ރާއްޖޭގައި ހިނގާ އެކި ހާދިސާތަކަށް އެންމެ ފުރަތަމަ އިޖާބަދިނުމަށްޓަކައި، ފުލުހުން ޑްރޯން ބޭނުންކުރަން ފަށަން ނިންމައިފިއެވެ. މި ޚިދުމަތް އަންނަ އަހަރު ތަޢާރަފުކުރާނެކަން އިޢުލާނުކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، "ޑްރޯން އޭޒް ފަރސްޓް ރެސްޕޮންޑަރ" ގެ ޚިދުމަތާއެކު، ކަމެއް ރިޕޯޓުކުރުމާއެކު އެ ސަރަޙައްދަކަށް ވަގުތުން ޑްރޯން ފޮނުވޭނެ ކަމަށެވެ. މީގެ ސަބަބުން، މަގުމަތީގެ ކާރޫބާރު ބޮޑުވުމުގެ ސަބަބުން ނުވަތަ ކަނޑުމަގުން ދާންޖެހުމުން ފުލުހުންނަށް އެތަނަކަށް ދިއުން ލަސްވި ނަމަވެސް، ޑްރޯން މެދުވެރިކޮށް އެތަނެއްގެ ހާލަތު ވަގުތުން ދެނެގަނެވޭނެއެވެ. އަދި ޑްރޯންގެ ލައިވް ވީޑިއޯ ފީޑް ކޮމާންޑް ސެންޓަރަށާއި ހާދިސާއަށް ދާ އޮފިސަރުންނަށް ވަގުތުން ފެންނަން ހުންނާނެކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ޚިދުމަތް ޒަމާނީކުރުމަށް ކުރެވޭ އިތުރު މަސައްކަތްތަކުގެ ތެރެއިން، ފުލުހުން ބޭނުންކުރާ ޓެކްނޮލޮޖީ ހޮސްޓުކުރުމަށް އެންމެ ޒަމާނީ ޑޭޓާ ސެންޓަރެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން، 911 އިމަރޖެންސީ ރެސްޕޮންސް ސެންޓަރުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ނިޒާމު އަޕްގްރޭޑްކޮށް، އެހީއަށް އެދި ގުޅާ ފަރާތުގެ ލޮކޭޝަން ވަގުތުން އެނގޭނެ ގޮތާއި، އެ ސަރަޙައްދެއްގައި ހުންނަ ފުލުހުންގެ ކެމެރާތަކުގެ މަންޒަރު ވަގުތުން ފެންނާނެ ގޮތް ހެދުމަށްވެސް ވަނީ ނިންމާފައެވެ. ސަރުކާރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ އެހީގައި ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އެތައް ގުނައަކަށް ފުރިހަމަކުރުމެވެ.
ކޮމެންޓު ފޮނުވާ