ރާއްޖޭގެ އުތުރުގެ އަތޮޅުތައް ހައި-ސްޕީޑް ފެރީން ގުޅުވާލުމަށް އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، 2021 ވަނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކުގައި ހައި-ސްޕީޑް ފެރީގެ ނިޒާމެއް ގާއިމުކުރުމަށް ރޭވިފައި ވާކަމަށެވެ. މި މަޝްރޫއުގެ ދަށުން ދަތުރުކުރުމަށް ބޭނުންވާ ޒަމާނީ ބާރުދުވެލީގެ ފެރީތަކާއި މި ނިޒާމް ހިންގުމަށް ބޭނުންވާ އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް ތަރައްޤީ ކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ރަށްރަށުގެ ބަނދަރުތައް އަޕްގްރޭޑް ކުރުމާއި ފަސިންޖަރުންނަށް ޚިދުމަތްދިނުމަށް ބޭނުންވާ ޓަރމިނަލްތައް ފަދަ ވަޞީލަތްތައް ތަރައްޤީ ކުރުމަށްވެސް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ފައިސާ ހަމަޖެހިގެން ދާނެކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
"ޖަޒީރާ ރާއްޖޭގެ ސިޔާސަތުގެ އެންމެ މުހިންމު އެއް އަސާސަކީ ލުއިފަސޭހަ ދަތުރު ފަތުރުގެ ނިޒާމަކުން ހުރިހާ ރަށްރަށާއި އަބާދީތައް ގުޅުވާލުން. ރައްޔިތުން ރަށު ބަންދުން ފިލުވައިދިނުން. ތަކެއްޗާއި ހިދުމަތްތައް ގާތްކޮށްދިނުން. ވަޒީފާއަށް ރަށުން ބޭރަށް ގޮސް ދުވަހުގެ މަސައްކަތް ނިމުމުން އަނބިދަރިން ކައިރިއަށް އަނބުރާ އައުމަށް މަގުފަހި ކޮށްދިނުން. "
– މިނިސްޓަރ އަމީރު
ހައި-ސްޕީޑް ފެރީން ރަށްތައް ގުޅާ ލުމަކީ ސަރުކާރުން ރާއްވަވާފައިވާ ދަތުރުފަތުރުގެ ނިޒާމުގެތެރެއިން މިއަހަރުވެސް ކޮންމެވެސް ވަރަކަށް އޭގެ މަސައްކަތް ކޮށްފައި ވާ މަޝްރޫޢެކެވެ. އެގޮތުން ޕްލޭނިންގ މިނިސްޓރީގެ އެދިލެއްވުމަށް ހައި-ސްޕީޑް 14 އުޅަނދެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިއަހަރުގެ ފެބްރުއަރީ މަހު ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފައި ވެއެވެ. އަދި ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގައި މިނިޒާމުގެ ޚިދުމަތް އަޖުމަބެލުމުގެ ގޮތުން 6 މަސްދުވަހު ކުރިއަށް ގެންދަވަން އޭރު ޕްލޭނިންގ މިނިސްޓްރީން ނިންމަވާފައިވެއެވެ.
އުތުރުގެ ބައެއް އަތޮޅުތައް ހިމެނޭހެން ރާއްޖޭގެ އެކި ހިސާބުތަކުގައި އެމްޓީސީސީން މިހާރުވެސް ސްޕީޑް ފެރީއާއި ލޯންޗް ފެރީގެ ޚިދުމަތް ދެމުންގެންދެއެވެ.
ކޮމެންޓު ފޮނުވާ