ޤައުމުގެ ސިޔާދަތު ވިއްކާލީ، ކިހާ މިލިއަނެއް، ކޮންބަޔަކަށް ޚަރަދު ކޮށްގެންތޯ ބަލަންޖެހޭ: ސައީދު

ޤައުމުގެ ސިޔާދަތު ވިއްކާލީ، ކިހާ މިލިއަނެއް، ކޮންބަޔަކަށް ޚަރަދު ކޮށްގެންތޯ ބަލަންޖެހޭ: ސައީދު

ގުޅުންހުރި

ޤައުމުގެ ސިޔާދަތު ވިއްކާލީ ކިހާމިލިއަނެއް ކޮންބަޔަކަށް ހަރަދު ކޮށްގެންތޯ ބަލަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ރާއްޖޭގައިތިވި އިންޑިއާގެ ސިފައިން ބޭލުނަށް އިދިކޮޅު ކޯލިޝަނުން ހުންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތާއި ގުޅިގެން މިއަދު 241 ކޮމެޓީގައި ހޯމް މިނިސްޓަރ އިމްރާނާއި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުންނެވެ.

ސިޕި ހަމީދު ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތުން ރައްޔިތުންގެ ރައްކާތެރިކަމުގެ އިތުރަށް ޤައުމުގެ ދާޚިލީ ސަލާމަތައްވެސް ނުރައްކާ އެބައޮތްކަމަށެވެ. މިފަދަ ޙަރަކާތްތަކުން ދިމާވެދޭނެ ނުރައްކަލަކުން ރައްޔިތުންނާއި ޤައުމުގެ ސަލާމަތްކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންނަށްވެސް ތަފާތު ގޮންޖެހުންތައް ކުރިމަތިވާކަން ސީޕީ ފާހަގަކުރެއްވިއެވެ.

ސީޕީގެ ވާހަކަތާއި ގުޅިގެން ސައީދު ވިދާޅުވީ ރާއްޖެއަސް އިންޑިއާގެ އަސްކަރީ ސިފައިން ގެނެސް ރާއްޖޭގެ ސިޔާދަތު ވިއްކާލީ ކިހާ މިލިޔަނެއް ޚަރަދުކޮށްގެންތޯ އަދި އަކަން ކުރީ ކޮންބައެއްތޯ ބަލަންޖެހޭކަމަށެވެ. އަދި ނިމިދިޔަ ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖެއަށް އިންޑިއާގެ ޖީއެމްއާރު ގެނެސް ހިންގި ޖަރީމާގައި ރައްޔިތުންގެ މާލިއްޔާއިން އެތައް މިލިޔަން ރުފިޔާ ޚަރަދުކުރަންޖެހުނުކަމަށް ސައީދު ވިދާޅުވިއެވެ.

އިންޑިއާ އައުޓުގެ ކުރިން، އިންޑިއާ ސިފައިން މިރާއްޖެއަށް ގެނެސް، ޤައުމުގެ ސިޔާދަތު ވިއްކާލީ ކިހާމިލިއަނެއް ކޮންބަޔަކަށް ހަރަދު ކޮށްގެންތޯ ބަލަންޖެހޭ. އައުޓުކުރުމަށް ރައްޔިތުން ދައްކާއަގު އަގުނުކުރެވޭނެ! GMR ބޭރުކުރެވުނީވެސް ބިލިއަނުން އަގު ދައްކައިގެން! އަދިވެސް އެތަކުލީފުން ރައްޔިތުން އަރައިނުގަނޭ.

– ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ ޤާނޫނުތަކާއި، ގަވާއިދުތަކާއި ޚިލާފަށް ރާއްޖޭގައި އެހެން ޤައުމެއްގެ އަސްކަރީ ސިފައިން ބޭތިއްބުމަށް ވަކާލާތު ކުރަމުންދާ މީހުންގެ މަޤްސަދާއި މެދުވެސް ސުވާލު އުފެދޭކަމަށެވެ. މިފަދަ ވާހަކަ ދައްކަވާ ހުވާކޮށްގެންތިބި ކޮންމެ ވެރިޔަކު މަޤާމުން އިސްތިއުފާ ދެއްވަންޖެހޭކަމަށް ސައީދު ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުން ގެއްލުންނުވާކަމަށް ބުނުމާއި، އެޤައުމުގެ ސިފައިން ބާލަން ގޮވާލުމުން، ދާޚިލީ ހަމަޖެހުމަށް އަސަރުކުރާނޭ ކަމަށް ބުނުން މިއީބޮޑު އަރަތެއް! ޕޮލިސް ކަމިޝަނަރ އިސްތިއުފާ ދޭންޖެހޭ. ކުރެއްވިހުވަޔާއި އެވަނީ ޚިލާފުވެފަ.

– ސައީދު ވިދާޅުވިއެވެ.

މިއަދުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ މި ޙަރާކަތް ހިންގާއިރު މުޅި ރާއްޖެއާ ގުޅުންހުރި ގިނަ ކަންކަން އިންޑިއާއާ އެކުގައި ހިނގަމުންދާކަމަށެވެ. ރާއްޖޭގައި އެތަކެއް ޑޮކްޓަރުންނާއި ނަރުހުންނާއި މުދައްރިސުން ތިބިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މި ހަރަކާތުގެ ސަބަބުން ރާއްޖޭގައި ތިބި އިންޑިއާގެ ޚިދުމަތްތެރިންނަށް އިންޒާރުލިބޭ ހިސާބަށް ދާކަމަށެވެ.

މި މައްސަލަ ދިރާސާކުރުމާ ބެއްވި ފުރަތަމަ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ރާއްޖެއާއި ބައިނަލްއަޤްވާމީ ގުޅުން ޤާއިމްކޮށްފައިވާ ޤައުމުތަކާ އިދިކޮޅަށް އިންތިޒާމްވެގެން ރާއްޖޭގައި ހަރަކާތް ހިންގައިފިނަމަ އޭގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކީ ކޮބައިތޯ ދެނެގަންނަން ޖެހޭކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، ވަކި ޤައުމަކަށް ނުވަތަ ވަކި ޝަހުސިއްޔަތަކަށް ފާޑުކިޔުމަކީ މައްސަލައެއް ނޫންކަމަށެވެ. ނަމަވެސް ދިވެހިންގެ ބަޔަކު އިސްވެ ވަކި ޤައުމަކާ ދެކޮޅަށް ހަރަކާތްތަކެއް ހިންގުމަކީ އެކަމުގެ ސަބަބުން ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއްކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ