ބަލި އިއުލާންކުރުމުގެ ބަދަލުގައި އެމްޑީޕީ ވަންތަ ކެމްޕެއިނެއް ހިންގުމަށް ގޮވާލާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަށް، ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޗެއަރޕާސަންގެ އިންތިޚާބުގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. މި އިންތިޚާބުގައި ރައީސް ނަޝީދުގެ ފެކްޝަނުން ވާދަކުރައްވަނީ އިންތިއެވެ. އަދި ރައީސް ޞާލިޙްގެ ފެކްޝަނުން ވާދަކުރައްވާނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލެވެ. އިންތިޚާބުގެ ވާދަވެރިކަން ބޮޑުވެ ދެ ފެކްޝަންގެ ބޭފުޅުން އަންނަނީ އެއްބަޔަކު އަނެއްބަޔަކަށް ފާޑުވިދާޅުވެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
މިގޮތުން އިއްޔެ ހަވީރު ގއ.ދެއްވަދޫއަށް ވަޑައިގެން ދެއްވަދޫ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އެޕާޓީން ބާކީކޮށް، ބޭރުކޮށްލަން ޖާގަ ނުދޭނެކަމަށެވެ. އެވާހަކަތަކަށް ރައްދު ދެއްވާ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ވިދާޅުވީ، 2008 އަހަރުގެ އިންތިޚާބާ ދިމާކޮށް އޭރުގެ ޑީއާރުޕީން ދެއްކީ އެމްޑީޕީން އިންތިޚާބު ކާމިޔާބުކޮށްފިނަމަ ރައީސް މައުމޫން އުމުރު ދުވަހަށް ޖަލައްލާނެކަމުގެ ވާހަކަކަމަށެވެ. އަދި އެމްޑީޕީން ރާއްޖޭގައި ފައްޅި އަޅާނެކަމުގެ ވާހަކަ ދެއްކިކަމަށް މެންބަރު ވިދާޅުވިއެވެ. މީގެ އިތުރުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ޕީޕީއެމްއިން ދެއްކި ވާހަކައަކީ ކޮމަންޑޫ ދާއިރާގަ ބަންގިއެއް ނުގޮވާނެކަމުގެ ވާހަކަކަމަށެވެ.
ނަމަވެސް މިއަދު އެމްޑީޕީގެ ޗެއަރޕާސަންގެދ އިންތިޚާބާ ދިމާކޮށް އެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓް އިންތި ދައްކަވާ ވާހަކަފުޅަކީ އެޕާޓިން ރައީސް ނަސީދު މި ޕާޓިން ބޭރު ކުރަން އުޅޭކަމުގެ ވާހަކަކަމަށެވެ. އޭނާވަނީ ބަލި އިއުލާން ކުރެއްވުމުގެ ބަދަލުގައި އެމްޑީޕީ ވަންތަ ކެމްޕެއިނެއް ހިންގުމަށް އިންތިއަށް ގޮވާލައްވާފައެވެ.
2008 "ރައީސް މައުމޫން އުމުރު ދުވަހަށް ޖަލައްލާނެ"DRP
2018 "އެމްޑިޕީ ފައްޅި އަޅާނެ"PPM
2022 "ކޮމަންޑޫ ދާއިރާގަ ބަންގިއެއް ނުގޮވާނެ"PPM
2022 "އެއުޅެނީ ރައީސް ނަސީދު މި ޕާޓިން ބޭރު ކުރަން" އެމްޕީއިންތި????♂️ބަލި އިއުލާން ކުރެއްވުމުގެ ބަދަލުގައި އެމްޑީޕީ ވަންތަ ކެމްޕެއިންއެއްހިންގަވާ???? pic.twitter.com/APJmzpG4o7
— Ismail Ahmed (@N4Isse11) March 19, 2022
ހުވަދު އަތޮޅުގެ ރަށްތަކުގައި އިންތިގެ ޓީމުން ކުރަމުންދާ ކެމްޕެއިންފައި އިއްޔެ ހަވީރު ގއ.ދެއްވަދޫއަށް ވަޑައިގެން ދެއްވަދޫ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އެމްޑީޕީ ދެފަޅިކޮށްލަން ނުވަތަ ކަފިކަފި ކޮށްލަން ބަޔަކު މަސައްކަތް ކުރާތަން ފެންނަ ކަމުގައެވެ. މިފުރުސަތު ދީފިކަމަށް ވަނީނަމަ، އެމްޑީޕީއަށް ޤުރުބާން ވީ ބޭފުޅުންގެ މަސައްކަތް އަނެއްކާ އެދިޔައީ ފަހަތަށް ކަމުގައި އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ މިހާރު ކުރެވޭ މަސައްކަތަކީ ވަރަށް ރޭވިގެން އެމްޑީޕީން ރައީސް ނަޝީދު އެއްފަރާތްކޮށް، ބޭރުކޮށްލުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. ނަމަވެސް އެކަމަށް ޖާގަ ނުދޭނެކަމަށް އިންތި ވިދާޅުވިއެވެ.
މިޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޭރުކޮށްލަން ނުވަތަ ބާކީކޮށްލަން އަަޅުގަނޑުމެން ޖާގައެއް ނުދޭނަން. މީވަރަށް މުހިންމު ވަރަށް ނާޒުކު ވަގުތު ކޮޅެއް، ހުރިހާ ބޭފުޅުން މިކެމްޕެއިންގެ ބައިވެރިވެވަޑައިގެން މަސައްކަތް ކޮށްދެއްވުމަކީ، ވަރަށް ބޮޑަށް މިޕާޓީ އައިގެން ކުރިޔަށް ދިއުމަށް ބޭނުން ވާކަމެއް.
– އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ މިއަދު އިންތިހާބު ބޭވިޔަސް، މާދަމާ ބޭއްވިޔަސް ނުވަތަ އަނެއް ދުވަހު ބޭއްވިޔަސް މިއިންތިޚާބު ކާމިޔާބު ކުރާނެކަމަށެވެ. އެމްޑީޕީގެ އުސޫލުތަކާއި އަސާސް ތަކަކީ ވަރަށް އަގުހުރި އެއްޗެއް ކަމަށާއި، މި އަސާސުތަކުން ދުރަށް ދިޔައީމާ ވާގޮތް މިހާރު ފެންނަމުންދާކަމަށް އިންތި ވިދާޅުވިއެވެ. އިންތި ވިދާޅުވީ އެނާ އެންމެ އިސްކަމަކަށް ދޭނީ އެމްޑީޕީ އެއްގަލަކަށް އަރުވާ، އެކަތިގަނޑަކަށް ހަދާ، އުސޫލުތަކާއި އަސާސްތަކާއި ފަލްސަފުހާތަކަށް ދިރުން ގެނައިސް ދިނުމަށް ކަމުގައެވެ.
ޗެއާޕާސަން އިންތިޚާބުގައި މިނިސްޓަރ ފައްޔާޟާއި، އިންތި ވާދަކުރި ނަމަވެސް މިއީ ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ މެދުގައި ކުރިއަށްދާ އިންތިޚާބެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. އަދި މިއީ އެމްޑީޕީން އަންނަ އަހަރު ނެރޭނެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައެޅުމުގައިވެސް ވަރަށް މުހިންމު އިންތިޚާބަކަށް ވެގެންދާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.
ކޮމެންޓު ފޮނުވާ