އާ އޭސީސީއާއިމެދު ކުރެވޭ އުއްމީދު! ސިޔާސީ ނުފޫޒުން އެއްކިބާވެ، ނަތީޖާ ނެރެވޭނެތަ؟

އާ އޭސީސީއާއިމެދު ކުރެވޭ އުއްމީދު! ސިޔާސީ ނުފޫޒުން އެއްކިބާވެ، ނަތީޖާ ނެރެވޭނެތަ؟

ދައުލަތުގެ މުވައްސަސާތަކުގެ ތެރެއިން، ހުރިހާ ވެރިކަމެއްގައިެވސް ސިޔާސީ މީހުންގެ އެންމެ ބޮޑު ނަޒަރިއްޔާތެއް ހުއްޓިގެންދާ އެއް މުވައްސަސައްކަށް ވެގެން ގޮސްފައިވާ، ދައުލަތުގެ އެންމެ މުހިންމު އެއް މުވައްސަސާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަންއެވެ.

މިގޮތުން މި ކޮމިޝަންގެ އެންމެ މުހިންމު ޒިންމާއަކީ، ސަރުކާރާއި ދައުލަތުގެ ތެރޭގައި ހިންމުންދާ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ބަލާ، ތަހުގީގުކޮށް، އަދި ދައުވާކުރުމަށް މައްސަލަތައް ކަމާއި ގުޅުންހުރި އެހެނިހެން މުވައްސަސާތަކާއި ހަމައަށް ފޮނުވުންކަމަށް ވާއިރު، މި ކޮމިޝަންއިން ފާއިތުވެދިޔަ ތަނުގައި ކޮށްފައިވާ ހުރިހާ މަސައްކަތަކީވެސް ހުރިހާ ސަރުކާރެއްގައި ސިޔާސީ މީހުންގެ އެކި ބާވަތު ނުފޫޒު ފޯރާ ނުވަތަ ފާޑުކިޔުން އަމާޒުވެގެން ގޮސްފައިވާ މަސައްކަތްތެއްކަން މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

ރައީސް ޔާމިންގެ ދައުރުގައި އޭރުގެ އޭސީސީގެ މައްޗަށް ކުރެވިގެންދިޔަ ތުހުމަތުތަކަކީ އެ މުވައްސަސާ ސިޔާސީ މީހުންގެ މުށުތެރޭގައި އޮތްކަމުގެ ތުހުމަތުތަކެވެ. އަދި އޭސީސީ އޭރު ހިގަމުން އައިގޮތަށް މިއަދު ނަޒަރިއްޔާތެއް ހިންގާލާއިރު، އޭރުގެ އޭސީސީ ހަގީގަތުގައިވެސް އޮތީ ސިޔާސީ ނުފޫޒުގެ ދަށުވެފައިކަން މިއީ މިއަދު ސާފުކޮށް ފެންނާން އޮތް ހަގީގަތެއްވެސް މެއެވެ.

އެއަށްފަހު މި ސަރުކާރު ވެރިކަމަށް އައިސް، މިސަރުކާރުން އައްޔަންކުރި އޭސީސީގެ މެމްބަރުންގެ މައްޗަށް ކުރެވިގެން ދިޔަ ތުހުމަތުތަކަކީ، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭކަމުގެ ތުހުމަތު ތަކެވެ. މަސައްކަތް ލަސްވާ ކަމުގެ ތުހުމަތު ތަކެވެ. އަދި މިހާރު އޮތް ސުޕަރ މެޖޯރިޓީގެ ވަކިވަކި ބައެއް މެމްބަރުންނާއި ގުޅުންހުރި ބައެއް ފަރާތްތަކުގެ މައްސަލަތައް މި އޭސީސީން ބަލަމުންދާ ގޮތް ކަމުނުގޮސްގެން ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުންގެ ސީދާ ފާޑުކިއުން މި ސަރުކާރުގެ ފުރަތަމަ އޭސީސީއަށް އަމާޒުވެގެން ދިޔައީއެވެ.

ކުރީގެ އޭސީސީގެ ގިނަ މެމްބަރުން އެއްފަހަރާ އިސްތިއުފާ ދީފައިވަނީ މަގާމުން ވަކި ކޮށްފާނެކަމުގެ ބިރަށް

އޭގެ ނަތީޖާއެއްގެ ގޮތުން، ދައުރު ދެބައިވެގެން ދިއުމައެކު، ރައްޔިތުންގެ ސުޕަރ މެޖޯޓީން އެބޭފުޅުން އަމިއްލަފުޅަށް އައްޔަން ކުރެވި މެމްބަރުން މަގާމުން ވަކިކުރުމަށް ދައުރުން ބޭރުގެ ޖަލްސަތައް ބާއްވައި، މިގޮތުން ކުރިމަތިވި ޕްރެޝަރުތަކުގައި އޭސީސީގެ ހުރިހާ މެމްބަރުން އެކީ އިސްތިއުފާ ދިނީއެވެ.

އެއަށްފަހު، ފާއިތުވެދިޔަ ހަފްތާގައި އަލަށް އައްޔަން ކުރެވުނު އެސީސީގެ މެމްބަރުން މިވަނީ މަގާމުގެ ހުވާ ކުރައްވާ، އެބޭފުޅުންގެ މަގާމާ ހަވާލުވެ ވަޑިގެންފައެވެ.

 

އާ އޭސީސީއަށް ނަތީޖާ ނެރެވޭނެތަ؟

ދައުލަތުގެ އެހެނިހެން މުވައްސަސާތަކާއި ޚިލާފަށް، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހަވާލުވެފައިވާ ޒިންމާއަކީ، އަޑިނޭގޭ އެތައް ކަމެއް ތަހުގީގު ކުރުމުގެ ޒިންމާއެވެ. އަދި ގިނަފަހަރަށް، ދައުލަތުގެ ތެރޭގައި ހިގާފައިވާ މިފަދަ ގިނަ ކަންކަމަކީ އޭރަކު އޮންނަ ސަރުކާރެއްގެ ސިޔާސީ އިސް މަގާމްތަކާއި ގުޅިފައިވާ މީހުންކަމަށް ވުމާއެކު، މިކަންކަމުގެ އެންމެ ފުނާހަމައަށް ދަތުރު ކުރުމަށް މި ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތަކަށް އޮންނަނީ އިތުރު ގޮންޖެހުންތަކާއި ކުރިމަތި ވެފައެވެ. މީގެ ތެރޭގައި މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ވަޒީރުންވެސް ހިމެނިގެންދެއެވެ.

މީގެ ގިނަ މިސާލުތައް މިހާރުގެ ރައްޔިތުންގެ މަޖިލުހުގެ ތެރެއިންވެސް ފެނިގެން ގޮސްފައި އެބަހުއްޓެވެ. އެއް މިސާލެއްގެ ގޮތުން، ޚުދު އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތު ކުރައްވާ ގޮތުގައި، މާލޭސިޓީގެ ކުރީގެ މޭޔަރުގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލާގައި، އޭރުގެ އޭސީސީން އޭނާ އެމައްސަލާގައި ކުށްވެރިވާކަމަށް ނިންމި ނިންމުމަކީ އޭރުގެ އޭސީސީގެ މައްޗަށް އެމްޑީޕީގެ މިހާރުގެ ބައެއް މަޖިލިސް މެމްބަރުންގެ ނުރުހުން އަމާޒުވެގެންދިޔަ އެއް މަސަލައެވެ. ސިފާގެ ކޮރަޕްޝަންގެ މައްސަލަ އަދިވެސް އޮތީ އޭސީސީގައެވެ. ދައުވާކުރުމަށް ޕީޖީއަށް ފޮނުވުމުން، ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށް އޭސީސީއަށް ފޮނުވިގޮތަށް އެމައްސަލަ އޮތީ އޭސީސީގައެވެ.

އަދި މީގެ އިތުރުންވެސް، އެމްއެމްޕީއަރުސީގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގައި އޭރުގެ އޭސީސީ ފެއިލްވެގެން ގޮސްފައިވާކަމަށް ކުރެވެމުންދާ ތުހުމަތުތަކާއި، އަދި އެމްޑީޕީއާއި ގުޅުންހުރި ބައެއް މީހުންގެ މައްސަލަތައް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ލިސްޓުގައި ހިމެނި، އެފަރާތްތަކުގެ ބައެއް މައްސަލަތައް ބެލުމަށް އެކޮމިޝަނުން ކުރަމުން ގޮސްފައިވާ މައްސައްކަތްތައްވެސް، މިހާރުގެ މަޖިލިސް ބައެއް މެމްބަރުންގެ ނުރުހުން އޭރުގެ ކޮމިޝަނަށް އަމާޒުވެގެން ދިއުމުގައި ވަރަށްބޮޑު ދައުރެއް އަދާކޮށްގައިވާ ކަމުގައި ގިނަބަޔަކު ގަބޫލު ކުރެއެވެ.

އޭސީސީއަށް އަލަށް އައްޔަން ކުރި މެމްބަރުން މަގާމު ހުވާ ކުރައްވަނީ

އެހެންކަމުން ފާހަގަ ކޮށްލާންޖެހޭ އެންމެ މުހިންމު އެއް ނުކުތާއަކީ، މިހާރު އުފެދިފައި އޮތް ސިޔާސީ މަސްރަހުގެ ތެރޭގައި، އޭސީސީ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކޮށްގެން އުޅޭ ހަގީގީ ސަބަބަކީ، ހަމައެކަނި މި ކޮމިޝަނަށް އައްޔަންކުރެވޭ މެމްބަރުންނާއި އެކަނި ގުޅުންހުރި ކަމެއްގެ ގޮތުގައި ދަންނަވާ މުޅިން ނިންމާލެވެން ނެތްކަމެވެ.

އޭގެ ބަދަލުގައި، އަބަދުވެސް އޭރަކު އޮންނަ އޭސީސީއަކާމެދު މިއުފެދޭ މައްސަލަތަކާމެދު މިއަށްވުރެ ފުޅާ ނަޒަރިއްޔާތަކުން މިއަދު މިވަނީ ވިސްނާލަން ޖެހިފައެވެ.

 

ސިޔާސީ ނުފޫޒުން ބޭރު ވެވިގެން މެނުވީ ނަތީޖާއެއް ނުނެރެވޭނެ!

ރާއްޖޭގެ ސިޔާސީ ނިޒާމު އެކުލެވިފައި އޮތް ގޮތުންނާއި އަދި ކޮމިޝަންތަކަށް މެމްބަރުން އައްޔަން ކުރެވެމުންދާ ގޮތަށް ބަލާއިރު، އަންނަ ކޮންމެ ސަރުކާރަކުންވެސް ދަނީ، ވެރިކަމާއި ހަވާލުވުމާއެކު، މިނިވަން މުވައްސަސާތަަކަށް އެސަރުކާރަކުން ބޭނުންވާ ބަދަލުތައް ގެންނަވަމުންނެވެ. ތިބޭ މެމްބަރުންގެ ދައުރު ފުރިހަމަ ނުވިކަމުގައިވި ނަމަވެސް އާ ސަރުކާރެއް އިންތިޚާބުވުމާއެކު، ކޮމިޝަންތަކުގެ މެމްބަރުންވެސް ދަނީ ބަދަލު ކުރަމުންނެވެ.

އަދި މިގޮތުން ގެނެވޭ ބަދަލުތަކަށް ބަލާއިރު، ކޮމިޝަންތަކަށް އައްޔަންކުރާ ގިނަ މެމްބަރުންނަކީ، ސަރުކާރުގެ އިސްމަގާމްތަކުގެ ހުންނަވާ ކޮންމެވެސް ބޭފުޅެއް މެދުވެރިވެގެން، ނުވަތަ މަޖިލިސް ކޮންމެވެސް މެމްބަރެއްގެ ރުހުމާއެކު މި ކޮމިޝަންތަކަށް ވަޑައިގަންނަވާ މެމްބަރުންވެ. މާނައަކީ، ރާއްޖޭގެ މިއަދުގެ ސިޔާސީ މަސްރަހުގެ ހަގީގަތަކީ، ސިޔާސީ ކޮންމެވެސް މީހެއްގެ ރުހުމާއި، އެއްބާރުލުން ލިބިގެން މެނުވީ މިއިން އެއްވެސް ކޮމިޝަނަކަށް އެއްވެސް ފަރާތަކަށް އާދެވޭނެ މަގެއް މިއަދު ފަހިވެފައި ނެތްކަމެވެ. ގާބިލްކަމާއި ތަޢުލީމީ ފެންވަރަށްވުރެ ބޮޑަށް، މި ހުރިހާ ކޮމިޝަނަކަށްވެސް މެމްބަރުން އައްޔަން ކުރުމުގައި އިސްކުރަމުންދަނީ ކޮމިޝަންތަކުގެ މެމްބަރުންނާއި ވަކިވަކި ސިޔާސީ ފަރާތްތަކާއި އޮތް ގުޅުންތަކެވެ.

އޭސީސީގެ ރައީސްކަމާއި ނާއިބު ރައީސްކަމަށް އައްޔަން ކުރެވުނު ދެބޭފުޅުން

އޭގެ ނަތީޖާއެއްގެ ގޮތުން، ގިނަ ކޮމިޝަންތަކުގެ މެމްބަރުން، މި ކޮމިޝަންތަކަށް ވަޑައިގެންނެވުމުގެ ކުރިން ތިއްބަވަނީ ސިޔާސީގޮތުން "ކޮމްޕްރޮމައިސް" ވެފައިކަމީ އިއްޔެއާއި މިއަދުގެވެސް އެންމެ ބޮޑު އެއް ހަގީގަތެވެ.

އެހެންކަމުން، އަބަދުވެސް އެންޓިކޮރަޕްޝަން ކޮމިޝަނަށް އަލަށް އައްޔަން ކުރެވިގެންދާ މެމްބަރުންނަކީ، މިއުސޫލުން އައްޔަންކުރެވިގެންދާ މެމްބަރުން ކަމުގައި ވެގެންދާކަމީ، އެންމެންވެސް ދަންނަ "ބޮޑު ސިއްރެއްގެ" ގޮތުގައި އޮންނަ ކަމެކެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ފާއިތުވެދުޔަ ހަފްތާގައި އަލަށް އައްޔަންކުރެވުނު އޭސީސީގެ މެމްބަރުންނާމެދުވެސް ހަގީގަތުގައި ކުރެވޭނެ މާބޮޑު އުއްމީދެއް ނެތްކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ. ސިޔާސީ ނުފޫޒުން އެއްކިބާވެ މި ކޮމިޝަނަށްވެސް މަސައްކަތް ކުރެވިދާނެކަމުގައި ގަބޫލުކުރަން ބޭނުންވާ މީހުންގެ އަދަދު މަދެވެ.

އެހެންނަމަވެސް، އަންނަ ކޮންމެ ބަދަލަކީވެސް، އެބަދަލަކާއިއެކު ތަފާތުތަކެއް ފެންނާނޭ ކަމަކަށް ވެގެންދިއުމަކީ ދުނިޔޭގެ ތަބައީ އުސޫލުކަމަށް ވުމާއެކު، ގިނަބަޔަކު ތިބީ ހެޔޮ ބަދަލެއްގެ އުއްމީދުގައަވެ. ގިނަބަޔަކު ތިބީ ނާތީޖާ ނުކުމެގެންދާނެ ގޮތެއްގެ އިންތިޒާރީގައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ޜިޔާސީ ކޮމިސަނަށް (ރިކަވަރީ) ނެރެވުނު ނަތީޖާ ނެރެވިދާނެ އެނޫން ދެނއެހެން ންތީޖާއެއް ނުނުކުނނާނެ ސަބަކީ މިސަރުކާރުގެ ވެރިން ނަށްވުރެ ބޮޑެތި ކޮރަޕްޝަން ހިންގި ބަޔަކު ތާރޭޚު ދެކެފަެއެއްނުވާނެ

Leave a Reply

Your email address will not be published. Required fields are marked *