އިދިކޮޅު ފަރާތްތަކުން އިސްކޮށް ތިބެގެން ރާއްޖޭގައި ހިންގަމުންދާ އިންޑިއާ އައުޓް ހަރަކާތަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގޭ އެންމެ ނުރައްކާތެރި ހަރަކާތް ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އިންޑިއާ އައުޓް ހަރަކާތާއި ގުޅިގެން މިރޭ އޮތް ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީ (241) ގައި ވާހަކަދައްކަވަމުން މިނިސްޓާރ މާރިޔާ ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތަކީ ޤައުމަށް ހެޔޮ އެދިގެން ހިންގޭ ހަރަކާތެއް ނޫންކަމަށެވެ. މިއީ ޤައުމަށް އިތުރު ގެއްލުމާއި ދަތިތައް ކުރިމަތި ކުރުމަށް ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންވައިގެން ހިންގާ ހަރަކާތެއްކަމަށް މާރިޔާ ވިދާޅުވިއެވެ.
ރައީސް ޔާމީނަކީ ޤައުމަށް ހެޔޮއެދޭ ވެރިއެއް ނޫންކަން ފާހަގަކޮށް މާރިޔާވަނީ، ރައީސް ޔާމީންގެ ޒަޢާމަތުގައިވެސް އިންޑިއާއާއިއެކު ގިނަ އެއްބަސްވުންތަކެއް ވެފައިވާކަން ފާހަގަ ކުރައްވާފައެވެ. ނަމަވެސް މިއަދު މިއެއްބަސްވުންތަކަކީވެސް މިސަރުކާރުން ވެފައިވާ އެއްބަސްވުންތަކެއް ކަމަށް ހަދައި އިތުރަށް މަސްރަހު ގޯސް ކުރަމުންދާކަމަށެވެ. މާރިޔާ ވިދާޅުވީ މިހަރަކާތަކީ ހަމައެކަނި އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަށް އެކަނި އަސަރު ކުރާނެކަމެއް ނޫންކަމަށެވެ.
މިއީ، އަވަށްޓެރި އެހެން ޤައުމުތަކަށްވެސް މިކަމުގެ ސަބަބުން އަސަރުކުރާފަދަ ނުރައްކާތެރި ހަރަކާތެއްގެ މެދުގައި މިނިސްޓަރ ވިދާޅުވިއެވެ. "އިންޑިއާ އައުޓް" ކެމްޕެއިނަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށްވެސް އެތައް ދަތިތަކާއި އުނދަގޫ ކުރިމަތިވާނެ ކެމްޕެއިނެއް ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ މިހަރަކާތުގައި ރައީސް ޔާމީން އިސްކޮށް ހުންވައި ހިންގަވާ ހަރަކާތްތަކީ އެމަނިކުފާނުގެ ވެރިކަމުގައި ހިންވެ ޖަރީމާތައް ނުވަތަ ޤާނޫނާއި ޚިލާފް ކަންކަން ފޮރުވުންކަމަށެވެ. ރައީސް ޔާމީން ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަންގެ އެތައް ކަމަށާއި، އެތައް ބަޔަކަށް ދިން އަނިޔާތަކާއި މިނިވަން ނޫސްވެރިކަން ނިގުޅައިގަތުމަށް ކުރައްވާފައިވާ ކަންކަން މިއަދު ބަލަމުންދާތީ އެކަންކަން އޮއްބާލުމަކީވެސް މިހަރަކާތުގެ މަޤްސަދެއްކަމަށް މާރިޔާ ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ޚާރިޖީ ސިޔާސަތަކީ ޤައުމުތަކާއި ގުޅިގެން އެއްބައިވަންތަ ކަމާއިއެކު ކުރިއަށް ދިއުންކަމަށާއި، ރާއްޖެއަކީ މިއަދު ހުޅުވާލެވިފައިވާ އަވަށްޓެރިންނަށް މަރުހަބާ ކިޔާ ޤައުމެއްކަމަށް މާރިޔާ ވިދާޅުވިއެވެ. ނަމަވެސް ދިވެހިންގެ މިނިވަންކަމާއި ސިޔާސަދަތަށް އަސަރުކުރާނެ އެއްވެސް ކަމަކަށް ދިވެހި ސަރުކާރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ޖާގަ ނުދެއްވާނެކަމަށް މާރިޔާ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ސިފައިންގެ އެކި އޮފިސަރުންވަނީ ވާހަކަ ދައްކަވާފައެވެ. އެބޭފުޅުންވަނީ ރާއްޖެއާއި އިންޑިއާއާއި ދެމެދު ވެފައިވާ އެއްބަސްވުންތަކާއި، އޮތް އެކުވެރި ގުޅުމުގެ ތެރެއިން ބޮޑެތި ފައިދާތަކެއް ރާއްޖޭގެ އަސްކަރިއްޔާއަށް ލިބެމުންދާކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާރު ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން މިގުޅުމަށް ހީނަރުކަން އަތުވެއްޖެނަމަ، ރާއްޖޭގެ އަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެކަމަށް އޮފިސަރުން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ