ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ބައިނަލްއަގުވާމީ އެޖެންސީތަކާ ގުޅިގެން މަސައްކަތް ފަށައިފައިވާކަމަށް ދިވެހި ފުލުހުން ވިދާޅުވެއްޖެއެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ކްރިމިނަލް ކޯޓުން ފުލުހުންނަށް ދީފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
އަލީ ވަހީދަށް ދައުވާކޮށްފައި ވަނިކޮށް ބޭސްފަރުވާ އަށް ފުރުމަށް ކޯޓުން ހުއްދަ ދިނުުމުން އޭނާ ފުރާވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގެ ތެރޭގައެެވެ. އޭގެ ފަހުން އޭނާ ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައެވެ. ކޯޓަށް ހާޒިރުވުމަށް ކްރިމިނަލް ކޯޓާއި ސުޕްރީމް ކޯޓުން އެންގުމުން ވެސް ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. އެހެންވެ ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް ކޯޓުން ދިން ހުއްދައާއި އަލީ ހިލާފުވެ ކޯޓުގައި ހިނގަމުންދާ ޝަރީއަތަށް ކޯޓަށް ހާޒިރުނުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ނިންމަވާ އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން އަމުރުކުރައްވާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޢަލީ ވަހީދު ގެނައުމުގެ އަމުރު، ދިވެހި ފުލުހުންނާ އެކުގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ އެޖެންސީތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ. ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު ޢަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އެ އަމުރު މުރާޖައާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފައެވެ.
ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ, ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ކޯޓަށް ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހުއެވެ.
އަލީ ވަހީދު ރާއްޖޭން ބޭރަށް ފޮނުވާލުމުގައި ޖާމިނުވި އައްސަދު އަލީ ކޯޓަށް ޔަގީންކަން ދީފައި ވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެ ކަމަށެވެ. ނަމަވެސް އެމުއްދަތުގައި އެނާ ކޯޓަށް ހާޒިރުނުވުމުން ކޯޓުންވަނީ އަސްހަދު 15 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ. މިއާއިއެކު އޭނާގެ މަޤާމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކިކޮށްފައެވެ.
އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ގޯނާގެ މައްސަލައިގެ ޝަރީއަތަށް ކޯޓުގައި ފަށައިފައިވަނިކޮށެވެ. ބޭސް ފަރުވާއަށް އަލީ ވަހީދު ފުރަން ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލީ އަސްހަދު އަލީ ޖާމިނުވުމުންނެވެ. އަސްހަދު ޖާމިނުވެފައިވަނީ ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނައިސްފިނަމަ ޒިންމާ އަސްހަދު ނަގާ ގޮތަށެވެ. އެހެންނަމަވެސް މިދިޔަ ފެބްރުއަރީ މަހު ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް އަލީ ވަހީދު ދިރިއުޅެމުން އަންނަނީ އިނގިރޭސިވިލާތުގައެވެ. މިހާތަނަށް ވެސް އޭނާ އެނބުރި ވަޑައިގެންފައި ނުވާއިރު، އަލީ ވަހީދުގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އެބައޮތެވެ.
ކޮމެންޓު ފޮނުވާ