އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުޤައްރިރަކަށް މާލިއްޔަރު ކޮމިޓީގެ މުޤައްރިރު، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ކަނޑައަޅައިފިއެވެ.
ބަޖެޓް ކޮމިޓީގެ މުޤައްރިރާއި ނައިބް މުޤައްރިރު ކަނޑައެޅުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނާޝިޒު ކޮމިޓީގެ މުޤައްރިރަކަށް ކަނޑައަޅާފައިވަނީ 20 މެމްބަރުންގެ ވޯޓުންނެވެ. ނައިބް މުޤައްރިރަކަށް ކަނޑައަޅާފައިވަނީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިންނެވެ. އޭނާއަށްވެސް ވަނީ 20 މެމްބަރުންގެ ވޯޓު ލިބިފައެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މިމަހުގެ 26 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމަށް ވަނީ އަމާޒު ހިފާފައެވެ. ބަޖެޓް ހުށަހެޅުއްވުމަށްފަހު މެމްބަރުންނާއި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދު ބަޖެޓް ދިރާސަކުރުމަށް ބަޖެޓް ކޮމިޓީއަށް ފޮނުވާނެކަމަށެވެ. ބަޖެޓް ދިރާސާކުރަނީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއާއި، މާލިއްޔަތު ކޮމިޓީ އެކުވެގެން އެކުލަވާލާފައިވާ ކޮމިޓީއިންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ ބަޖެޓެގެ ބަހުސް މިމަހުގެ 16 ވަނަ ދުވަހު ފައްޓަވާނެކަމަށެވެ. ބަޖެޓް ބަހުސްއަށް ޖުމްލަ 21 ގަޑިއިރު ހޭދަވާއިރު ބަހުސްކުރުމަށް ތާވަލް ކޮށްފައިވަނީ މިމަހުގެ 16 އަދި 17 ވަނަ ދުވަހަށެވެ. ބަޖެޓަށް ބަހުސް ކުރުމަށް މެމްބަރުންނަށް ދޭ ވަގުތު ކަނޑައަޅާނީ މަޖިލީހުގެ އާންމު ކޮމެޓީންނެވެ. އާންމުކޮށް ބަޖެޓަށް ބަހުސް ކުރުމަށް 15 މިނިޓް ދެއެވެ.
މަޖިލިސް ރައީސް ވިދާޅުވީ ބަހުސް މަރުހަލާއަށްފަހު ބަޖެޓް ކޮމިޓީން އެކުލަވަލާ ރިޕޯޓް މިމަހުގެ 21 ވަނަ ދުވަހު ލިބޭނެކަމަށެވެ. އަދި 22 ވަނަ ދުވަހު ބަޖެޓަށް އިސްލާހު ހުށަހެޅުމަށް ފުރުސަތުދީ އިސްލާހުތަކާއިކު ކުރެވޭ 10 ވަރަކަށް ގަޑި އިރުގެ ބަހުސް ނިންމައި މަމަހުގެ 26 ވަނަ ދުވަހު ބަޖެޓް ފާސްކުރުމަކީ އަމާޒެއްކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ