ޔޫކްރެއިންގެ އިވާނޯ ފްރެންކްވިސްކްގައި މެޑިސިން ކިޔަވަމުން ދިޔަ 15 ދިވެހި ދަރިވަރަކު މިއަދު މާލެ އަތުވެއްޖެއެވެ.
އެކުދިން މާލެ އައިސްފައިވަނީ މިއަދު ރާއްޖެ ގަޑިން ހަވީރު 15:10 ހާއިރުގައެވެ. ރަޝިއާއިން ހަމަލާދޭނެކަމުގެ އިންޒާރު ޔޫކްރެއިނަށް ދިން ހިސާބުން ޔޫކްރައިންގައި ކިޔަވަން ތިބި ދަރިވަރުން ދިޔައީ އަނބުރާ ރާއްޖެއަށް އައުމުގެ މަސައްކަތް ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން ކުރަމުންނެވެ.
އެ ދަރިވަރުން ރައްކާތެރި ހިސާބަށް ގެންދިޔުމަށްޓަކައި ދިވެހި ސަރުކާރާއި ޚާރިޖިއްޔާގެ އިތުރަށް ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީން ކެނޑި ނޭޅި ކުރި މަސައްކަތުން އެ ދަރިވަރުން މިދިޔަ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 11:30 ހާއިރު އިވަނޯ-ފްރެންކިވްސްކްގެ ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް ވަނީ ގޮސްފައެވެ. އަދި މި މަހުގެ 27 ވަނަ ދުވަހު ހަންގޭރީން ފުރައިގެން ދުބާއީގައި 10 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރުމަށްފަހު އެ ދަރިވަރުން މާލެ އައިސްފައިވަނީ މިއަދު ހަވީރު 15:10 ހާއިރުގައެވެ.
Al’hamdhulillah, we reached Male’ safely. I wish I could say I’m relieved but my heart aches for the ones still in Ukraine. May they all get the opportunity to get to safety soon, aameen!
— Hamna Ahmed (@hamnerd_) February 28, 2022
ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހިންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފައެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ މިހާރުވެސް ޔޫކްރެއިންގައި ތިބި ދިވެހިންނަށް އެހީތެރިވުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ޔޫކްރެއިންގައި އަސާސީ ތަކެތީގެ އަގުބޮޑުވަމުންދާތީ، އެޤައުމުގައި މިހާރު ތިބި ދިވެހިންނަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ޔޫކްރައިންގެ ވެރިރަށް ކިއޭވުއާ ކައިރި ސަރަޙައްދުގައި ދިރިއުޅެމުން އަންނަ 3 އާއިލާއަކުން އެޤައުމުގެ ހުޅަނގު ބޯޑަރ ސަރަޙައްދަށް ދިޔުމަށް އަމިއްލައަށް އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށެވެ. އަދި އެ ޤައުމުގައި ބާކީ ތިބި ދިވެހި ދަރިވަރުންގެ ހާލަތު ގާތުން ބަލަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ ބެލަރުސްގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން އެނބުރި ރާއްޖެއަށް އަންނަން ބޭނުންވާ ދަރިވަރުންނަށްވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ. ބެލަރުސްގައި އިތުރު ނުރައްކާތެރިކަމެއް ނެތްކަމަށް ބެލެވޭތީ ޔުނިވަރސިޓީގެ ކްލާސްތައްވެސް އާދައިގެމަތިން ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ