އެމެރިކާއިން ހިފަހައްޓާފައިވާ އަފްއާނިސްތާންގެ ފައިސާގެ އެއްބައި 9/11ގަ ގެއްލުން ލިބުނު އާއިލާތަކަށް ދެނީ

އެމެރިކާއިން ހިފަހައްޓާފައިވާ އަފްއާނިސްތާންގެ ފައިސާގެ އެއްބައި 9/11ގަ ގެއްލުން ލިބުނު އާއިލާތަކަށް ދެނީ

Author
ހުސެއިން
12 ފެބްރުއަރީ 2022 06:42
0

އެމެރިކާއިން ހިފަހައްޓާފައިވާ، އަފްއާނިސްތާން ސަރުކާރުގެ 7 ބިލިއަން އެމެރިކާ ޑޮލަރު ދެބައިކޮށް، އޭގެ އެއްބައި، އިންސާނީ އެހީގެ ގޮތުގައި އަފްއާނިސްތާން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށާއި، އަދި އޭގެ އަނެއްބައި، 9/11 ގައި އެމެރިކާއަށް ދިން ޓެރަރިސްޓު ހަމަލާގައި ގެއްލުން ލިބުނު އާއިލާތަކަށް ލިބިދެވޭނެ މަގު ފަހި ކުރުމުގެ ގޮތުން އެފައިސާ ދޫނުކޮށް ބެހެއްޓުމަށް އަމުރުކޮށް، އެމެރިކާގެ ރައީސް ޖޯ ބައިޑްން ރިޔާސީ އަމުރެއްގައި ސޮއި ކުރައްވައިފިއެވެ.

މި ހަފްތާގެ ހުކުރު ދުވަހު ބައިޑްން ސޮއި ކުރެއްވި ރިޔާސީ އަމުރުގައި ބުނެފައިވަނީ، މިވަގުތު އެމެރިކާގެ ނިއުޔޯކުގެ ފެޑެރަލް ރިޒާވުގައި ހިފެހެއްޓިފައިވާ 7 ބިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން 3.5 ބިލިއަން އެމެރިކާ ޑޮލަރު "އަފްއާނިސްތާން ރައްޔިތުންނަށާއި އަދި އަފްއާނިސްތާނުގެ މުސްތަގުބަލަށް އެހީތެރިވެދިނުމަށް" ފޯރިކޮށް ދިނުމަށް މަސައްކަތް ކުރާނެ ކަމުގައެވެ.

ހަމައެއާއެކު މި ރިޔާސީ އަމުރުގައި ވާގޮތުން، މިފައިސާ، ގާނޫނީ ނިންމުމެއް އަންނަންދެން ހިފެހެއްޓޭނެއެވެ. ވައިޓުހައުސްއިންވަނީ، މީގެ ކުރިން އެމެރިކާގެ ކޯޓަކުން ތާލިބާން ޖަމާއަތާއި އަދި އަފްއާނިސްތާނުގެ އެނޫން ގުރޫޕަތަކުގެ ނަންވެސް ހިމެނޭގޮތަށް ކޮށްފައިވާ ހުކުމަކަށް ރިއާޔަތްކޮށް، ސެޕްޓެމްބަރ 11ގެ ހަމަލާގައި ގެއްލުން ލިބުނު އާއިލާތަކުން، މިފައިސާއަކީ އެފަރާތްތަކަށް ހައްގުވާ ފައިސާކަމަށް ބުނެފައިވާކަން ހަނދާން ކޮށްދީފައެވެ.

ބައިޑްން ސޮއި ކުރައްވާފައިވާ ރިޔާސީ އަމުރުގައި ވާގޮތުން، ގާނޫނީ ނިންމުމަކުން، މި 3.5 ބިލިއަން ޑޮލަރު އަފްއާނިސްތާނުގެ ރައްޔިތުންނަށް ލިބިދިނުމަށް ނިންމި ކަމުގައިވި ނަމަވެސް، ހިފެހެއްޓިގައިވާ އަނެއް 3.5 ބިލިއަން ޑޮލަރު، ސެޕްޓެމްބަރ 11ގަ ގެއްލުން ލިބުނު އާއިލާތަކުން މިހާރު ކުރިޔަށް ގެންދާ ގާނޫނީ މަރުހަލާ ނިމެންދެން އެމެރިކާގައި ހިފަހައްޓާފައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާގެ ވައިޓު ހައުސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ބައިޑްންގެ މި ރިޔާސީ އަމުރުފުޅުގެ މަގުސަދަކީ މިފައިސާ ތާލިބާން ޖަމާއަތާއި އަދި އެނޫންވެސް މިފަދަ ޖަމާއަތްތަކަށް ލިބުނަ ނުދީ، މިފައިސާ ސިދާ އަފްއާނިސްތާނުގެ ރައްޔިތުންނަށް ފޯރު ކޮށްދިނުކުގެ މަގު ފަހިކުރުމުގެ ގޮތުން ސޮއިކުރެއްވި ރިޔާސީ އަމުރުފުޅެއް ކަމުގައެވެ.

ފާއިތުވެދިޔަ އަަހަރު ތާލިބާން ޖަމާއަތުން އަފްއާނިސްތާން އެ ޖަމާއަތުގެ ބާރުގެދަށަށް ގެނައުމާއެކު، ބޭރުގެ ގައުމުތަކާއި އަދި ބައިނަލް އަގުވާމީ މުވައްސާތަކުގައި ހުރި، އަފްއާން ސެންޓްރަލް ބޭންކުގެ އެސެޓްތައް ވަނީ ފްރީޒް ކޮށްފައެވެ. މިގޮތުން 10 ބިލިއަން ޑޮލަރު ފްރީޒް ކޮށްފައިވާއިރު އޭގެތެރެއިން 7 ބިލިއަން ޑޮލަރު ހުރީ އެމެރިކާގައެވެ.

އަފްއާނިސްތާނަށް މިހާރު ކުރިމަތިވެފައިވާ އިންސާނީ ކާރިސާއިން ސަލާމަތްވުމަށާއި، އަޑ އަޅާލާފައިވާ އެގައުމުގެ އިގްތިސާދު ކޮޅަށް ޖެހުމަށްޓަކާ މިފައިސާ ދޫކޮށް ދިނުމަށް، ތާލިބާން ޖަމާއަތުން ވަނީ އެމެރިއަށާއި ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައެވެ. އަދި އެމެރިކާއިން އެންމެ ފަހުން ނިންމި ނިންމުމަށްވެސް ތާލިބާން ސަރުކާރުންވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.