ހުރިހާ ގޮތަކުން ބެލި ކަމުގައިވި ނަމަވެސް، އަދުގެ ދުނިޔެ މިއޮތީ ބަވަނަ ވެފައެވެ. މާނައަކީ، ދޭދޭ ގައުމުތަކާއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުންތަކަކީ، އަދުގެ ދުނިޔޭގައި ހުރިހާ ގައުމަކަށްވެސް މުހިންމު އަދި ތަރައްގީއާއި ތަމައްދުނުގެ ރޮގުން މުހިންމު ބަހާއަކަށް ވަނީ ވެގެން ގޮސްފައެވެ. އެއީ ދުނިޔެއަށް އައިސްފައިވާ ޓެކްނޮލޮޖީގެ ގުޅުންތަކާއިއެކީ، ގާއިމްކުރަންޖެހޭ ގުޅުހުންތަކުގެ ދާއިރާތައް ފުޅާވެ، ގައުމުތަކުން ކުރަންޖެހޭ ހޭދަތައް ބޮޑުވެ، ވިޔަފާރި ކުރެވޭނެ ވަސީލަތްތައް ފުޅާކޮށް އަދި އެނޫން ގޮތްގޮތުންވެސް ދޭދޭ ގައުމުތަކާއެކީ ކުރަންޖެހޭ މުޢާމާތުތައް އިންތިހާއަށް އިތުރުވެގެން ދިއުމާއި ގުޅިގެންވެސް މެއެވެ.
އަދި ހަމަ އެފަދައިން، ވިސްނާލަންޖެހޭ އެންމެ މުހިންމު އަނެއް ނުކުތާއަކީ، އަދުގެ ދުނިޔޭގައި ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަމަކީ، ހަމައެކަނި އަސްކަރީ ހަތިޔާރުން ކަށަވަރު ކުރެވޭ އެއްޗެއްވެސް ނުމެ ނޫންކަމެވެ. ސަބަބަކީ، ކިތަންމެ ވަރުގަދަ ހަތިޔާރުތަކެއް ހުރި ކަމުގައިވި ނަމަވެސް، އިގްތިސާދީގޮތުން ގައުމެއް އަދުގެ ދުނިޔޭގައި ބަލިކަށިވެގެން ހިގައްޖެނަމަ، އެގައުމަކަށް އަސްކަރީގޮތުން ބާރުގަދަ ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ފުރުސަތުވެސް ގެއްލިގެން ދާނެތީއެވެ.
އަދި އޭގެ އާޚިރު ނަތީޖާއެއްގެ ގޮތުން، އިގްތިސާދީ ގޮތުން އަންނަ ލޮޅުންތަކުގެ އަސަރު ގައުމުތަކުގެ އެތެރޭގެ ސުލްހަ މަސަލަސްކަމަށް ކޮށް، އޭގެ ނަތީޖާއެއްގެ ގޮތުން ގައުމުތަކުގެ ވެރިކަންތައް ބަދަލުވާންވެސް ހާލަތު މެދުވެރިވެފައި އެބަހުއްޓެވެ. އަދި ހަމަ އެއާއެކު، އިގުތިސާދީގޮތުން ގައުމެއް އާދަޔާ ޚިލާފަށް ބޮޑަށް ބަލިކަށިވެގެން ހިގައްޖެނަމަ، ބޭރުގެ ބާރުތަކަށް އެ މުޖުތަމަޢެއްގެ ތެރެއަށް އަތްބާނާ، އެބައެއްގެ ހަންފަތުރާ އަދި ހަތިޔާރުގެ ބޭނުންކޮށްގެ ގައުމެއް އަޅުވެތި ކުރުމަށްވުރެ މާފަހި ފުރުސަތުތައް މާ ފަސޭހަމާއެކު އިގުތިސާދީގޮތުން ގައުމެއް ބަލިަކށިވެގެން ދިއުމުން، ލިބިގެން ދެއެވެ.

އެހެންކަމުން، ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ނިމިގެން ދިއުމަށްފަހު އައި ބައި ގަރުނެއްހާ މުއްދަތުގެ ތެރޭގައި ދުނިޔެއަށް އައި އެންމެ ބޮޑު އެއް ބަދަލަކީ، ގައުމުތަކުގެ ނުފޫޒާއި ބާރު ދެމެހެއްޓުމުގައި، އަދި ޚުދު މިނިވަންކަން ހިމާޔަތް ކުރުމުގައިވެސް، ދޭދޭ ގައުމުތަކާއެކީ ދަމަހައްޓަން ޖެހިފައިވާ ގުޅުންތަކުގެ މުހިންމު ކަމާއި، އަދި އެގުޅުންތައް އަދާކުރަން ފަށާފައިވާ މުހިންމު ދައުރެވެ.
މީގެތެރޭގައި، ދޭދޭ ގައުމުތަކާއެކީ ދަމަހައްޓަންޖެހޭ އިގްތިސާދީ ގުޅުންތަކާއި، އަސްކަރީ ގުޅުންތައް އަންނަނީ ވަރަށްވެސް މުހިންމު ދައުރެއް އަދާ ކުރަމުންނެވެ.
ދޭދޭ ގައުމުތަކުން ބާއްވަމުން އަންނަ އަސްކަރީ ގުޅުންތައް!
އަދުގެ ދުނިޔޭގެ ގިނަ ގައުމުތަކަކީ، ތަފާތު ޖަމިއްޔާ ޖަމާއަތްތަކަށް ބެހި، އެއް ގައުމު އަނެއް ގައުމާއެކީ ބާއްވަމުން އަންނަ ގުޅުންތަކުން ބާރުވެރިކަން ހޯދަމުން އަންނަ ގައުމުތަކެވެ.
އެންމެ އަވައްޓެރި ގައުމުތަކަށް ބަލާއިރު، އިންޑިއާއާއި ސްރީލަންކާއެވެ. އިންޑިއާއަކީ ރަޝިއާއާއި އަސްކަރީ ގާތް ގުޅުންތަކެއް ބާއްވަމުން އަންނަ ގައުމެކެވެ. އަދި މި ގުޅުންތަކުގެ ހަގީގަތްތައް އެންމެ ބޮޑަށް ހާމަވެގެން ދިޔައީ، ރަޝިއާއިން މިނިވަން މުސްތަގިއްލު ގައުމަކަށް ހަމަލާދީ، ގައުމެއްގެ މިނިވަންކަން ނިގުޅައިގަތުމުންވެސް އިންޑިއާއަށް އެމައްސަލަ ބޮޑުނުވެ، ރަޝިއާއިން ޔޫކުރެއިންގައި ހިންގަމުންދާ އުދުވާން ކުށްވެރިކުރަން އިންޑިއާއިން ބޭނުން ނުވުމުންނެވެ. އިންޑިއާގެ އަސްކަރިއްޔާގެ ގާބިލްކަން އިތުރު ކުރުމަށް ކުރަމުންދާ ހޭދައިގެން %50 ބިނާވެފައި އޮންނަނީ ރަޝިއާއެކީ އެގައުމުން ދަމަހައްޓަމުންދާ އަސްކަރީ މުޢާމަލާތުތަކުގެ މައްޗަށެވެ.

އަދި ރާއްޖެއާއި އެންމެ ކައިރީގައި އޮތް ސްރީ ލަންކާއަށް ބަލާއިރު، އެގައުމުން ވަނީ އެމެރިކާގެ އަސްކަރިއްޔާއާއެކީ 1995ވަނަ އަހަރުން ފެށިގެން ސޮއި ކޮށްފަ އޮންނަ ސްޓޭޓަސް އޮފް ފޯރސެސް އެގްރީމަންޓް (SOFA) އެއްބަސްވުމަށް ބަދަލު ގެނެސް އަލުން ސޮއި ކުރުމަށްޓަކާ ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާ ކޮށްފައެވެ. މި އެއްބަސްވުމަކީ، 1995 ވަނަ އަހަރުން ފެށިގެން، ދެގައުމުގެ ދެމެދުގައި އަސްކަރީ ގުޅުންތައް ގާއިމް ކުރުމުގެ ގޮތުން އެގައުމުން އެމެރިކައާއެކީ ސޮއިކޮށްފަ އޮންނަ އަސްކަރީ އެއްބަސްވުމެކެވެ. އަދި މި އެއްބަސްވުމުގެ ނަތީޖާއެއްގެ ގޮތުން، އެމެރިކާގެ އަސްކަރިއްޔާގެ ފަރާތްތަކަށާއި، އެގައުމުގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ އޮފިޝަލުންނަށާއި، އަދި އެކި ބޭނުންތަކަށް ސްރީލަންކާ އަށް ބަނދަރުކުރާ އެމެރިކާގެ އަސްކަރީ އުޅަދުތަކުގެ ސިފައިންނާއި މުވައްޒިފުންނަށާއި، އެމީހުންގެ އާއިލާތަކަށްވެސް، ސްރީލަންކާއަށް އެތެރެވުމާއި، އަދި އެގައުމުގައި ޚާއްސަަ އިނާޔަތްތަކެއް ލިބިދިނުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ.
އަދި މީގެ އިތުރުންވެސް ޚާއްސަކޮށް އުފެދޭ ބޮޑެތި މައްސަލަތަކުގައި، ދޭދޭ ގައުމުތައް އެއްގައުމު އަނެއް ގައުމާއެކީ އަސްކަރީ ގުޅުންތައް ގާއިމްކޮށް، އެ ގުޅުންތަކުގެ ބޭނުން ކޮށްގެން ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްފައިވާތަންވެސް ވަނީ ދުނިޔޭގެ އެކި ބައްރުތަކުގައި މާޒީގައި ފެނިގެން ގޮސްފައެވެ.
މިސާލެއްގެ ގޮތުން، އަފްއާނިސްތާން ހަގުރާމައިގެ ދުވަސްވަރު، ޕާކިސްތާނުންވަނީ ހުޅަނގުގެ ގައުމުތަކާއެކީ އަސްކަރީ ގުޅުންތައް ދަމަހައްޓާ، އަދި އެގައުމުގައި އަސްކަރީ އޮފަރޭޝަންތައް ކުރިޔަށް ގެންދިއުމުގެ އެތައް ފުރުސަތެއް ހުޅަނގުގެ ގައުމުތަކަށް ފަހި ކޮށްދީފައެވެ.
އަދި މީގެ އިތުރުން، މިއަދުގެ ހާލަތަށް ބަލާއިރިރު، ޔޫރަޕްގެ ގިނަ ގައުމުތަކުން ވަނީ، އެގައުމުތަކުގެ އަމިއްލަ ސަލާމަތްތެރިކަމުގެ ކަށަވަރުކަން ހޯދުމަށްޓަކާ ނޭޓޯފަދަ ޖަމާއަތްތަކުގައި ބައިވެރިވެ، މި ޖަމާއަތުގައި ހިމެނޭ އެންމެ ނުފޫޒުގަދަ ގައުމުތައް ކަމުގައިވާ އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ގައުމުތަކުގެ އަސްކަރިއްޔާއަށް އެގައުމުތަކުގައި ތިބުމުގެ ފުރުސަތު ތަނަވަސް ކޮށްދީފައެވެ. މިއަދު ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ އުދުވާން، ޔޫކުރެއިންގެ އަވައްޓެރި ގައުމުތަކަށް ފެތުރިގެން ހިގައިދާނެކަމުގެ ނުރައްކާ ކުރިމަތިވެފައިވާއިރު، ޔޫކުރެއިންގެ ވަށައިގެންވާ، ނޭޓޯއަށް ނިސްބަތްވާ ގައުމުތަކުން އެ ގައުމުތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްގެން އެތިބެނީ، އެމެރިކާ، އިނގިރޭސިވިލާތް އަދި ޖާރމަނީފަދަ ނޭޓޯގެ ނުފޫޒުގަދަ ގައުމުތަކުގެ އަސްކަރީ ރައްކާތެރިކަމުގައެވެ.

ހަމަ އެބީދައިން، މެދުއިރުމައްޗަށް ބަލާއިރު، ޔަމަނުގައި ހިގަމުންދާ ހޫތީންގެ ހަގުރާމައިގެ ތެރޭއިގައި ހިމެނޭ އެެއްގައުމު ކަމުގައިވާ ޔުނައިޓޭޑް އަރަބް އެމިރޭޓްސްއަށް ހޫތީންގެ މިސައިލް ހަމަލާތައް އަމާޒުވުމާއި ގުޅިގެން، އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި އަދި އެގައުމުގެ ފައިޓަރ ޖެޓްތައް އެގައުމުގައި ބައިތިއްބާ، އެހާތަނުން ފެށިގެން އަންނަނީ އެގައުމަށް އަސްކަރީ އެހީތެރިކަން ފޯރު ކޮށްދެމުންނެވެ. އޭގެ ކުރިން ފެށިގެންވެސް އެމެރިކާސިފައިން އެގައުމުގައި ގާއިމްވެ ތިބެމުން އައިސްފައި ވެއެވެ.
އެހެންކަމުން، ފާހަގަ ކޮށްލަންޖެހޭ މުހިންމު ނުކުތާއަކީ، މިދެންނެވުނު ގިނަ ގައުމުތަކަކީ، އަސްކަރީ ގޮތުންވެސް ބާރުހުރި އަދި އިގްތިސާދީގޮތުންވެސް ފުދުންތެރިކަން ހުރި ގައުމުތައް ކަމެވެ. އަދި ފެންނާން އޮތް ހަގީގަތަކީ، އިގުތިސާދީ ގޮތުން ލިބިފައިވާ ކުރިއެރުންތަކާއެކު، މިގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކާ، ދޭދޭ ގައުމުތަކާއެކީ ބާއްވަމުން އަންނަ އަސްކަރީ ގުޅުންތައްވެސް މުހިންމު ދައުރެއް އަދާކުރަމުންދާ ދިއުމެވެ. އަދި އެއީ އެގައުމުތަކުގެ އަޅުވެތިކަމާއި ގުޅުންހުރި މައްސަލައަކަށް އެއްވެސް ހާލަތެއްގައި ފާއިތުވެދިޔަ މާޒީގައި ވެގެން ގޮސްވައެއް ނުވެއެވެ.
ރާއްޖޭގެ ހާލަތު!
މިސަރުކާރު ވެރިކަމަށް އައުމަށްފަހު، އެންމެ ގާތް ގުޅުމެއް ބާއްވަމުންދާ އެއް ގައުމަކީ އިންޑިއާއެވެ. އަދި އިންޑިއާއެކު އެކުލަވާލެވިފައިވާ އަސްކަރީ ބައެއް އެއްބަސްވުންތަކުގެ ނަތީޖާއެއްގެ ގޮތުން، މާލޭގެ އުތުރުން އޮންނަ ތިލަފަޅުގައި އިންޑިއާގެ ސިފައިން ގާއިމްވެ ތިބުމަށް ވަނީ ފުރުސަތު ފަހި ކޮށްދީފައެވެ.
އަދި މިއެއްބަސްވުމުގައި ވާގޮތުގެމަތިން، އުތުރު ތިލަފަޅުގައި ޑޮކް ޔާރޑެއް ގާއިމްކޮށް، މިތަނުގައި އިންޑިއާސިފައިން ވަކި މުއްދަތަކަށް ގާއިމްވެ ތިބުމަށް މި އެއްބަސްވުމުން ފުރުސަތު ލިބި ދީފައިވާއިރު، މި އެއްބަސްވުމާއި ހަމައިންވެސް މި މައްސަލަ ވެގެން ގޮސްފައިވަނީ، ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ކުރެވޭ ބޮޑު ބަހުސަކަށެވެ.
އެއްބަޔަކު ގަބޫލުކުރާ ގޮތުގައި މި އެއްބަސްވުމާއި ހަމައިން ރާއްޖޭގެ މިނިވަންކަން އިންޑިއާއިންވަނީ ނިގުޅައިގެންފައެވެ. އަދި އިންޑިއާ ސިފައިން ގައުމުން ފޭބުމަށް ގޮވާލާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބާއްވަމުންދާ މުޒާހިރާތަކުން ސިފަވަމުން ދަނީ، މުޅި ދިވެހިރާއްޖެ ބޭރުގެ ދައުލަތެއްގެ އަސްކަރީ ބާރުގެ ދަށުގައި އޮވެ، ރާއްޖެއަކީ ހަގުރާމައިގެ ހާލަތުގައި އޮތް ގައުމެއްގެ ގޮތުގައެވެ. އަދި އިދިކޮޅު ޕީޕީއެމްއިން ދަނީ މި ހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންވެސް މެއެވެ.

އެހެންނަމަވެސް، ގަބޫލުކުރަންޖެހިފައިވާ އެއް ހަގީގަތަކީ، ގައުމުން ބޭރުގެ ހަތިޔާރުއެޅި ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން ނުދާކަމެވެ. އަދި އިސްތިއުމާރީ ބާރަކުން ރާއްޖޭގެ އެކި ސަރަަހައްދުތަކަށް ވެރިވެގަނެ، ދިވެހިރާއްޖެ އިސްތިއުމާރު ކޮށްފައިވެސް ނުވާކަމެވެ. އެހެންނަމަވެސް، ބޭރުގެ ގައުމަކާއެކީ ކޮށްފައި އޮތް ސިއްރު އެއްބަސްވުމެއްގެ ނަތީޖާއެެއްގެ ގޮތުން، ސިޔާސީ ގޮތުން ހަލަބޮލިކަންއޮތް މަސްރަހެއްގައި މިކަންކަމުގެ އުދާސްތައް ހުރިހަކަން މިއީ މިއަދު ގަބޫލުކުރަންޖެހޭ އެއް ހަގީގަތެވެ.
އަދި މި ބީދައިން އެއްބަސްވުންތައް ސިއްރު ކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތްކަމުގައި ނުވިނަމަވެސް، ދޭދޭ ގައުމުތަކާއެކީ އަސްކަރީ އެއްބަސްވުތައް އެކުލަވާލުމަކީ އަދުގެ ދުނިޔޭގައި ގައުމުތަކުގެ އަޅުވެތިކަމާއި ގުޅުންހުރި ކަމެއްގެ ގޮތުގައި ބެލެވޭނެ ޖާގައެއް އޮތް ކަމުގައި ދެންނެވޭކަށް ނެތެވެ. އޭގެ ބަދަލުގައި، ދޭދޭ ގުޅުންތަކަށް ފުރުސަތު ނުދީ، އަދި އިގްތިސާދީގޮތުން ކުރިއެރުން ނުލިބި، އެކަނިވެރިކަމުގައި، ސަފުން ބާކީވެގެން އޮތުން ވެގެންދަނީ، އަދުގެ ދުނިޔޭގައި ގައުމުތަކުގެ ސަލާމަތަށް އޮތް މާބޮޑު ނުރައްކަލެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ