ރާއްޖެއަށް އެތެރެކުރާ ބިސްތަކުގެ ތެރެއިން ކޮންމެ ތިން ބިހަކުން ދެ ބިހަކީ ކުނިވެފައިވަ ބިހަކަށްވާއިރު، ބިހަކަށް ރާއްޖޭގެ މިނިވަންކަން ކޮމްޕްރޮމައިޒް ނުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނުތަކުގެ ތެރެއިން، ރާއްޖެއަށް އެތެރެކުރާ ބިސްފަދަ ތަކެތީގެ ކޮންމެ ތިން ބިހަކުން ދެބިހަކީ އިންޑިއާއިން އެތެރެކުރާ ބިސްކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވަނީ މަޖިލީހުގެ ޓޫފޯވަން ކޮމެޓީގައި ވިދާޅުވެފައެވެ. މާރިޔާ ވިދާޅުވީ ރާއްޖެއާއި އިންޑިއާއި އޮތް ގުޅުމަކީ ހަމައެކަނި އަސްކަރިއްޔާގެ ތެރެއިން އޮތް ގުޅުމެއް ނޫންކަމަށެވެ. ދިވެހިންގެ އެެންމެ އަސާސީ ކަންކަމުގައިވެސް އެންމެ ބޮޑަށް ބަރޯސާވާންޖެހެނީ އިންޑިއާއަށް ކަމަށްވާއިރު، މިހާރު ހިންގާ އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ގެއްލުންވާނީ ރާއްޖޭގެ ރައްޔިތުންނަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާގެ ވާހަތަކަށް ރައްދު ދެއްވައި ޝިޔާމް ވިދާޅުވީ ދިވެހިންގެ މިނިވަންކަމަކީ 2 ބިހަށް ވިއްކާލެވޭނެ އެއްޗެއް ނޫންކަމަށެވެ. ދުނިޔޭގެ ބާޒާރުގައި މިހާރުވެސް އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ބިސްތަކަށްވުރެ މާއަގުހެޔޮކޮށް ބިސް ލިބެންހުރިއިރު، އިންޑިއާއިން ބިސް އެތެރެކޮށްގެން އެބިހުގެ މޮޅުވާހަކަ ދެއްކުމަކީ މާމޮޅުކަމެއް ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ދިވެހިން ތިބީ 2 ބިހަށް މިނިވަންކަން ކޮމްޕްރޮމައިޒް ކުރާ ގޮތަށް ނޫންކަމުގައި ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރ މާރިޔާ ދީދީއަށް ނޭގި އޮތް އެއްޗަކީ 3 ބިހުން 2 ބިސް ކުނިކަން. ދުނިޔޭގެ ބާޒާރުގައި ތާޒާ ބިސް މާ އަގުހެޔޮކޮށް ލިބެން އެބަހުރި. ރާއްޖެއަށް ވިސް އެތެރެ ކުރާ މިންވަރަކީ އަމިއްލަ އަށް އުފައްދައިގެން ރިޕްލޭސް ކުރެވިދާނެ މިންވަރެއް. 2 ބިހަށް މިނިވަންކަން ކޮމްޕްރޮމައިޒް ނުކުރެވޭނެ.
– ޝިޔާމް ވިދާޅުވިއެވެ.
ރާއްޖެއަށް އެތެރެކުރާ ކޮންމެ ތިން ބިހަކުން ދެބިހަކީ އިންޑިއާއިން އެތެރެކުރާ ބިސް: މާރިޔާ
ރައީސް ޔާމީން ޖަލު ހުކުމުން މިންޖުވެވަޑައިގެން ސިޔާސީ ހަރަކާތަށް އަނބުރާ ވަޑައިގެންނެވި ފަހުން "އިންޑިއާ އައުޓް" ހަރަކާތް ވަރަށް ބޮޑަށް ފުޅާކުރައްވާފައިވެއެވެ. އެއާއެކު ސަރުކާރުން ގެންދަނީ އެ ހަރަކާތާ ދެކޮޅަށް ތަފާތު އެތައް ވާހަކަތައް ދައްކަމުންނެވެ. މަސްތުވާތަކެތީގެ ވިޔަފާރިއާ އެ ހަރަކާތް ގުޅުވުމަށްފަހު، މިހާރު ސަރުކާރުން ބުނަމުންދަނީ އިންޑިއާއިން ބައެއް ތަކެތި ގަންނާތީ "އިންޑިއާ އައުޓް" ނުކިޔޭނެ ކަމަށެވެ.
އަދި ސަރުކާރުން ދަނީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ. މިޤާނޫނުގެ އެންމެ ބޮޑު ބޭނުމަކީ އިންޑިއާ އައުޓް ކިއުން ހުއްޓުވުމާއި، އެހަރަކާތްވެސް ހުއްޓުވުމެވެ.
ކޮމެންޓު ފޮނުވާ