ދުނިޔޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ހަމަނުޖެހުމަކީ، ނުވަތަ އެންމެ ގެއްލުން ދެނިވި ހަނގުރާމައަކީ 1939ވަނަ އަހަރުން 1945ވަނަ އަހަރަށް ކުރިޔަށްދިޔަ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައެވެ. މި ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން 70 މިލިއަނާއި 85 މިލިއަނާއި ދެމެދުގެ އަދަދެއްގެ މީހުން ދުނިޔެއިން ނެތިގެން ގޮސްފައި ވެއެވެ. ނުވަތަ މަރުވެފައި ވެއެވެ. މިއީ އޭރުގެ ދުނިޔޭގެ އާބާދީ (1940ވަނަ އަހަރު އަންދާޒާ ކުރެވިފައިވާ 2.3 ބިލއަިން މީހުންގެ އާބާދީ)ގެ %3 މީހުންނެވެ. އެހެންނަނަމެވެސް ހަގުރާމާގައި ދިން ހަމަލާތަކާއި ބަދަލު ކުރެވުނު ހަމަލާތަކުގައި (ހަގުރާމައާއި ސިދާ ގުޅުހުރި ގޮތުގައި) މަރުވެފައިވާ މީހުންގެ އަދަދަކީ 50 މިލިއަނާއި 56 މިލިއަނާއި ދެމެދުގެ އަދަދެއްގެ މީހުންނެވެ. މީގެ އިތުރުން މަރުވެގެން ގޮސްފައިވާ 19-28 މިލިއަން މީހުންނަކީ މި ހަނގުރާމައާއި ގުޅުންހުރި މަރުތަކެވެ. އެއީ މިހަގުރާމައިގެ ނަތީޖާއެއްގެ ގޮތުން ޖެހުނު ބަލިތަކާއި އަދި އޭގެ ފަހުން ކުރިމަތިވެގެންދިޔަ ބަނޑުހައި ހޫނުކަމުގައި ދުނިޔެއިން ނެތިގެންދިޔަ މީހުންނެވެ.
މިގޮތުން 1939ވަނަ އަހަރު ފެށިގެންދިޔަ ދުނިޔޭގެ ދަވަނަ ބޮޑު ހަގުރާމައަކީ އޭގެ ފަހުން އައި 6 އަހަރު ދުވަހުގެ ތެރޭގައި، ދުނިޔޭގެ އެގި ގައުމުތައް މި ހަމަނުޖެހުމުގެ ތެރެއަށް ވަދެ، އެތައް މިލިއަން ބައެއްގެ ފުރާނަ ގެއްލި، މީހުންގެ މުދަލަށާއި، ގައުމުތަކުގެ އިންފްރާ ސްޓްރަކްޗަރއަށާއި، އިގްތިސާދީ ގޮތުންނާއި އެނޫން ގޮތްގޮތުންވެސް އޭގެ ކުރިން ދުވަހަކުވެސް ދުނިޔެ ދެކެފައި ނުވާފަދަ ގެއްލުމާއި ކެކުޅުމާއި ހަލާކު މިހަނގުރާމާގައި ދުނިޔެ ތަޖުރިބާ ކޮށްފައިވާ ހަނގުރާމައެކެވެ.

އެހެންކަމުން 1945 ވަނަ އަހަރަށްފަހު، ދުނިޔެ ދެން އެފަދަ ތަޖުރިބާއަކާއި ކުރިމަތިން ލާން ނުޖެހޭނެކަން ޔަގީން ކުރުމުގެ ގޮތުން، ދުނިޔޭގެ ގައުމުތަކުން ވަނީ އެއްގައުމު އަނެއް ގައުމު އެކައްޗެއް ކިޔާ، ތަފާތު ބައްރުތަކާއި ޖަމާއަތްތަކަށް އެކުވެގެން އެކިއެކި ޓްރީޓީތައް ގާއިމް ކޮށްފައެވެ.
މިގޮތުން، ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމާގައި އެންމެ ބޮޑެތި ގެއްލުންތައް ލިބުނު ގައުމުތަކުން އިސްނަގާ، އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ "ޔުނައިޓެޑް ނޭޝަންސް" ގެ ނަމުގައި ދުނިޔޭގެ ސުލްހައާއި ހަމަޖެހުމަށްޓަކާ ޖަމިއްޔާއެއް އުފެއްދިއެވެ. އަދި މީގެ އިތުރުން އޭރު ކުރިއަރަމުން ފުޅާވަމުން އައި ސޯވިއެޓް ޔޫނިއަން އާއި ދެމެދު އުފުދުނު ވާދަވެރިކަމުގެ ތެރެއިން، ޔޫއެސްއެސްއާރުގެ ފުޅާވަމުން އައި ނުފޫޒާއި ދެކޮޅަށް ޖުމްލަ 12 ގައުމުގެ މައްޗަށް އެކުލެވިގެން، މި ގައުމުތަކުގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެއްބަސްވެ، ނޭޓޯގެ ނަމުގައި އެމެރިކާއާއި އަދި ޔޫރަޕްގެ ބައެއް ގައުމުތަކުން އެކުވެގެން ޖަމިއްޔާއެއް އުފެއްދިއެވެ. ފަހުން މި ޖަމާއަތް ވަނީ ދުނިޔޭގެ 30 ގައުމަކަށް ފުޅާވެގެން ގޮސްފައެވެ.
އަދި ދުނިޔޭގެ ދެވަނަ ބޮޑު ހަގުރާމަ ނިމި، ޖެހިގެން އައި 20 ނުވަތަ 30 ވަރަކަށް އަހަރުގެ ތެރޭގައި ދުނިޔޭގައި އޭރު އޮތް، އަސްކަރީގޮތުންނާއި އަދި އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުން ވަނީ، ނިއުކުލިއަރ ހަތިޔާރުތައް އުފައްދާ، އެހަތިޔާރުތަކުން ރައްކާތެރިކަން ހޯދާފައެވެ. ނަޖީތާއަކަށް ވެގެން ދިޔައީ، 1945 ވަނަ އަހަރަށްފަހު، މުޅި ދުނިޔެ ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެން ދާނޭފަދަ ބޮޑު ހަނގުރާމައެއް ދުނިޔޭގެ ގައުމުތަކުގެ މެދުގައި ހިގައިގެން ގޮސްފައެއް ނުވެއެވެ.
70 އަހަރު ފަހުން، ދުނިޔެ ބޮޑު ހަގުރާމައެއްގެ މިޔަމަތީގައި؟
ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ނިމި، އަދި އެ ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން ދުނިޔެ ތަޖުރިބާކުރި ބޮޑެތި ގެއްލުންތަކާއި، އަދި އެ ހަމަ ނުޖެހުމުގައި އެތައް މިލިއަން އިންސާނުންގެ ފުރާނަ ގެއްލިގެން ދިޔަތާ 70 އަހަރު ފަހުން ދުނިޔެ އަނެއްކާވެސް މިވަނީ ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަމާ ކުރިމަތި ލާން ޖެހިފައެވެ.
ފާއިތުވެދިޔަ ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު، ދުނިޔޭގައި މިވަގުތު އެންމެ ވަރުގަދަ އަސްކަރިއްޔާއެއް އޮތް، އަދި ދުނިޔޭގެ އެންމެ ބޮޑު ދެ ނިއުކުލިަރ ބާރުގެ ތެރޭގައި ހިމެނޭ އެއްބާރު، ރަޝިއާއިން މިވަނީ ޔޫކުރެއިންއަށް އަރާ، އެގައުމު ހިފުމަށް ހަނގުރާމަ ފަށާފައެވެ. އަދި ރަޝިއާއިން ޔޫކުރެއިންގެ ވެރިރަށް އެގައުމުގެ ބާރުގެ ދަށަށް ގެނައުމަށް ހަނގުރާމަ ކުރަމުން ދާތާ ދެ ހަފްތާ ފާއިތުވެގެން ގޮސްފައިވާއިރު، މިހަނގުރާމާގައި ޔޫކުރެއިންއަށް ހުޅަގުގެ ގައުމުތަކުން ދަނީ އަސްކަރީ އެހީތެރިކަން ފުޅާ ދާއިރާއެއްގައި ފޯރުކޮށް ދެމުންނެވެ.

އެހެންނަމަވެސް މި ހަގުރާމާގައި އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލަންޖެހޭ އެއްކަމަކީ، ރަޝިއާގެ ފައުޖުތައް ޔޫކުރެއިން އެރުމަށް އަމުރު ކުރައްވަމުން ރަޝިއާގެ ރައީސް ޕުޓިން ދުނިޔޭގެ ގައުމުތަކަށް ދެއްވި އިންޒާރެވެ.
މިގޮތުން ޔޫރުއިންގެ އިރުމަތީގައި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ ހަގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަކީ މިނިވަން ދައުލަތެއް ކަމުގައި ރަޝިއާއިން ގަބޫލުކުރުމުގެ ގަރާރުގައި ސޮއި ކުރެއްވުމަށްފަހު، އެގައުމުގެ އަސްކަރިއްޔާ ޔޫކުރެއިންއަށް އެރުމަށް އަމުރު ކުރައްވަމުން ޕުޓިން ވިދާޅުވެފައިވަނީ، ޔޫކުރެއިންގައި ރަޝިއާ ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ވަދެއްޖެ ނަމަ، ދުނިޔޭގެ ތާރީޚު ދެކެފައި ނުވާވަރުގެ ވަރުގަދަ ގެއްލުންތަކާއި އެގައުމަކުން ނުވަތަ އެގައުމުތަކަކުން ކުރިމަތިލާން ޖެހޭނެ ކަމުގައެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުންވެސް އަދި، ތަޖުރިބާ ކާރުންވެސް ޕުޓިންގެ މި އިންޒާރު ސިފަ ކުރައްވާފައިވަނީ، މިއީ ދުނިޔޭގެ އެހެން ގައުމުތަކަށް ދެއްވި ނިއުކުލިއަރ ހަތިޔާރުގެ އިންޒާރެއްގެ ގޮތުގައެވެ. އަދި ހަނގުރާމަ ފެށިގެން އައި ހަފްތާގައި ޕުޓިންވަނީ އެގައުމުގެ ނިއުކުލިއަރ ފައުޖުތައް ކުއްލި ހާލަތަކަށްވެސް ގެނެސްފައެވެ.
ރަޝިއާއިން ފަހުން ބުނެފައިވަނީ، އެގައުމުގެ ނިއުކުލިއަރ ފައުޖުތައް ކުއްލި ހާލަތަކަށް ގެންނަންޖެހުނީ، އިނގިރޭސިވިލާތުގެ ސެކެޓްރީ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އެލިޒަބަތު ޓްރަސްގެ ބަސްމަގު ހުރި ގޮތުން ކަމުގައެވެ.
އެހެންނަމަވެސް ރަޝިއާގެ މި އިންޒާރާއެކުވެސް ހުޅަނގާއި ނޭޓޯގައި ހިމެނޭ ގައުމުތަކުން ދަނީ، ޔޫކުރެއިންގެ އަސްކަރިއްޔާއަށް ރަޝިއާއާއި ހަގުރާމަ ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އަސްކަރީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. މީގެ ތެރޭގައި އެންޓި ޓޭންކު މިސައިލްތަކާއި، ބިމުން ވަޔަށް ފޮނުވާ މިސައިލްތަކުގެ އިތުރުން ހަމަލާތަކުން ދިފާޢުވާނެ އައްޑަނަތަކާއި އަދި މިނޫނަސް ހަނގުރާމާގައި ބޭނުންކުރާނޭ އިތުރު އެހެނިގެން ގިނަ ހަތިޔާރުތައްވެސް ހިމެނެއެވެ.

ހަގުރާމާގައި އަމަލީގޮތުން ބައިވެރި ނުވުން، ނޭޓޯގެ އެންމެ މުހިންމު އެއް ސިޔާސަތު!
ރަޝިއާގެ އަސްކަރިއްޔާއިން ޔޫކުރެއިންއަށް އަރާ، އަގައުމުގައި ހިންގަމުން ދާ އުދުވާންގައި ނޭޓޯއިން އަމަލީ ގޮތުން ބައިވެރި ނުވާނެކަން އެގައުމުންވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ. ނޭޓޯގެ މި ސިޔާސަތުގެ އެންމެ މުހިންމު އެއް ބޭނުމަކީ މިހަނގުރާމަ ޔޫކުރެއިންގެ ބޯޑަރު ފަހަނައަޅާ ފެތުރު ނުވަތަ ފުޅާވެގެން ދިޔަ ނުދިނުމެވެ.
އެހެންނަމަވެސް، ނޭޓޯއިން ބުނެފައިވަނީ، އެ ޖަމާއަތުގެ ޗާޓަރުގައި ވާފަދައިން، އެޖަމާއަތުގައި ހިމެނޭ އެއްވެސް ގައުމަކަށް ރަޝިއާއިން ހަމަލާ ދީފިނަމަ، އެޖަމާއަތުން އެގައުމެއް ހިމާޔަތް ކުރާނޭ ކަމުގައެވެ. މާނައަކީ، ޔޫކުރެއިންއާއި އިންވެގެން އޮތް، ނޭޓޯގެ ގައުމުތައް ކަމުގައިވާ ޕޮލޭންޑާއި، ހަންގޭރީއާއި، ރޫމޭނިއާއާއި، ސްލޮވާކިއާއާއި، ބަލްގޭރިއާއިގެ އިތުރުން، ޔޫކުރެއިންގެ އަވައްޓެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ނޭޓޯގެ އެހެން ގައުމުތަކުގެވެސް ރައްކާތެރިކަން ނޭޓޯއިންވަނީ ކަށަވަރު ކޮށްދީފައެވެ. އަދި އޭގެ މާނައަކީ، މިއިން އެއްވެސް ގައުމަކަށް ރަޝިއާގެ ހަމަލާތައް އަމާޒު ވެއްޖެނަމަ، މިގައުމުތަކުގެ ހިމާޔަތުގައި، ނޭޓޯއިން ރަޝިއާއި ދެކޮޅަށް ރައްދު ހަމަލާ ދޭނެކަމުގެ އިންޒާރު ފެށުނީއްސުރެ ނޭޓޯއިން އަންނަނީ ދެމުންނެވެ.
އެހެންނަމަވެސް، މިއިން ގައުމަކަށް ރަޝިއާގެ ސީދާ ހަމަލާތައް އިސްވެ އަމާޒުވެގެން ދިޔަ ނުދިނުމަށްޓަކާ، ހަގުރާމާގައި މިއިން އެއްވެސް ގައުމަކުން އަމަލީސިފައެއްގައި ބައިވެރި ނުކުރުމަށް ނޭޓޯއިން މިހާތަނަށްވަނީ މަސައްކަތް ކޮށްފައެވެ. މިގޮތުން، ޔޫކުރެއިންގެ ވައިގެ ސަރަހައްދަކީ އުދުހުން މަނާ ސަރަހައްދެއްކަމުގައި ކަނޑައެޅުމަށް ތަކުރާރުކޮށް ޔޫކުރެއިންއިން އެދުނު ނަމަވެސް، މިކަމަށް ހުޅަނގާއި ނޭޓޯއިން ތަކުރާރުކޮށް ދެކޮޅު ހަދާފައިވަނީ، މިފަދަ ހާލަތެއްގައި، ނޭޓޯގެ އަސްކަރީ ހަމަލާތައް ރަޝިއާގެ ޖެޓްތަކަށް އަމާޒުކުރަން މަޖުބޫރު ވެގެން ދާނެތީއެވެ.

އަދި އެފަދަ ހާލަތެއްގައި އެމެރިކާ، އިންގިރޭސިވިލާތް، ޖާމަނީފަދަ އަސްކަރީގޮތުން ވަރުގަދަ ގައުމަތައް ހުގަރާމައިގެތެރެއަށް ސީދާގޮތުން ވަދެ، މި ހަގުރާމައަކީ ދުނިޔޭގެ 3 ވަނަ ބޮޑު ހަނގުރާމައަށް ބަދަލުވެގެން ދިއުމުގެ ނުރައްކާ އޮތުމާއިވެސް އެކުއެވެ. އަދި އެފަދަ ހާލަތެއްގައި، މި ހަނގުރާމަ ޔޫކުރެއިންގެ ބޯޑަރުތައް ފަހަނައަޅާ، ޔޫރަޕަށް ފެތުރި، އަދި މި ހަގުރާމާއަކީ ނިއުކުލިއަރ ބާރުތަކުގެ މެދުގައި ހިގާ ނިއުކުލިއަރ ހަގުރާމައަކަށް ބަދަލުވެގެން ދިއުމުގެ ނުރައްކާވެސް އިންތިހާއަށް އޮތުމާއި ގުޅިގެންނެވެ.
އެހެންކަމުން ހުރިހާ ގޮތަކުން ބެލިކަމުގައިވި ނަމަވެސް، ޔޫކުރެއިންގައި މިހާރު ހިގަމުންދާ ހަގުރާމައަކީ ނުރައްކާތެރިކަން ބޮޑު ހަގުރާމައެއްކަމުގައި ގަބޫލުކުރަން ޖެހެއެވެ. އަދި މި ހަގުރާމަ އިތުރަށް ވަރުގަދަ ވަމުންދާއިރު، ހަގުރާމައިގެ މިސްރާބު، ދުނިޔޭގެ ބޮޑެތި ބާރުތަކާ ދިމާލަށް ހަމަ ކޮންމެ ވަގުތެއްގައިވެސް ބަދަލުވެގެން ދިއުމުގެ ފުރުސަތުވެސް އިންތިހާއަށް އެބައޮތެވެ.
އަދި ހަމަ އެއާއެކު، މި ހަނގުރާމަ ދުނިޔޭގެ 3ވަނަ ބޮޑު ހަނގުރާމައަކަށް ބަދަލުވެ، މިއީ ދުނިޔޭގެ ނިއުކުލިއަރ ބާރުތަކުގެ މެދުގައި ހިގާފާނެ، މުޅި ދުނިޔެ ފަނާވެގެން ހިގައިދާނެ ވަރުގެ ނުރައްކާތެރި ނިއުކުލިއަރ ހަގުރާމައަކަށް މި ހަނގުރާމައިގެ ހާލަތު ބަދަލުވެގެން ދިއުމުގެ ފުރުސަތުވެސް އިންތިހާއަށް އޮތްކަމުގައިވެސް ދަންނަވަން ޖެހެއެވެ.
ކޮމެންޓު ފޮނުވާ