ކޯވިޑަށް އިސްކަންދީ 4 ބިލިޔަން ރުފިޔާގެ ބޮޑު ބަޖެޓެއް ސިއްޚީ ދާއިރާއަށް

ކޯވިޑަށް އިސްކަންދީ 4 ބިލިޔަން ރުފިޔާގެ ބޮޑު ބަޖެޓެއް ސިއްޚީ ދާއިރާއަށް

Author
މުޙައްމަދު ޝަޒައިމް
09 ނޮވެމްބަރ 2020 09:25
0

ކޯވިޑް 19 އަށް ވެކްސިނެއް ލިބިއްޖެ ހާލަތެއްގައި ވެކްސިން ރާއްޖެ ގެނައުމަށާއި، ސިއްޚީ ދައިރާގެ ޚަރަދުތައް ބަލެހެއްޓުމަށް އަންނަ އަހަރަށް 4 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.

ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ބަޖެޓުގައި ކޯވިޑް-19 އާ ދެކޮޅަށް އާންމު ސިއްހީ ދާއިރާއިން ކުރިއަށް ގެންދަމުންދާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބަޖެޓު ކަނޑައަޅާފައިވާނެކަމަށެވެ. ކުރިއަށް އޮތްތާގައިވެސް މި ވައިރަސް ކޮންޓްރޯލް ކުރެވެން އޮތީ ޓެސްޓު ކުރާ އަދަދު އިތުރުކޮށްގެންނާއި ކޮންޓްރެކްޓް ޓްރޭސިންގ އާއި ބަލި މީހުން އެކަހެރި ކުރުން ކުރިއަށް ގެންދެވިގެންކަމަށާއި، އަދި މީގެ އިތުރުން ފަތުރުވެރިކަން ވެސް ރަނގަޅަށް ހުޅުވާލެވެން އޮތީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފަސޭހައިން ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންކަމަށެވެ.

އަދި މާތް ﷲ ގެ އިރާދަފުޅާއެކު މި ބައްޔަށް 2021 ވަނަ އަހަރުގައި ވެކްސިންއެއް ފެނިއްޖެނަމަ މި ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބަޖެޓުގައި ޖާގަ ދެވިފައިވާނެ.

– އިބްރާހިމް އަމީރު

މިނިސްޓަރ ވިދާޅުވީ އޯގާތެރި ސަރުކާރުގެ އެއް އަސާސަކީ ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުންކަމަށެވެ. މިގޮތުން މިދާއިރާއިން ސަރުކާރުން ކުރަމުންގެންދާ އެންމެ މުހިއްމު އެއް ކަމަކީ، 5 ސަރަހައްދެއްގައި ޓަރޝަރީ ފެންވަރަށް ސިއްޚީ ޚިދުމަތް ތަރައްޤީކުރުންކަމަށެވެ.

މިގޮތުން، ޓަރޝަރީ ފެންވަރަށް މި ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުން ފެށުނު މަޝްރޫއުތައް 2021 ވަނަ އަހަރުގައި ކުރިއަށްދާނެ. 2019 އިން ފެށިގެން މި ސަރުކާރުން ސިއްޙީ ދާއިރާއަށް ކުރަމުން މިގެންދާ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން، މި ފުރަބަންދުގެ ތެރޭގައިވެސް ރައްޔިތުންނަށް އޭގެ ފައިދާ އިންތިހާއަށް ލިބެމުންދާ ތަން ފެނިއްޖެ. ސަރަހައްދީ ތަރައްޤީގެ ތަސައްވުރާއެކު، 2021 ވަނަ އަހަރު ކުރުމަށް ނިންމާފައިވާ އިންވެސްޓްމަންޓްތަކަކީ ރާއްޖޭގެ ސިއްޙީ ނިޒާމަށް މިހާތަނަށް އަންނާނެ އެންމެ ބޮޑު އިންގިލާބީ ބަދަލަށް ވެގެންދާނެ. މީގެއިތުރުން، އަތޮޅު ތެރޭގައި ޕްރައިމަރީ ކެއރަގެ ޚިދުމަތް ފުޅާކުރުމާއި، ފަސޭހައިން ލެބޯރެޓަރީގެ ޚިދުމަތްތައް ލިބޭނެ މަގު ފަހިކުރުމަށް މޯބައިލް ލެބްގެ ޚިދުމަތްތައް އެކި ހިސާބުތަކަށް ފުޅާކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ.

– އިބްރާހިމް އަމީރު

2021 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ވާނީ ކޮވިޑް-19 ގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމްގެ ތެރެއިން އެހީތެރިކަން ކޮންމެހެން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ދިރިއުޅުން އަލުން އާރާސްތުކުރުމަށް މަގުފަހިކޮށްދިނުމަށް ބަޖެޓުން ޖާގަ ދީފައި ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިޖުތިމާއީ ރައްކާތެރިކަމުގެ ގައުމީ އޮނިގަނޑުގެ ތެރެއިން ދެވެމުންދާ އެހީތައް 2021 ވަނަ އަހަރުގައި ކުރިއަށް ދާނެ. މިގޮތުން ތަކެތީގެ އަގުހެޔޮ ކުރުމަށްދޭ އެހީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެހީއާއި، އުމުރުން ދުވަސްވީ ފަރާތްތަކަށް ދޭ އެހީ އާއި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ ހިމެނޭ. 2021 ވަނަ އަހަރު އާސަންދަ ސްކީމަށް ވާނީ 718 މިލިއަން ރުފިޔާ ބަޖެޓު ކޮށްފަ.

– އިބްރާހިމް އަމީރު

އާސަންދަ އާއި އެހެނިހެން އިޖުތިމާއީ ރައްކާތެރިކަމުގެ ސްކީމުތަކަށް ޖުމްލަކޮށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ވަނީ 3.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.