުގައި ހިނގާ ބޮޑެތި ހަމަނުޖެހުންތަކުގައި، އެއްގައުމު އަނެއް ގައުމާދެކޮޅަށް ބައިއަތު ހިފުމަށް ގައުމުތަކަށް މަޖުބޫރެވެގެން ދިއުމާއި، އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ހަމަނުޖެހުންތަކާއި ގުޅުން ނެތް ގައުމުތައްވެސް އެއްގައުމު އަނެއް ގައުމާއި ހަތުރުވެރި ވަމުންދާ ދިއުމެވެ.
މީގެ އެންމެ ބޮޑު ހެއްކަކީ، ރަޝިއާއިން ޔޫކުރެއިންއަށް އަރާ، އެގައުމުގައި ހިންގަމުންދާ އުދުވާންއާއި ދެކޮޅު ހެދުމުގެ ގޮތުން، ޔޫއެންގައި އެގައުމާއި ދެކޮޅަށް ވޯޓުދިން ގައުމުތަކަކީ، "ރަހުމަތްތެރި ނޫން" ގައުމުތަކުގެ ގޮތުގައި ރަޝިއާއިން ނިންމާފައިވާ ނިންމުމެވެ. އަދި މިގައުމުތަކާއެކީ ކުރަމުން އަންނަ ވިޔަފާރިތަކަށް ރަޝިއާއަށް އެގައުމުގެ ފައިސާ "ރުބެލް" އިން އަގުދައްކަން ޖެހޭނަކަމަށް ރަޝިއާއިން ނިންމާފައިވާ ނިންމުމެވެ.
މިއުސޫލުން ބަލާއިރު، ޔޫއެންގައި ރަޝިއާއާއި ދެކޮޅަށް ވޯޓުދިން ގައުމުތަކާ ދޭތެރޭ އެގައުމުން ކުރިޔަށް އޮތް ތަނުގައި ރަހުމަތްތެރި ނޫން ސިޔާސަތެއް ގެންގުޅެން ފަށާއިރު، މިފަދަ ސިޔާސަތެއްގެ ގޮންޖެހުން ރާއްޖެފަދަ ކުދި ގައުމުތަކަށް މާބޮޑުވެގެންދާނެ ކަމުގައިވެސް ބަލަންޖެހެއެވެ.
އެހެންނަމަވެސް، ދިވެހިރާއްޖެއަކީ ބައިނަލްއަގުވާމީ މަސްރަހުގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގައި "ހައްގު ބަސް" ބުނަން ބޭނުންވާ ގައުމަކަށްވެ، މިއުސޫލުން ހުޅަނގުގެ ގައުމުތަކުގެ ރުހުން ރާއްޖެއިން އިންތިހާއަށް ބޭނުންވުމުގެ ނަތީޖާއެއްގެ ގޮތުން، އިންސާނީ ހައްގުތަކާއި ގުޅުންހުރި ގިނަ މައްސަލަތަކުގައި މި ސަރުކާރުން ދަމަހައްޓަމުންދާ ސިޔާސަތު (ދީނާއި ގުޅުންހުރި މައްސަލަަތައް ފިޔަވާ) އެންހަމަ ވެގެން އަންނަނީ ގިނަފަހަރަށް ހުޅަނގުގެ ގައުމުތަކުގެ ވިސްނުމާއި އެއް ގޮތަކަށްކަން މިއީ ފާއިތުވެދިޔަ ތަނުގައި ރާއްޖެއިން ޔޫންއެގައި ދީފައިވާ ގިނަ ވޯޓުތަކުން ސާފުވާން އޮތް އެއް ހަގީގަތެވެ.

އެހެންނަވެސް، ދުނިޔޭގެ ގިނަ ގައުމުތަކަށް ބަލާއިރު، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަކީ، އުފެދިފައިވާ ވަރަށް ގިނަ ޖަމާއަތްތަކުގެ ހިޔާވަހިކަމުގައި ތިބި ގައުމުތަކެވެ. ޔޫކުރެއިންގައި މިއަދު ހިގަމުންދާ ހަގުރާމާގައި ޔޫރަޕް ބައްރުގެ ގިނަ ގައުމުތައް ހިމާޔަތާއި ރައްކާތެރިކަން ހޯދާފައިވަނީ، ނޭޓޯގެ ގައުމުތަކަށް އެޖަމިއްޔާއިން ފޯރުކޮށް ދީފައިވާ އަސްކަރީ ޔަގީމަކާއެކީއެވެ. އަދި ހަގުރާމައާއި ހަމައަށްވެސް ނޭޓޯގެ މެމްބަރު ގައުމެއްގެ ގޮތުގައި ވުމަށް ޔޫކުރެއިންއިން ކުރަމުންއައި މަސައްކަތުގެ އެއް އަސްލަކީވެސް މިއިއެވެ. އަދި މިއަދުވެސް، ޔޫރަޕިއަން ޔޫނިއަންގެ މެމްބަރެއްގެ ގޮތުގައި ވުމަށް ޔޫކުރެއިންއިން އެދެމުންދާ އެއްސަބަބަކީ، ޔޫރަޕް ބައްރުގެ އެހީތެރިކަމާއި އެއްބާރުލުން އެގައުމަށް އަދިވެސް ބޭނުންވާ މިންވަރުގެ ބޮޑުކަމުންވެސް މެއެވެ.
ހަމައެއާއެކު، ފަހުގެ ޒަމާނެއްގައި ދުނިޔޭގެ ގައުމަކުން މިނިވަން ދައުލަތެއްގެ މިނިވަންކަން ނިގުޅައިގަތް އެއް ގައުމަކަށް ރަޝިއާ ވެގެން ގޮސްފައިވާއިރު، ދުނިޔޭގެ އިގްތިސާދީ ބާރެއްގެ ގޮތުގައި އޮތް ޗައިނާއިން އަދިވެސް ރަޝިއާއެކީ އޮތްއޮތުން ވެގެންދަނީ ރަޝިއާއަށް މި ހަނގުރާމާގައި ލިބިގެން ގޮސްފައިވާ ވަރަށްވެސް ބޮޑު ހިންހަމަޖެހުމަކަށެވެ.
މިއުސޫލުން، އަރަބި ގައުމުތަކަށް ބަލާއިރި، އަރަބި ގައުމުތަކުގައި، އެއްގައުމު އަނެއް ގައުމުގެ މެދުގައި ޖެހޭ ބޮޑެތި މައްސަލަތަކުގައި، އަރަބި ލީގުގެ ނިންމުން ވެގެންދަނީ، އެހެންގައުމުތަކުން މިފަދަ މަސައްތަކުގެ ތެރެއަށް ވަދެގަތުމުގައި ސަމާލުކަން ދޭ ނިންމުންތަކެއްގެ ގޮތުގައެވެ. އެފްރިކާގެ ގައުމުތަކުގައި، ހިގަމުންދާ އަސްކަރީ ބަޢާވާތްތަކާއި، އަދި އެހެންނިހެން ބޮޑެތި މައްސަލަތަކުގައި އެފްރިކަން ޔޫނިއަންއިން ގެންދަނީ ވަރަށްވެސް މުހިންމު ދައުރެއް އަދާކުރަމުންނެވެ.
އާސިއާން ސަރަހައްދުގައި އުފެދޭ ގިނަ މައްސަލަތަކުގައި، އާސިއާން ޖަމާއަތުން ބަސް ބުނާއިރު، މިޔަންމާއަށް ގެނެސްފައިވާ އަސްކަރީ ބަޢާވާތާއި ދެކޮޅު ހެދުމުގެ ގޮތުން، އާސިއާންގެ މެމްބަރުކަމުން އެގައުމު ވަނީ ބާކީ ކުރެވިގެން ގޮސްފައެވެ.

ރާއްޖެފަދަ ގައުމަކަށް ސަރަހައްދީ، ބައިނަލްއަގުވާމީ އެއްބާރުލުން ވަރަށް މުހިންމު؟
މިއަދު ގަބޫލުކުރަން ޖެހިފައިވާ އެންމެ ބޮޑު އެއް ހަގީގަތަކީ، ދުނިޔޭގެ ގައުމުތަކުން ބައިނަލްއަގުވާމީ ބާރުވެރިކަމަށް (ގްލޯބަލް ޕަވަރއަށް) ކުރަމުންދާ ހަގުރާމާގައި ޝިކާރައަކަށް ވާންވީމާ، އެހެންގައުމުތަކުގެ މަސައްލަހަތަށް އެއްވެސް ބެލުމެއް ނެތްކަމެވެ. ބަވަނަ ވަމުންދާ އަދުގެ ދުނިޔޭގައި، ބައިނަލްއަގުވާމީ ގޮތުން އޮތް ވާދަވެރިކަން މިވަނީ އެއަށްވުރެ ބޮޑުވެފައެވެ.
އެހެންނަމެސް، ދުނިޔޭގެ ބާރުގަދަ، ވަކިވަކި ގައުމުތަކުގެ ފަރާތުން މިބީދައިން ކުރިމަތިވާ ގޮންޖެހުންތަކާއި، ނުރައްކަލުން އެހެން ގައުމުތައް ރައްކާތެރިކަން ކަށަވަރު ކުރަމުން އަންނަނީ، ދޭދޭ ގައުމުތަކާއެކީ ބާއްވަމުންދާ ގުޅުމުގެ ތެރެއިންނެވެ. އަދި މި ގުޅުންތަކުގެ ތެރެއިން މި ބީދައިން ހޯދާ ރައްކާތެރިކަމުގެ އެންމެ ބޮޑު އަމާޒަކަށް ގިނަ ގައުމުތަކުން ހަދާ އެއްކަމަކީ އިގްތިސާދީ ގޮތުން ކުރިއެރުންތައް ހޯދުމެވެ. ސަބަބަކީ، އިގްތިސާދީގޮތުން ހިންދެމެވިގެން މެނުވީ އަސްކަރީގޮތުންވެސް ބާރިވެރިކަން ހޯދެން ނެތުމެވެ.
ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެން، ދެކުނު އޭޝިއާ ސަރަހައްދުގެ ގުޅުންތައް ބަދަހިކޮށް، މިއުސޫލުން އެއްގައުމު އަނެއްގައުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކާ އުފެއްދި ސަރަހައްދީ ޖަމިއްޔާއަކީ ސާރކެވެ. އެހެންނަމަވެސް، ކަޝްމީރުގެ މިލްކުވެރިކަމާއި ގުޅޭގޮތުން، މި ސަރަހައްދުގައި އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދިފައޮތް ވާދަވެރިކަމުގެ ނަތީޖާއެއްގެ ގޮތުން، މި ޖަމިއްޔާ ފާއިތުވެދިޔަ ތަނުގައި އޮތީ ހުއްޓުމަކަށް އައިސްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ދެކުނު އޭޝިއާގެ ގައުމުތަކުން އެއްގައުމު އަނެއް ގައުމާއެކީ ބާއްވަމުންދާ ގުޅުންތައް ވެގެންގޮސްފައިވަނީ، ކޮންމެ ގައުމެއްވެސް އަމިއްލަ ހައިސިއްޔަތުން ބާއްވަމުން އަންނަ ގުޅުންތަކަކަށެވެ.
މީގެތެރެއިންވެސް އެންމެ ޚާއްސަ ގޮތެއްގައި ފާހަގަވާން އޮތީ ދިވެހިރާއްޖެއިން އިންޑިއާއެކީ ބާއްވަމުން އަސްކަރީ އަދި ސިޔާސީ ގުޅުންތަކެވެ. މި ގުޅުމަކީ ގައުމު އަޅުވެތިވުން ކަމުގައި، ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުން ސިފަކުރަމުން އައިނަމަވެސް، އިންޑިއާއާއި ރާއްޖެއިން ބާއްވަމުން އަންނަ ގުޅުންތަކީ އެއަށްވުރެ ފުނަށް މޫ ލާފައިވާ، ޒަމާންވީ ގުޅުންތަކެއް ކަމުގައި ބަލައިގަންނަން ޖެހެއެވެ. އިގްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގުޅުމުގެ މިންގަޑުންވެސްމެއެވެ.

އަދި ވަކީން ޚާއްސަކޮށް، ބައިލަންއަގުވާމީގޮތުން، ރާއްޖެފަދަ ކުޑަ ގައުމެއް ސަފުން ބާކީނުވެ އޮވެ، ބަސްބުނަމުން ދިއުމުގައި، މިގުޅުމުގެ މުހިންމުކަން ވަރަށްވެސް ބޮޑުކަމުގައި ދަންނަވާންވެސް ޖެހެއެވެ. ދެންއޮތީ ރާއްޖޭގެ ގައުމީ ސަލާމަތާއި އޮތް ގުޅުމުގެ ވާހަކައެވެ. ރާއްޖެއާއި އިންޑިއާއި އޮތް އަސްކަރީ ގުޅުމުގެ ތެރެއިން ގާއިމްކުރެވިފައިވާ އެއްބަސްވުންތައް ހާމަވެގެން ދިއުމުން މިގޮތުން އުފެދިފައިވާ ގިނަ ސުވާލުތަކުގެ ޖަވާބު ލިބިގެންދާނެ ކަމުގައި ގަބޫލުކުރެވެއެވެ.
އެހެންނަމަވެސް އެއީ، މި ޖަވާބުތައް އާންމުވެގެން ނުދިޔަ ނަމަވެސް، ރާއްޖެއާއި އިންޑިއާއާއި އުފެދިފައިވާ ގުޅުންތަކަކީ، ދިވެހިރާއްޖެ އަސްކަރީގޮތުން އަޅުވެތި ވެގެން ދިއުންކަމުގައި އަދި ބެލެވެން ނެތް އެއް ސަބަބަކީ، އެއްގައުމުން އަނެއް ގައުމަށް ފޯރުކޮށްދޭ އަސްކަރީ ޔަގީންކަން އަދުގެ ދުނިޔޭގައި މުހިންމުވެގެން ގޮސްފައިވާ މިންވަރުގެ ބޮޑުކަމުންނެވެ. އަދި، ގައުމުތަކަށް ލިބިގެންދާ ސަލާމަތީ ރައްކާތެރިކަމެއްކަމަށްވެސް މިއަދު ވެގެން ގޮސްފައި ވާތީވެސް މެއެވެ.
ކޮމެންޓު ފޮނުވާ