އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އަތުން ޓޮޓެންހަމް މިރޭ ބޮޑު މޮޅެއް ހޯދައިފިއެވެ.
ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 0-5 ގެ ބޮޑު ތަފާތަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމުން ވަނީ 3 ލަނޑު ޖަހާފައެވެ. އެގޮތުން ޓޮޓެންހަމުގެ ފުރަތަމަ ލަނޑަކީ މެޗުގެ 14 ވަނަ މިނެޓުގައި އެވަޓަންގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެއެވެ. ބައިކޮޅަށް ލަނޑެއް ވަތްތާ 2 މިނެޓު ފަހުން ސޮން ހުއެން މިން ވަނީ ލަނޑެއް ޖަހާ ޓޮޓެންހަމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން 37 ވަނަ މިނެޓުގައި ކޭން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖަ 0-3 އަކަށް ބަދަލުކޮށްލާފައެވެ.
މެޗުގެ ދެ ވަނަ ހާފް ފަށައިގެން ފުރަތަމަ މިނެޓުގައި ޓޮޓެންހަމްގެ ސާޖިއޯ ރެގިއުލޮން ވަނީ ޓޮޓެންހަމްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ޓޮޓެންހަމްގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޭންއެވެ.
މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 26 މެޗުން ހޯދި 45 ޕޮއިންޓާއެކު ޓޮޓެންހަމް އޮތީ ލީގު ތާވަލްގެ 7 ވަނައިގައެވެ. މި މެޗުން ބަލިވި އެވަޓަން އޮތީ 25 މެޗުން ލިބުނު 22 ޕޮއިންޓާއެކު 17 ވަނައިގައެވެ.
ޕްރިމިއާ ލީގުގައި ޓޮޓެންހަމް ދެން ކުޅެން ޖެހޭ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ. އަދި އާދީއްތަ ދުވަހުގެ ރޭ އެވަޓަން ވާދަކުރަން ޖެހޭނީ ވުލްވްސްއާއެވެ.