ޔުކްރައިންގައި ތިބި ދިވެހިންގެ ތެރެއިން އިވަނޯ-ފްރެންކިވްސްކް ގައި ތިބި 15 ދިވެހިން މިވަގުތު ތިބީ ޔޫކްރެއިންއާ ހަންގޭރީ ބޯޑަރާއި ކައިރީގައި އޮންނަ Uzhhorod ގައި ހުންނަ ހަންގޭރީ ކޮންސިއުލޭޓްގައިކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިންމިނިސްޓްރީން ބުނެފައިވަނީ އެބޭފުޅުންނަށް ބޯޑަރު ހުރަސްކޮށް، ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކުރުމުގެ އިންތިޒާމް، ހަންގޭރީ ސަރުކާރާއި ގުޅިގެން ދިވެހި ސަރުކާރުން ވަނީ ހަމަޖައްސާފައިކަމަށެވެ.
ފޮރިން މިނިސްޓަރ ޝާހިދު ވަނީ ހަންގޭރީގެ ޚާރިޖީ ވަޒީރާ މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ގުޅުއްވައި، ޔޫކްރެއިންގައި ތިބި ދިވެހިން ރައްކާތެރިކަމާއެކު ހަންގޭރީއަށް ގެންދިޔުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. ހަންގޭރީގެ ފުރިހަމަ އެއްބާރުލުން ދިވެހިންނަށް ލިބޭނެކަމުގެ ޔަޤީންކަން އެޤައުމުން ދީފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ބުޑަޕެސްޓަށް ދިޔުމަށްފަހު 2 ދުވަހުގެ ތެރޭގައި ދިވެހިން ރާއްޖެ ގެނެވޭނެކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އިވަނޯ-ފްރެންކިވްސްކްގައި ކިޔަވަން ތިބި ދަރިވަރުންނަށް ކުރިން ނުފުރުނީ އެ ދަރިވަރުންގެ ކްލާސްތައް އޮންލައިން ކްލާސްތަކަށް ޔުނިވަރސިޓީއިން ބަދަލުކުރިތަނާ މާ ގިނަ އިރުތަކެއް ނުވެ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެންނެވެ.
ހަރްކީވްގައި ބާކީ ތިބި 8 ދިވެހިން، ޔޫކްރެއިންގެ ހުޅަނގަށް ގެންދިޔުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް އެއީ ވަރަށް ދުރު ހިސާބެއްކަމުން، އަދި ހާލަތު އޮތް ގޮތުން އެކަމުގައި ދަތިތަކެއް އެބަހުރިކަމަށާއި، ރައްކާތެރިކަމާއެކު ހަރްކީވްގައި ތިބި ދިވެހިން ގެންދިޔުމަށްވެސް މަސައްކަތްކުރަމުންދާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ހަރްކީވްގައި ބާކީ ތިބި 8 މީހުންގެ ތެރެއިން 5 ދަރިވަރުންނަކީ އަމިއްލަ އެކި ސަބަބުތަކާ ހުރެ ކުރިން ނުފުރުނު ދަރިވަރުން (ވިސާ އައު ކުރުން ފަދަ ކަންކަން) ހެދިއެވެ. ބާކީ ތިބި 3 މީހުންގެ އާއިލާ ޔޫކްރެއިންގައި ތިބިކަން ބަރލިންގައި ހުންނަ ދިވެހި އެމްބަސީއަށް އަންގާފައިވަނީ އިއްޔެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން ދަނީ ނިޕްރޯގައި ހުރި ދަރިވަރުވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެނައުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި ފޮރިން މިނިސްޓްރީއިން ދަނީ ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އެ ސަރަހައްދުގެ އެކި ގައުމުތަކާއެކު ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމުގައި ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ