ހޫނު މޫސުމުގައި ކަރަންޓު އިޤްތިޞާދު ކުރާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ސްޓެލްކޯއިން އިޢުލާންކޮށްފިއެވެ.
ކޮންމެ އަހަރެއްގެވެސް ކުރީކޮޅަކީ އާއްމުކޮށް ރާއްޖެއަށް ހޫނު ގަދަ ދުވަސްތަކަކަށްވާއިރު، އެދުވަސްވަރު ކަރަންޓް ބިލް ބޮޑުވާ މައްސަލަ އާންމުކުރެއެވެ. އެ ދުވަސްވަރު އެއަރކޮންޑިޝަންފަދަ ކަރަންޓު ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުވެ ކަރަންޓުގެ ލޯޑު ބޮޑުވެއެވެ. މިއާ ގުޅިގެން ކަރަންޓު ބިލްތަކަށް ބާރު ބޮޑުވުމާއި، އަދި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެ ކަރަންޓު ކެނޑުމުގެ މައްސަލަތައްވެސް ދިމާވެއެވެ.
މިއާއި ގުޅިގެން ސްޓެލްކޯއިންވަނީ ކަރަންޓު ސަމަކާރަ ނުވަތަ (އިޤްތިޞާދު) ކުރުމުގެ ކެމްޕެއިނެއް ފަށާފައެވެ. މިއީ "ސޭވް އެނަރޖީ" ކެމްޕެއިން ކުރިއަށްގެންދާ 4ވަނަ އަހަރެވެ. މިއަހަރުގެ ހޫނު މޫސުމާ ދިމާކޮށް، ކަރަންޓު ލޯޑު ކުޑަކޮށް އިޤްތިޞާދު ކުރުމަށް އާއްމުން ހޭލުންތެރިކުރުމަށް ސްޓެލްކޯއިންވަނީ ގިނަ ކަންތައްތަކެއް ރާވާފައެވެ.
ސްޓެލްކޯގެ ސޭވް އެނަރޖީ ކެމްޕެއިންގެ މަޢުލޫމާތު ޙިއްސާކުރައްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، މިކެމްޕެއިނާއެކު ވޭތުވެ ދިޔަ 2އަހަރު ކަރަންޓާ ގުޅޭގޮތުން ހުށައަޅާ ޝަކުވާތައް މަދުވެފައިވާކަން ފާހަގަކުރެވުނުކަމަށެވެ. މުޣްނީ ވިދާޅުވީ ކަރަންޓު ވަސީލަތްތައް ބޭނުންކުރުމުގައި ސަމާލްވުމާއި އަދި އިޤްތިޞާދުކުރުމުގެ ސަބަބުން ބައެއް ގޭގޭގެ ބިލް %15އަށްވެސް ކުޑަވާކަމަށެވެ. މިފަހަރުގެ ކެމްޕެއިންގައި އެންމެ ބޮޑަށް ކަރަންޓު އިޤްތިޞާދުކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ކުރިއަށްގެންގޮސް، ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މުޣްނީ ވިދާޅުވިއެވެ.
އަޅުގަނޑުމެން ބިލް ކުރާކަށް ބޭނުމެއް ނުވޭ އެމީހަކު ބޭނުން ނުކުރާ ކަރަންޓަކަށް. ހަގީގަތުގައި ކަރަންޓު ބޭނުންކުރުމުގައި ސަމާލްކަންދޭނަމަ %15-%20އަށްވެސް ބިލް ކުޑަކުރެވިފަ އެބަހުރި
– ޙަސަން މުޣުނީ ވިދާޅުވިއެވެ.
ސްޓެލްކޯއިން ދެން ރާވާފައިވާ ކަންކަމުގެ ތެރޭގައި ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ދީ، އާއްމުން ޙޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެއެވެ. އަދި ސްކޫލްތަކުގެ އިތުރުން، އޮފީސްތަކަށްވެސް ޕްރޮގްރާމްތައް ކުރިއަށްގެންދާނެއެވެ.