ޕުޓިންއާއި ރަޝިއާގެ ފޮރިންގ މިނިސްޓަރ ލާވްރޯވްއާއި ދެކޮޅަށް އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފި

ޕުޓިންއާއި ރަޝިއާގެ ފޮރިންގ މިނިސްޓަރ ލާވްރޯވްއާއި ދެކޮޅަށް އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފި

Author
ހުސެއިން
25 ފެބްރުއަރީ 2022 09:02
0

ރަޝިއާއިން ޔޫކުރެއިން އަރާ، އެގައުމުގެ މިނިވަންކަން ނިގުޅައިގަތުމާއި ގުޅިގެން، ރަޝިއާގެ ރައީސް ލާޑީމިރ ޕުޓިންގއާއި އެގައުމުގެ ފޮރިންގ މިނިސްޓަރ ލަވްރޯވްއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަަވަޅު އަޅަން ނިންމާފައިވާކަމަށް ޖާމަނީގެ ފޮރިންގ މިނިސްޓަރ އަންނަލޭނާ ބާރބޮކް ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.

"ރަޝިއާގެ ރައީސް ލާޑިމިރ ޕުޓިންގއާއި ފޮރިންގ މިނިސްޓަރ ލާވްރޯވް މިހާރު ވާނީ ލިސްޓުގައި ހިމަނާފަ،" ހުކުރުދުވަހު ބަރަސަލްސްގައި އޮތް އީޔޫގެ ފޮރިންގ އެފެއަރޒް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ވަޑައިގަންނަވަމުން ރިޕޯޓަރުންނަށް މައުލުމާތު ދެއްވަމުން އޭނާ ވިދާޅުވެފައި ވެއެވެ.

"ޔޫކުރެއިންގައި ކުށެއް ނެތް އެތައް ބަޔަކު މަރުވުމުގެ ޒިންމާ މި ދެމީހުން އުފުލަން ޖެހޭނެ، މުޅި ބައިނަލް އަގުވާމީ އުސޫލުތައް މުގުރާލުމުގެ ޒިންމާ މި ދެމީހުން އުފުލަން ޖެހޭނެ، މިއީ އަހަރެމެން، ޔޫރަޕުން ގަބޫލުކުރާނެ ކަމެއް ނޫން."

ޔޫރަޕިއަން ޔޫނިއަންއިން ރަޝިއާއާއި ދެކޮޅަށް އަޅާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިއާގެ އިގްތިސާދު ފުނޑު ފުނޑު ކޮށްލާނެކަމަށް ވިދާޅުވެ، ރަޝިއާއި ދެކޮޅަށް އަޅާނޭ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އޮނިގަޑު ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ވިން ޑަރ ލެޔެން ވަނީ ފާއިތުވެދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ހާމަ ކުރައްވާފައެވެ.

ކޮމިޝަންގެ ރައީސް އިއުލާން ކުރައްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އިޔޫގައި ހުރި ރަޝިއާގެ އެސެޓްތައް ފްރީޒް ކުރުމާއި، އަދި އޭގެ އިތުރުން ރަޝިއާގެ ބޭންކުތަކަށް ޔޫރަޕިއަން ފައިނޭންޝަލް މާރކެޓްތަކަށް ވަނުމުގެ ފުރުސަތު ބަންދުކުރުން ހިމެނެއެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވިދާޅުވި ގޮތުގައި މިގޮތުން އަޅާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ޔޫކުރެއިންގެ އިގްތިސާދުގެ ކެޕިޓަލް އައުޓުފްލޯ އިންތިހާއަށް މަތިވެ، އޭގެ ނަތީޖާއެއްގެ ގޮތުން އިންފްލޭޝަން މަތިވެ، އަދި އެންމެފަހުން ރަޝިއާގެ އިންޑަސްޓްރީތައް އެކީ ހަލާކުވެގެން ދާނެކަމަށެވެ.

ކުރިޔަށް އޮތް މަދު ދުވަސް ކޮޅެއްގެ ތެރޭގައި ޔޫކުރެއިންގެ ވެރިރަށް ރަޝިއާގެ ބާރުގެ ދަށަށް ހިގައިދާނެ ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ވަނީ ލަފާ ކޮށްފައެވެ.

އެމެރިކާގެ ޖާސޫސީ ފަރާތްތަކާއި ހަވާލާދީ ސީއެންއެންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ރަޝިއާގެ އަސްކަރިއްޔާއިން މިހާރު މަސައްކަތް ކުރަމުންދަނީ ޔޫކުރެއިންގެ ވެރިރަށް ވަށާލުމަށް ކަމަށާއި، އެހެންނަމަވެސް ކުރިން ހީ ކޮށްފައިވާ ވަރަށްވުރެ ޔޫކުރެއިންގެ ސިފައިންގެ ފަރާތުން ދީފައިވާ ރައްދު ހަމަލާތައް ވަރުގަދަ ކަމަށްވެސް އެމެރިކާގެ ޖާސޫސީ ފަރާތްތަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓު ކޮށްފައިވެއެވެ.

އެހެންނަމަވެސް، ރަޝިއާގެ ސިފައިންނާއި، ރަޝިއާގެ އަސްކަރީ ގާބިލްކަމާ އަޅާބަލާއިރު، ޔޫކުރެއިންގެ ސިފައިންގެ އަދަދުގެ މަދުކަމާއި، އަދި ލިބިފައިވާ ހަތިޔާރުގެ ގާބިލްކަމުގެ ކުޑަކަމާއެކު، މިހާރު ދެމުންދާ ރައްދު ހަމަލާތައް އެ މިންވަރުގައި ޔޫކުރެއިންގެ އަސްކަރިއްޔާއަށް ހިފަހައްޓާލެވޭނީ މަދު ދުވަސްކޮޅަކަށް ކަމަށްވެސް އެމެރިކާގެ އިންޓެލިޖެންސުން ލަފާ ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.