އިދިކޮޅު ކޯލިޝަނުން ރާއްޖޭގައި ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕެއިން ނުރައްކާ ވެފައިވަނީ، ސަރުކާރުން އިންޑިއާއާއި އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ގޯސްތަކެއް ހުރިކަން ގަބޫލުކުރެވޭތީ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓަރ) ވިދާޅުވެއްޖެއެވެ.
އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިހަރަކާތް ހުއްޓުވުމަށް ޓަކައި ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީންވެސް ގެންދަނީ މިހަރަކާތުގެ ނުރައްކާތެރިކަން އޮތް މިންވަރު ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް، ކުރަމުންދާ މަސައްކަތާއި ގުޅިގެން މޮސްޓަރ ވިދާޅުވީ، މިހަރަކާތް ހުއްޓުވުމަށް ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދަނީ، އިންޑިއާއާއިއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ބޮޑެތި ގޯސްތަކެއް ހެދިފައިވާކަން ގަބޫލު ކުރެވޭތީކަމަށެވެ. އެއްބަސްވުންތަކުގެ ދިފާއުގައި ކުރަމުންދާ މަސައްކަތަކީ ސަރުކާރުން މިއަދު ކޮންމެ އަގެއް ދައްކައިގެންވެސް ކުރަމުންދާ މަސައްކަތެއްކަން ދިވެހި ކޮންމެ ރައްޔިތަކަށް އެގޭކަމަށް މޮސްޓަރ ވިދާޅުވިއެވެ.
އިންޑިއާ އެކު ހަދާފައިވާ އެއްބަސްވުންތަކުގަ ގޯހެއް ނޫޅޭނަމަ އިންޑިއާ އައުޓް ކެމްޕެއިން އިން ޤައުމީ ސަލާމަތަށް ނުރައްކާވާން ޖެހޭ ސަބަބެއް ނުވިސްނޭ. ކުޑަކުދިންގާތު ދައްކާކަހަލަ ވާހަކަ ނުދައްކާ އިންޑިއާ ސިފައިން ބޭރުކުރޭ. ރައްޔިތުން ނުކުމެ ބޭރު ކުރަން ވީމަ މަންޒަރު ރީޗެއްނުވާނެ.
– މޮސްޓަރ ވިދާޅުވިއެވެ.
މޮސްޓަރ ވިދާޅުވީ މިހަރަކާތަކީ ދިވެހި ރައްޔިތުންނަށްވެސް އަދި އެހެން ޤައުމެއްގެ ރައްޔިތުންނަށްވެސް ނުރައްކާތެރި ހަރަކާތެއްކަމަށް މިހާތަނަށް ސަރުކާރަށް ބުނެދެވިފައި ނުވާކަމަށެވެ. މިހާތަނަށްވެސް ފެނިގެންދާ މަންޒަރަކީ އަމިއްލަ މަޤާމު ދިފާއުކޮށް، ހެދިފައިވާ ޤައުމީ ސަލާމަތަށް ނުރައްކާހުރި އެގްރީމަންޓުތައް ސިއްރު ކުރުމަށް ކުރެވޭ މަސައްކަތް ކަމުގައި އޭނާ ވިދާޅުވިއެވެ.
ގައުމީ ސަލާމަތަކަށް ނުރައްކާވާ ގޮތެއް ދިވެހިން ރައްޔިތުންނަށް ބުނެދީބަލަ. ސަލާމަތަށް ނުރައްކާވާ ވެގެންނެއް ނޫން ތިއުޅެނީ. ލިބޭ ބޮނޑިވަރު ގިނަކަމުންނާއި ތިމާމެން ބާރު ގެއްލިގެން ހިނގައިދާނެތީ.
– މޮސްޓަރ ވިދާޅުވިއެވެ.
އިންޑިއާއާއިއެކު ރާއްޖެއިން ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަކުރުމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ގޮވާލަމުން ދިޔަ ނަމަވެސް އެކަން މިހާތަނަށްކޮށްފައި ނުވެއެވެ. މަޖިލީހުގައި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތުމުން މަޖިލިސް ތެރެއިން ސަރުކާރުން ބޭނުން ނުވާކަމެއް ކުރުމަކީ ފަސޭހަ ކަމަކަށް ވަނީ ނުވަފައެވެ. މިސަބަބަށް ޓަކައި، އިދިކޮޅުން ގެންދަނީ މުޅި ރާއްޖޭގައި އިންޑިއާ އައުޓް ހަރަކާތް ވަރަށް ފުޅާކޮށް ހިންގަމުންނެވެ.