2 އަހަރަށްފަހު ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް؟ ކޯވިޑުން އަރައިގަނެ ވުނީތަ؟

2 އަހަރަށްފަހު ސިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް؟ ކޯވިޑުން އަރައިގަނެ ވުނީތަ؟

Author
ހުސެއިން
14 މާރޗް 2022 08:02
0

މި ގަރުނުގައި ދުނިޔެ ކުރިމަތިލާން ޖެހުނު ސިއްޚީ އެންމެ ބޮޑު ގިލަންވެރި ކަމަކަށް ވެގެން ދިޔައީ ކޯވިޑްގެ ނުރައްކާތެރި ވަބާއެވެ. 2019ވަނަ އަހަރު ނިމެމުން ދަނިކޮށް، ދުނިޔެއަށް މުޅިން އަލަށް ތައާރަފްވެ، އަދި 2020ވަނަ އަހަރުގެ ފެށުމާއެކު، މުޅި ދުނިޔެއަށް އާންމު ވެގެން ދިޔަ މި ނުރައްކާތެރި ސިއްޚީ އާލަމީ ވަބާގައި ދުނިޔޭގެ ގިނަ ގައުމުތައް ވަނީ ހަފުސްވެގެން ގޮސްފައެވެ.

މިގޮތުން ފާއިތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މި ބައްޔާއި ހަނގުރާމަކޮށް 6 މިލިއަން މީހުންވަނީ ދުނިޔެއާއި އަލްވަދާޢު ކިޔާފައެވެ. އަދި މި ދެއަހަރު ދުވަހުގެ ތެރޭގައި މުޅި ދުނިޔެއިން 457 މިލިއަން މީހުން މިބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ.

ދުނިޔޭގައި އެންމެ ގިނަ އަަދަދަކަށް މީހުން ކޯވިޑަށް ޕޮޒިޓިވްވެ އަދި އެންމެ ގިނަ އަދަދަކަށް މި ބަލީގައި މީހުން މަރުވެފައި ވަނީވެސް އެމެރިކާގައެވެ. ފާއިތުވި ދެއަހަރެެއްހާ ދުވަހުގެ ތެރޭގައި އެގައުމުގައި 79 މިލިއަން މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 966 ހާސް މީހުންވަނީ މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ. އެމެރިކާއާއި ޖެހިގެން ދެން އެންމެ ގިނަ އަދަދަކަށް މިބައްޔަށް މީހުން ޕޮޒިޓިވް ވެފައިވަނީ އިންޑިއާއެވެ. އެގައުމުގައި މިހާތަނަށް 43 މިލިއަން މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެގައުމަކީ ދުނިޔެއިން 3 ވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުން ދުނިޔެ ދޫކުރި ގައުމެވެ. މިގޮތުން އިންޑިއާގައި 516 ހާސް މީހުން ކޯވިޑް ބަލީގައި މަރުވެފައި ވާއިރު، ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ އަދަދަކަށް މީހުން ކޯވިޑް ބަލީގައި މަރުވެފައިވާ ގައުމަކީ ބްރެޒިލްއެވެ. އެގައުމުގައި 655 ހާސް މީހުން މި ބަލީގައި ދުނިޔެ ދޫކޮށްފައި ވެއެވެ.

6 މިލިއަން މީހުންވަނީ ކޯވިޑް ބަލީގައި ދުނިޔުއާއި އަލްވަދާޢު ކިޔާފަ

2019ވަނަ އަހަރު ދުނިޔެއަށް އާންމު ވެގެންދިޔަ ކޯވިޑް19އަކީ މުޅި ދުނިޔެ އެބަލީގެ ވޭނާއި ކެކުޅުން ތަހައްމަލް ކޮށްފައިވާ ގައުމަކަށް ވާއިރު، ނިސްބަތުން ބަލާއިރު، މުޅި ދުނިޔޭގައި ބަލީގައި އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތި ލާންޖެހުނު އެއްގައުމަކަށް ދިވެހިރާއްޖެ ވެގެންދާނެއެވެ. ސަބަބަކީ ރައްޖޭގެ އާބާދީގެ ކުޑަ ކަމާއެކުވެސް، މުޅި ރާއްޖެއިން 297 މީހުން މިބަލީގައި ދުނިޔެ ދޫކޮށް، އަދި ކޯވިޑްގެ ނުރައްކާތެރި އާލަމީ ވަބާގައި ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރިމަތިލާން ޖެހުނު ބޮޑެތި ގޮންޖެހުންތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.

 

2 އަހަރަށްފަހު ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް!

ކޯވިޑް19 ދުނިޔެއަށް އާންމުވެ، ދިވެހިރާއްޖެއިންވެސް 2020ވަނަ އަަހަރުގެ އެޕްރީލްމަހު އެންމެ ފުރަތަމަ ކޯވިޑްގެ ކޭސްތައް ފެންނާން ފެށުމާއެކު، އެމަހުގެ 21ވަނަ ދުވަހު ސަރުކާރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއެވެ. އަދި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ތޮށްޖެހިފައިވާ ވެރިރަށް މާލެ އެމަހުގައި އެކީ ލޮކްޑައުން ކޮށްފައި ވެއެވެ.

މިގޮތުން 2 ލައްކައާއި ގާތް ކުރާ އަދަދަކަށް، ކުދި ކުދި ޖަގަހަ ތަކުގައި މީހުން ދިރިއުޅެމުން އަންނަ ވެރިރަށް މާލެ، ސަރުކާރުން ކޮލްޑައުން ކުރުން ވެގެން ދިޔައީ، އެތައް ހާސް ރައްޔިތުން ކުޑަ ޖަލެއްގައި ބަންދުވުން ފަދަ އިންސާނީ ގިލަންވެރި ކަމަކަށެވެ. އަދީ އޭގެ ނަތީޖާއެއްގެ ގޮތުން އެތައް ބައެއްގެ ވަޒީފާ ގެއްލި، ވިޔަފާރިތައް ހުއްޓި، އާމްދަނީ ހޯދުމަށްޓަކާ ކުރަމުންއައި އެތައް މަސައްކަތެއް ވަޅުޖެހިގެން ދިޔައެވެ.

އަދި މީއީ މާއްދީ ގޮތުން ފެންނާން ހުރި ކަންކަމަށް ވާއިރު، ވެރިރަށް މާލެ ލޮކްޑައުން ކުރުމުގެ ސަބަބުން ކުރިމަތި ލާންޖެހުނު ސިއްޙީ އަދި ނަފްސާ ގެއްލުންތަކުގެ މިންވަރު ވަޒަން ކޮށްލެވިފައެއްވެސް ނުވެއެވެ. ކުދި ކުދި ތަންތަން ކޮޅުގައި ބޮޑެތި އާއިލާތަކުން ތޮށްޖެހިގެން ދިގު މުއްދަތަކަށް ތިބެން ޖެހުމުގެ ނަތީޖާއެއްގެ ގޮތުން، ނުކުމެގެން ގޮސްފައިވާ އާއިލީ އަދި އިޖުތިމާޢީ އެތައް މައްސަލަތަކެއް ފެންމަތިވެ، މި ލޮކް ޑައުންތަކުގެ ނަތީޖާއެއްގެ ގޮތުން، ބަރުދާސްތު ކުރަންދަތި އެތައް ކަމެއް ޚާއްސަކޮށް މާލޭގައި ދިރިއުޅެމުންދިޔަ ރައްޔިތުންވަނީ ތަހައްމަލް ކޮށްފައެވެ.

ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނެވިކަން ރައީސް ސާލިހު އިއުލާން ކުރައްވަނީ

ހަމަ އެއާއެކު ރާއްޖޭގެ ގިނަ ރަށްތަކުގައި އެއް ރަށުން އަނެއް ރަށަށް ދަތުރު ނުކުރެވި، އެތައް ބަޔަކު ރަށު ބަންދުގައި އެތައް ދުވަހަކު ތިބެން ޖެހިފައިވެސް ވެއެވެ.

ކޯވިޑާއި ދެކޮޅަށް އެޗްޕީއޭއިން އެޅި މި ހުރިހާ ފިޔަވަޅުތަކަކީވެސް، ކޯވިޑްގެ ހާލަތާއި ގުޅިގެން އާންމުކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެޗްޕީއޭއަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރުތަކުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ އޮތޯރިޓީން އޭރު އާންމުކުރި ފިޔަވަޅުތަކެވެ. އެހެންނަަމެވެސް، އާންމު ރައްޔިތުންނަށް އިގްތިސާދީ ގޮތުން ގިނަގުނަ ދަތިތަކާއި ކުރިމަތި ލާންޖެހުނު މިފިޔަވަޅުތަކަށް ކޯވިޑްގެ ކުރީކޮޅުގައި ގިނަބަޔަކު އެއްބާރުލުން ދެމުން އައިނަމަވެސް، މި ފިޔަވަޅުތައް ދިގުލައިގެން ދިއުމާއެކު، މި ފިޔަވަޅުތަކާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުގެން ވެގެން ގޮސްފައިވާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

އަދި ވަރަށް ފަހަކާ ޖެހެންދެންވެސް، އާންމުކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަޅާފައިވާ ބައެއް ފިޔަވަޅުތަކާއެކު، ސަރުކާރުގެ ބައެއް މުވައްސަސާތަކުން ނަގަމުން ގޮސްފައިވާ ޖޫރިމާނާތަކާއި، އަދި ބައެއް ރަށްރަށް މޮނިޓަރިންއަށް ގެނެސް ރަށްތައް ބަންދު ކުރަމުން ދިއުންވެސް ވެގެން ދިޔައީ ގިނަބައެއް ނުރުހުން މި ފިޔަވަޅުތަކަށް ވަރަށްވެސް ބޮޑަށް އަމާޒުވެގެންދިޔަ ކަމެއްގެ ގޮތުގައެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް ސަރުކާރަށް އޮތީ ވަރަށް ބޮޑު ޕްރެޝަރއަކާއި ކުރިމަތި ލާންޖެހިފައިކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

 

ކޯވިޑް ހާލަތުން އަރައިގަނެވުނީތަ؟

ކޯވިޑާއި ދެކޮޅަށް މުޅި ދުނިޔެ ކުރަމުން އައި ހަނގުރާމާގައި ގިނަ ގައުމުތަކުން ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މިގޮތުން މުޅި ދުނިޔޭގައި މިބަލީ އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ގައުމު ކަމުގައިވާ އެމެރިކާގައިވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވަމުންދާ މީހުންގެ ނިސްބަތް ވަަރަށް ބޮޑުތަނުން ދަށަށް ގޮސްފައެވެ.

މިގޮތުން ފާއިތުވެދިޔަ ހަފްތާގައި އެމެރިކާގައި އެވްރެޖްކޮށް ދުވާލަކު ޕޮޒިޓިވް ވަމުން ގޮސްފައިވަނީ 35،000 މީހުންނެވެ. މިއީ ފާއިތުވި ޖެނުއަރީ މަހުގެ މެދުތެރޭގައި، ދުވާލަކަށް އެވްރެޖްކޮށް ޕޮޒިޓިވް ވަމުން އައިސްފައިވާ 800،000 މީހުންގެ ނިސްބަތާއި އަޅާ ބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.

ފާއިތުވެދިޔަ އަހަރު ނިމި، މިއަހަރު ފެށިގެން ދިޔައިރު، ދުނިޔެއަށް އާންމު ވެގެންދިޔަ އޮމިކްރޮނ ވޭރިއެންޓު ރާއްޖެއިންވެސް ފެނި، ދުވާލަކަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު 2،000 އަށްވުރެ މައްޗަށް އޭރު އަރައިގެން ދިޔަ ނަމަވެސް، އެޗްޕީއޭއިން އެންމެ ފަހުން އާންމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިނިސްބަތް މިހާރު ހިފެހެއްޓިގައި ހުރީ 200 އާއި300 އާއި ދެމެދުއެވެ.

ކޯވިޑްގެ ފުރަ ބަންދުގައި ތިބެންޖެހުމުގެ ސަބަބުން އެތައްބަޔަަކަށް ވަނީ ނަފްސާނީ ގޮތުންވެސް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކޮށްފައި

އަދި ރާއްޖޭގެ އާބާދީގެ %70 އަށްވުރެ މަތީ ނިސްބަތަކަށް މިހާރު ކޯވިޑް ވެކްސިންގެ ދެ ޑޯސް ފުރިހަމަ ކުރެވިފައި ވުމާއެކު، ބަލީގެ ހާލަތު އާންމު މުޖުތަމަޢުގައި ވަރަށްވެސް ބޮޑުތަނުން ރަގަޅުވެގެން ގޮސްފައިވާކަންވެސް މި ފުރުސަތުގައި ފާގަ ކޮށްލާން ޖެހެއެވެ. މީގެ އެއް ހެއްކަކީ އެޗްޕީއޭއިން އެންމެ ފަހުން އާންމު ކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިބަލީގައި މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 4 މީހުންނަށް ދަށްވެގެން ގޮސްފައި ވުމެވެ.

އެހެންނަަމަވެސް، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސް، ބަލީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ނިސްބަތް ބޮޑުތަނުން ދަށަށް ގޮސްފައިވި ނަމަވެސް، މިބަލީގެ ނުރައްކާތެރި އާ ވޭރިއެންޓްތައް އަދިވެސް އާންމު ވެގެން ދިއުމުގެ ފުރުސަތު އޮތްކަމުގައި ދުނިޔޭގެ ސިއްޙީ ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެންމެ ބޮޑު ސަބަބަކީ، އެފްރިކާ ބައްރުގެ ފަގީރު ގައުމުތަކުގައި އަދިވެސް އެކަށިގެންވާ ނިސްބަތެއްގައި ބައްޔާއި ދެކޮޅަށް ވެކްސިން ފޯރުކޮށް ދެވިފައި ނުވުމުވެ.

އެހެންނަަމެވެސް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ލަފާ ކޮށްފައިވާ ގޮތުގައި، މިއަރު ނިމުމަކާއި ހަމައަށް ދާއިރު، ދުނިޔެއަށް "ޕެންޑަމިކްގެ ހާލަތުން" (އާލަމީ ވަބާއެއްގެ ހާލަތުން) މިންޖު ވެވޭނެއެވެ. އެހެންނަމަވެސް އެއީ އެހާތަނާހަމައަށް ދަތުރުކުރެވޭއިރު، މުޅި ދުނިޔޭގެ އާބާދީގެ %70 އަށް ކޯވިޑް ވެކްސިން ދެވިއްޖެނަމައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.