މިދިޔަ ޖުލައި މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 3.41 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އާމްދަނީގެ ތެރެއިން 108.36 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭއިރު، މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 1.3 އިންސައްތަ އިތުރު އަދަދެކެވެ. މީރާ އިން ބުނިގޮތުގައި މިދިޔަ މަހު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބޭންކް އިންކަމް ޓެކުހުގެ ގޮތުގައި ސުންގަޑީގެ ކުރިން އެޑްވާންސް ޕޭމަންޓް ދެއްކުމާއި، މިއަހަރުގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް ފާއިތުވި އަހަރަށްވުރެ ބޮޑުވުމާއި، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އިތުރުވުމާއި، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު ޖީއެސްޓީ އިތުރުވުން ހިމެނެއެވެ. މީގެ އިތުރުން ޖުލައި މަހުގެ ކުއާޓަރލީ ޖީއެސްޓީ ސުންގަޑިއަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިންމާލުމުން ވެސް އާމްދަނީއަށް ބޮޑު އެހީއެއް ލިބިފައިވެއެވެ.
މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ކުރަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެގޮތުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 1.66 ބިލިއަން ރުފިޔާ (48.6 އިންސައްތަ) ލިބިފައިވާއިރު، ޖީއެސްޓީގެ ގޮތުގައި 1.04 ބިލިއަން ރުފިޔާ (30.4 އިންސައްތަ) ލިބިފައިވެއެވެ. މީގެ ބޭރުން ގްރީން ޓެކުހުގެ ގޮތުގައި 142 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 136 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 134 މިލިއަން ރުފިޔާ، އަދި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި 81 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ނުލިބި ހުރި ފައިސާ ހޯދުމަށް ޖުލައި މަހު މީރާއިން ކުރި މަސައްކަތުން ޖުމްލަ 449 މިލިއަން ރުފިޔާ ހޯދާފައިވާއިރު، މީގެ ތެރެއިން ނޯޓިސް ފޮނުވައިގެން 248 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 92 މިލިއަން ރުފިޔާ، އަދި އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން 78 މިލިއަން ރުފިޔާ ހޯދާފައިވެއެވެ. މީރާއިން ބުނިގޮތުގައި ޖުލައި މަހު ލިބުނު ޖުމްލަ އާމްދަނީގެ 18.4 އިންސައްތައަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އެ މުއްދަތުގައި ލިބުނު އާމްދަނީގެ 11 އިންސައްތައަކީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ލިބުނު ފައިސާއެވެ.
ކޮމެންޓު ފޮނުވާ