އަސްލު ބުރޯއަކީ މިހާރު ކާކުކަން ވަރަށް ސާފުވާނެ: ފައްޔާޟު

އަސްލު ބުރޯއަކީ މިހާރު ކާކުކަން ވަރަށް ސާފުވާނެ: ފައްޔާޟު

Author
މުޙައްމަދު ޝަޒައިމް
08 މާރޗް 2022 09:09
0

މިޤައުމުގެ އަސްލު ބުރޯއަކީ މިހާރު ކާކުކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުވާނެކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒުވަނީ އޭނާގެ ބަހުގެ ހޫނު ހަމަލާތަކެއް އޭނާއާއި ވާދަކުރާ އިންތިއާއި، އޭނާގެ ޓީމަށް ދީފައެވެ. ފައްޔާޟު ވިދާޅުވީ މިއިންތިޚާބުގައި އޭނާ ވާދަކުރަނީ ވަރަށް ގިނަ ކަންތައްތަކެއް އެމްޑީޕީ ތެރެއިން އިސްލާހު ކުރުމަށް ކަމަށެވެ. އެމްޑީޕީއަކީ ހަމައެކަނި ވަކި ބަޔަކު ކުރި ކަމެއްކަމަށްބުނެ ވާހަކަ ދެއްކުމުގެ ހައްގެއް އެއްވެސް ބަޔަކަށް ނޯންނާނެކަމަށް ފައްޔާޟު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އޭނާއާ ޓީމު އޮތީ ސަރުކާރާއެކު ގަދަކޮށް ކަމަށެވެ. އަދި އޭނާއަށް ނިސްބަތްކޮށް ނުފޫޒު ފޯރުވަނީ ކަމަށާ އެއީ "ބްރޯ" ކަމަށް ލޭބަލް ކުރެވިދާނެ ކަމަށެވެ. ނަމަވެސް "އަސްލު ބްރޯ" އަކީ ކާކުކަން ރައްޔިތުންނަށް މިއަދު އެނގޭ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެން މި ތިބީ ސަރުކާރާއެއްކޮށް ގަދަކޮށް. އަޅުގަނޑުމެންނަށް ބްރޯއޭ ވެސް ކިޔިދާނެ. ނުފޫޒު ފޯރުވަނީއޭ ވެސް ކިޔިދާނެ. ނަމަވެސް ބްރޯއަކީ ކާކުކަން އަސްލު ބްރޯއަކީ ކާކުކަން ދިވެހި ރައްޔިތުންނަށް މިއަދު އެނގޭނެ. އަޅުގަނޑުމެން ކޮންމެހެނެއް ނޫޅެން ތާހިރު ކެމްޕެއިނެކޭ ކިޔައިގެން އެއަކަށް އެއްޗެއް ކިޔާކަށް.

– ފައްޔާޟު ވިދާޅުވިއެވެ.

ފައްޔާޟު ވަނީ ވަރަށް ޖޯޝާއިއެކު މިބައްދަލުވުމުގައި އޭނާގެ ކުރިން ވާހަކަ ދެއްކި އަލީ އާޒިމާއި، އޭނާއާއި ވާދަކުރާ އިމްތިޔާޒު ފަހުމީއަށް ހޫނު ރައްދު ތަކެއް ދެއްވާފައެވެ. ފައްޔާޒު ވިދާޅުވީ އޭނާއަކީ ބުރޯކަމަށް ވިދާޅުވެ ވާހަކަ ދައްކަމުން ދިޔަ މީހުންނަށްވެސް އަދި ދިވެހި ރައްޔިތުންނަށްވެސް މިއަދު "ބްރޯ" އަކީ ކާކުކަން ވަރަށް ރަނގަޅަށް ސާފުވާނެކަމަށެވެ.

އިވާއާއި، އިންތިއާއި، ވައްޑޭއާއި އެނޫން މީހުން ނޫން މިޕާޓީއަށް ޤުރުބާންވީ އަޅުގަނޑުމެން މިޕާޓީއަށް ގުރުބާންވީ. މިޕާޓީގެ އާންމު މެމްބަރުން މިޕާޓީ މިހިސާބަށް ގެނައީ.

– ފައްޔާޒު ވިދާޅުވިއެވެ.

މިއިންތިޚާބުގައި ވާދަކުރާ އެންމެ ބޮޑު މަޤުސަދަކީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރުންކަމަށް ފައްޔާޟު ވިދާޅުވިއެވެ. މިކަން ކުރެވޭނީ އެމްޑީޕީ ހިންގާލެވިގެން ކަމަށާއި، މިހާރު އޮތް ހާލަތުން މިކަން ކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށެވެ.

މިއިންތިޚާބު މިހާރު ބާއްވަން އޮތް ތާރީޚާއި ގުޅޭގޮތުން ފައްޔާޟު ވިދާޅުވީ، ރޯދަމަހު މިފަދަ ބޮޑު އިންތިޚާބެއް ބޭއްވުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީގެ ޤައުމީ މަޖިލީހުން ތާރީޚާމެދު މަޝްވަރާކޮށް ގޮތެއް ނިންމުންކަމަށެވެ. އޭނާ ވިދާޅުވީ އިންތިޚާބު ބާއްވާންޖެހޭނީ މެމްބަރުންނަށްވެސް ފަސޭހައިން ވޯޓުލެވޭނެ ތާރީހެއްގައިކަމަށެވެ. މެމްބަރުންނަށް ދަތިވާނެ ގޮތަކަށް މިހާތަނަށްވެސް ކަންކަން ކުރެވިގެން ދިޔަކަމީ ހިތާމަކުރާ ކަމެއްކަމަށް ފައްޔާޟު ވިދާޅުވިއެވެ.

ފައްޔާޟަށް ތާއީދުކުރާ ޓީމުން އިންތިޚާބު ފަސް ކުރުމަށް ހުށަހަޅާފައިވަނީ ރޯދަ މަހުގެ ފަހަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.