2019ވަނަ އަހަރުގެ ތެރޭގައި ދުނިޔެއަށް ފެތުރެންފެށި ކޮރޯނާ ވައިރަސް ޑިސީސް 2019 ނުވަތަ ކޯވިޑް-19އާއެކު މުޅި ދުނިޔެ ސިއްސުވާލިއެވެ. މިއީ މި ފަހުގެ ތާރީޚެއްގައި ދުނިޔެއަށް ކުރިމަތިވި އެންމެބޮޑު ޢާލަމީ ވަބާއެވެ.
މިބަލި ފެތުރޭލެއް ހަލުވިކަމާއި އޭގެސަބަބުން ވާނުވާ ނޭނގި މީހުންގެ ޙާލު ސީރިޔަސްވެ، ވެންޓިލޭޓަރަށް ލާންޖެހުމާއި އާދަޔާ ޚިލާފަށް މީހުން މަރުވަމުން ދިއުމުގެ ނަތީޖާއަކީ ދުނިޔެ ހުއްޓުމަކަށް އައުމެވެ. ބައްޔަށް ދެވޭނެ ފަރުވާއެއް ވެކްސިނެއް ނެތެވެ. ކުރަންޖެހޭ ދިރާސާތައް ކުރުމާއި ފަރުވާއެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ބަލިމީހުންނަށް ފަރުވާދެވޭތޯ ކުރަންޖެހޭ މަސައްކަތްތައްވެސް ކުރެވެން އޮތީ ބަލި ކޮންޓްރޯލް ކޮށްގެންނެވެ. ސިއްޙީ ޚިދުމަތްދޭ މުއައްސަސާތަކަށް ނުކަތާވަރަށް ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވިޔަ ނުދިނުމަށް މުހިންމު އެތައް ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އޭގެތެރެއިން އެންމެ މުހިންމު އެއް ފިޔަވަޅަކީ ޢާއްމު ތަންތަނުގައި އުޅޭއިރު މާސްކު އަޅައިގެން އުޅުމެވެ. ރާއްޖެއިންވެސް އެންމެބޮޑަށް ތަންފީޒުކުރި އެއް ފިޔަވަޅަކީ މާސްކު އެޅުމެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން ދިއުމާއެކު، ރައްކާތެރިވުމުގެ ފިޔަަވަޅެއްގެ ގޮތުގައި، ޢާއްމު ތަންތަނުގައި އަދި ބޭރުތެރޭގައި ނުވަތަ މަގުމަތީގައި އުޅޭއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެއްގެގޮތުގައި ކަނޑައަޅުއްވައި ސަރުކާރުން އެކަން މަޖުބޫރު ކޮށްފައިވަނީ 2020ވަނަ އަހަރުގެ ޖުލައިމަހުގެ 30ވަނަ ދުވަހުއެވެ.
ސަރުކާރުން މިގޮތަށް ކަނޑައަޅުއްވައި ނިންމެވީ ކޯވިޑް-19އާ ގުޅިގެން އުފައްދަވާފައިވާ ނެޝަނަލް ޓާސްކްފޯހުގެ ބައްދަލު ވުމަކަށްފަހުއެވެ. މި ޓާސްކްފޯހުގެ ރިޔާސަތު ބެލެހެެއްޓެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. އޭރު ކޯވިޑް ޙާލަތު އޮތްގޮތުން އެމަނިކުފާނު މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ އޮންލައިންކޮށެވެ.
ދިވެހިރާއްޖެއިން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނިފައިވަނީ 2020ވަނަ އަހަރުގެ މާޗުމަހުގެ 7ވަނަ ދުވަހުއެވެ. މާޗްމަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި ވަނީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައެވެ. އަދި ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއްގޮތަށް ނުވަތަ އެކެއްގެ ގައިން އަނެއްކެއްގެ ގަޔަށް މި ބަލި ފެތުރޭ ޙާލަތެއް އޮތްކަމަށް ފެނި 2020ވަނަ އަހަރުގެ އޭޕްރީލްމަހުގެ 15ވަނަ ދުވަހު މާލެ ސަރަޙައްދު ފުރަބަންދުކުރިއެވެ. ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިނީ 3 މަސްދުވަސްފަހުންނެވެ.

މި ހުރިހާ ފިޔަވަޅުތަކަށް ބަލާއިރުވެސް އެންމެ ފަހަކާ ޖެެހެންދެން، 2022ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 13ވަނަ ދުވަހާ ހަމައަށް ދަމަހައްޓާފައި އޮތް އެންމެ ވަރުގަދަ ފިޔަވަޅަކީ ޢާއްމު ތަންތަނުގައި އުޅޭއިރު މާސްކު އަޅައިގެން އުޅުމެވެ. މިކަމުގެ ސަބަބުން ކުރީކޮޅު ޢާއްމު ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ދަތިކަމަކާ ކުރިމަތި ވިއެވެ. އެހެންނަމަވެސް ރައްކާތެރިކަމަށް އިސްކަންދީގެން ޢާއްމުންވަނީ މާސްއެޅުން ބަލައިގެންފައެވެ. ނަތީޖާއަކީ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައި، މާސްކްއެޅުމަކީ މަޖުބޫރުކަމެއްގެގޮތުގައި އޮތް އޮތުން އުވާލުމުންވެސް ވަރަށްގިނަ ބަޔަކު މާސްކު އަޅައިގެން އުޅުމެވެ.
އެހެންނަމަވެސް އެއްކަމެއް ތަފާތެވެ. ކޯވިޑާގުޅިގެން މަގުމަތިން ފެނުން ހުއްޓުނު މީހުންގެ ހިނިތުންވުން މިހާރު މިވަނީ ފެންނަން ފަށާފައެވެ. އުފާވެރިކަމާއެކު އެހެން މީހުންނާ މުޚާޠަބުކުރި މޫނުމަތީގެ "އެކްސްޕްރެޝަން" މިވަނީ އަނެއްކާވެސް ފެންނަން ފަށާފައެވެ. މިއީ ދާއިމީ ހިނިތުންވުމަށް ހެދުމަށްޓަކައި އަދިވެސް ރައްކާތެރިކަމަށް އިސްކަން ދޭންޖެހެއެވެ.
ކޮމެންޓު ފޮނުވާ