އެމްޑީޕީގެ ޗެއަޕާސަންގެ މަޤާމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް އިންތިޚާބު ވުމުން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށްވެސް ވާނީ ފަސޭހަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ގިނަ މެމްބަރުންގެ ތާއީދު އޮތީ މިނިސްޓަރ ފައްޔާޟު އަށެވެ. އިންތިއަށް ތާއީދު ކުރަނީ ރައީސް ނަޝީދަށް ދާއީދު ކުރާ މަޖިލީހުގެ އެމްޑީޕީގެ މަދު މެމްބަރުންތަކެކެވެ.
މިނިސްޓަރ ފައްޔާޟަށް ތާއީދު ކުރައްވާ މެމްބަރުން ދަނީ ނިމިދިޔަ އަހަރުތަކުގައި އެމްޑީޕީ ނުހިނގާތީ އެކަން ކުރެވޭނެ ބޭފުޅަކަށް ފުރުސަތު ދިނުމަށް ގޮވާލަމުންނެވެ. މެމްބަރު އިކްރާމް ވިދާޅުވީ ފައްޔާޟު އިންތިޚާބު ކުރެވިއްޖެނަމަ އެމްޑީޕީ ހިންގާލާތަން ފެނިގެންދާނެކަމަށެވެ. އަދި މިހާރު އެމްޑީޕީގެ ކޮންމެ ކަމެއްގައި ޕާޓީގެ ރައީސް އުޅެންޖެހޭ އުޅުން ކުޑަވެ، ފައްޔާޟުފަދަ ބޭފުޅަކު އިންތިޚާބު ވުމުން އެމްޑީޕީގެ ރައީސަށްވެސް ބޮޑު ތަނުން ފަސޭހަ ވެގެންދާނެކަމަށެވެ.
ހިނގާލާނެ ޗެއާޕާސަންއެއް އިންތިޚާބު ކުރެވިއްޖެނަމަ ޕާޓީ މެމްބަރުންނާއި، ގުޅުން ރަނގަޅު ކުރެވޭނެ، ޖަގަހަތައް ހިންގާލެވޭނެ، ޕާޓީގެ ރައީސް ކޮންމެ ކަމަކު އެދޭން ނުޖެހި، ހިނގާން ފެށުމުން ރައީސް އަށްވެސް ވާނީ މާބޮޑަށް ފަސޭހަވާނަ ނޫންތޯ؟
– އިކްރާމް ވިދާޅުވިއެވެ.
ޗެއާޕާސަންގެ ކެމްޕެއިންފައި ނ.ކެނދިކުޅުދޫގައި ގިނަ އަދަދެއްގެ އެމްޑީޕީގެ އާންމު މެމްބަރުންނާއިއެކު ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޟު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ އެތައް ރައްޔިތުންގެ އާންމު މަސްލަހަތާއި ގުޅިފައިވާ ޕާޓީއެއްކަމަށެވެ. އެމްޑީޕީ ހިންގުމުގައި އޮތް މައްސަލަތަކާއި، ޝަކުވާތަކަކީ ހައްލުތަކެއް ލިބެންޖެހޭ މައްސަލަތަކެއް ކަމަށާއި، އެކަން ކުރެވޭނީ އެމްޑީޕީގެ ލީޑަރޝިޕް ހަރުދަނާ ވެގެންކަމަށް ފައްޔާޟު ވިދާޅުވިއެވެ.
ފައްޔާޟު ވިދާޅުވީ މިކެމްޕެންގައި މިހާތަނަށް 60 އަށްވުރެ ގިނަ ރަށްތަކަށް ކެމްޕެއިންގައި ދެވިފައިވާއިރު އެންމެބޮޑު ޝަކުވާއެއް އޮތީ ރަށްރަށުގެ އެމްޑީޕީގެ ޖަގަހަތައް ނުހިނގާކަމުގެ ޝަކުވާ ކަމުގައެވެ. ރަށްތަކުގައި ތިބި އެމްޑީޕީގެ އާންމެ މެމްބަރުންނާއި އެމްޑީޕީގެ ލީޑަރޝިޕާއި ގުޅުން ނެތްކަމުގެ ޝަކުވާ ކަމަށެވެ. މިއަދު ޗެއާޕާސަންގެ މަޤާމަށް އޭނާއާއި ވާދަކުރައްވާ ބޭފުޅާއާއި، އޭނާގެ ޓީމަކީ މިދިޔަ 16 އަހަރު އެމްޑީޕީގެ އާންމު މެމްބަރުންނަށް ޚިދުމަތް ކުރަން ލިބި އެކަން ނުކޮށްދެވުނު ބައެއްކަމަށް ފައްޔާޟު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ