ޔުއެފާ ޗެންޕިއަންސް ލީގުގެ ދެވަނަ ބުރުގައި ސްޕެއިންގެ ރެއާލް މެޑްރިޑުގެ މައްޗަށް ޕީއެސްޖީން ކުރި ހޯދައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުގެ ފަރާތުން ވަނީ ބަލާހިތްވާ ކަހަލަ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ރޭގެ މެޗު ފެށުނީއްސުރެން ޕީއެސްޖީން ވަނީ ފުލުފުލުގައި ރެއާލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް ރެއާލް އިން މުޅި މެޗުގައި ފޮނުވާލި ތިން ހަމަލާ ވެސް ގޯލާ އަމާޒު ކޮށްލެވިފައެއް ނުވެއެވެ.
ޕީއެސްޖީ އަށް މެޗުގައި ލަނޑު ޖަހަން ފުރަތަމަ ފުރުސަތު ތަނަވަސް ކޮށްދިނީ ވެސް އެމްބާޕޭއެވެ. އެންހެލް ޑި މާރިއާ އަށް ދިން ބޯޅަ އޭނާ ފޮނުވާލުމުން ގޯލާ އަމާޒު ނުވި އިރު، އޭގެ ފަހުން އެމްބާޕޭ ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ ދިޔާއު ކޮށްފައެވެ.
ޕީއެސްޖީއަށް މި މެޗުގައި ލަނޑުޖަހާ ލީޑުނަގާނެ ރަނުގެ ފުރުސަތެއް ލިއޮނަލް މެސީއަށް ލިބިގެންދިޔައެވެ. މެޗުގެ 62 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކީޕަރު ކޯޓުއާ އެ ބޯޅަ ދިފާއުކުރިއެވެ. އެއާއެކު މެސީ ވަނީ ޗެމްޕިއަންސް ލީގުގައި ޕެނަލްޓީ ބޭކާރުކުރުމުގެ ރެކޯޑަކާއި އަރާ ހަމަކޮށްފައެވެ. އެއީ އެންމެ ގިނައިން ޕެނަލްޓީ ބޭކާރުކުރި ކުޅުންތެރިންގެ ލިސްޓުގެ ތެރެއިންނެވެ.
ނޭމާ މި މެޗުގައި ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައެވެ. އޭނާއަށް މި މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތައް ވީ ބޭކާރެވެ. މެޗުން ޕީއެސްޖީ މޮޅުވި ލަނޑު އެމްބާޕޭ ކާމިޔާބުކޮށްފައި ވަނީ އިތުރު ވަގުތުގެ ތެރޭގައެވެ. މިއީ ނޭމާ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަބުރުގައި ރެއާލް މެޑްރިޑް އަދި ޕީއެސްޖީ ބައްދަލުކުރާ ދެވަނަ ލެގު ކުޅޭނީ ރެއާލްގެ ދަނޑުގައި އަންނަ މަހުގެ 9 ގައެވެ.