ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން، ރާއްޖޭގައި ތެލުގެ އަގަށް ގެންނަ ބަދަލުތަކާއިއެކު، ޓެކްސީ ދުއްވައިގެން އާމްދަނީ ހޯދަމުންދާ ފަރާތްތަކަށްވެސް މަންފާ ލިބޭނެ ގޮތަކަށް އަގުތަކަށް ބަދަލު ގެނެންނަން ޖެހޭ ކަމުގައި ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް ސައުދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލާއި، ތަކެތީގެ އަގަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ދަތުރުތަކުގެ އަގުތައް ބޮޑުކުރުމަށް 14 ޓެކްސީ ސެންޓަރަކުން ވަނީ ނިންމާފައެވެ. އަދި މި ނިންމުމަށް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އަމަލު ކުރާނެކަމަށް ވަނީ ބުނެފައެވެ.
މިނިންމުމާއި ގުޅިގެން ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވީ، މިނިސްޓްރީން ފާސްކޮށް، އިއުލާންކޮށްފައިވާ އަގަށްވުރެ ބޮޑު އަގު ނަގާ ޓެކްސީތަކާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.
ތެލުގެ އަގަށް ގެނައި ބަދަލާއި ގުޅިގެން ޓެކްސީތައް ދުއްވާ މީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް އެކަށީގެންވަ އުޖޫރައެއް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރުމުން މިނިސްޓްރީން ފިޔަވަޅު އަޅަން ނިންމި ނިންމުމަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް ސައުދު ވިދާޅުވީ، ސަރުކާރެއް ދެމި އޮންނަނީ މަސައްކަތްތެރީންވެސް ހިމެނޭކަން ދަންނަންޖެހޭކަމަށެވެ.
ޓެކްސީގެ އަގަށްވެސް އަދި އެހެންތަކެތީގެ އަގުވެސް މަތިވެގެންދާނެ. ޓެކްސީއަށް އަޅާ ތެޔޮ އަގުބޮޑުވީމަ އަގު ތަކަށް ބަދަލު އަންނަންޖެހޭ. އެތައް ބަޔަކު ދިރިއުޅެން ކުރާ މަސައްކަތް އެއީވެސް. ހަމަ ގަބޫލު ކުރުމަކީ އެންމެ ބުއްދިވެރިގޮތް. އިޤްތިޞާދީ ލޮޅުން މިޤައުމަށް އިންތިހާއަށް އަރާނެ. ދުނިޔޭގެ އިޤްތިޞާދަށް އަންނަ ލޮޅުން މިޤަށްވެސް ކުރާނެ. ހާލަތައް ބަލާފަ ބަދަލު ކުރަންޖެހޭ ކަންކަން ކުރަންވެސް ޖެހޭނެ. ސަރުކާރެއް ދެމި އޮންނަނީ މަސައްކަތްތެރީންވެސް ހިމެނޭހެން.
– ސައުދު ވިދާޅުވިއެވެ.
ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި އަގުތައް:
– މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް – 30 ރުފިޔާ
– ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރުތައް – 25 ރުފިޔާ
– ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތައް – 25 ރުފިޔާ
– ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް – 40 ރުފިޔާ
– ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް – 120 ރުފިޔާ
– މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް – 100 ރުފިޔާ
– އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް – 80 ރުފިޔާ
– އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް – 80 ރުފިޔާ
– ހުޅުމާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް – 100 ރުފިޔާ
– މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް – 100 ރުފިޔާ
– ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް – 120 ރުފިޔާ
ރޭގަނޑު 12:00 އިން ހެނދުނު 06:00 ކުރާ ދަތުރުތަކަށް އިތުރު ފީއެއްގެ ގޮތުގައި ފަސް ރުފިޔާ ނެގުމަށާއި ހަޔާކޮށްގެން ކުރާ ދަތުރުތަކަށް ގަޑިއިރަކަށް 250 ރުފިޔާ ނެގުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
ޓެކްސީ ސެންޓަރުތަކުން ނިންމާފައިވަނީ އަގުތައް ބޮޑުކުރުމަށް ސަރުކާރުން ހުއްދަ ނުދިން ނަމަވެސް ގިނަ ޑްރައިވަރުންނަށް އެއްބަސްވެވޭނަމަ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ބޮޑު އަގު ކަނޑައަޅައި، އެ އަގަށް ދަތުރުކުރުމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން އާއްމުކޮށްފައިވާ ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ބަލާއިރު، މިހާރު މާލެއާއި ހުޅުމާލެއާ ދެމެދު ޓެކްސީ ދަތުރު ކުރެވޭނީ 75 ރުފިޔާއަށެވެ. އަދި މާލެއާއި-ހުޅުލެއާއި އަދި ހުޅުލެއާއި-ހުޅުމާލެއާ ދެމެދު ކުރާ ޓެކްސީ ދަތުރަކަށް އެންމެ ގިނަވެގެން ނެގޭނީ 60 ރުފިޔާއެވެ. އަދި ޑިކީއަށް އަރުވާ ދާގީނާ ހިމެނޭހެން، މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް އެންމެ ބޮޑުކޮށް ނެގޭނީ 25 ރުފިޔާއެވެ. ނަމަވެސް ރޭގަނޑު 12އާއި ފަތިހު 6އަކާއި ދެމެދު ކުރާ ދަތުރުތަކުން އިތުރު 5 ރުފިޔާ ނެގޭނެކަމަށް މިނިސްޓްރިއިންވަނީ ވިދާޅުވެފައެވެ.
3 Responses
ޓެކްސީއަށް އަޅާ ތެޔޮ އަގުހެޔޮވީމަ، އަގު ބަދަލުކުރާކަށް ދުވަހަކުވެސް ނުޖެހޭ ދެއްތޯ؟
މައްސަލައަކީ ތެޔޮ އަގުބޮޑުވީމަ ދަތުރުގެ އަގު ބޮޑުކުރަނީ އެކަމަކު ތެޔޮ އަގުގެޔޮވިޔަސް އަގު ކުޑަކުރުމެއް ނޯންނާތީ.
ދެ ލޯބިވެރިން