ބޮޑު މޮޅަކާއިއެކު އިންޓަމރ ތާވަލްގެ އެއްވައަށް

ބޮޑު މޮޅަކާއިއެކު އިންޓަމރ ތާވަލްގެ އެއްވައަށް

Author
މުޙައްމަދު ޝަޒައިމް
05 މާރޗް 2022 01:58
0

އިޓާލިއަން ސެރީއާގައި އެންމެފަހުގެ ޗެންޕިއަން އިންޓަރމިލާން ބޮޑު މޮޅަކާއިއެކު ތާވަލްގެ އެއްވައަށް އަރައިފިއެވެ.

އިންޓަރގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 5 ލަނޑު ސުންލަނޑުންނެވެ.

އިންޓަރގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓަރއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 22 ވަނަ މިނެޓްގައި ޖަހައިދިނީ ހުނަރުވެރި ފޯވަޑް ލައުޓާރޯ މާޓިނޭޒެވެ. މިއީ މިދިޔަ އަހަރުގެ ޑިސެެމްބަރު މަހަށްފަހު މާޓިނޭޒަށް ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑެވެ.

މިމެޗްގައި އޭނާ ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްދީ ހެޓްރިކެއް ވެސް ހަދާފައެވެ. މިމެޗްގައި އިންޓަރގެ ދެވަނަ ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި މާޓިނޭޒް ކާމިޔާބު ކުރިއިރު އޭނާގެ ހެޓްރިކް ފުރިހަމަ ކުރި ތިންވަނަލަނޑު ކާމިޔާބުކުރީ މެޗްގެ 56 ވަނަ މިނެޓްގައެވެ. އިންޓަރގެ ހަތަރުވަނަ ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ޖަހައިދިނީ އެޑިން ޖެކޯއެވެ. އަދި ފަސްވަނަ ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ޖަހައިދިނީ ވެސް ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިން ޖެކޯއެވެ.

މިކާމިޔާބީއާއެކު އިންޓަރއަށް މިހާރުވަނީ ކުޅުނު 27 މެޗުން 58 ޕޮއިންޓް ލިބި ތާވަލްގެ އެއްވަނައިގައި އެއް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ތާވަލްގެ ދެވަނައިގާ ނަޕޯލީ 57 ޕޮއިންޓާއެކު އުޅޭއިރު ތިންވަނައިގާ ގޯލްގެ ތަފާތުން އުޅެނީ އޭސީ މިލާނެވެ. ނަޕޯލީ އާއި އޭސީ މިލާން މާދަމާ ރޭ ނޭޕްލްސްގައި ބައްދަލުކުރާ މެޗަކީ ވަރަށް މުހިއްމު މެޗަކަށް ވާނެއެވެ. މިމެޗް ކާމިޔާބު ކުރާ ޓީމަކަށް އަނެއްކާވެސް ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު ލިބޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.